ލ. އަތޮޅުގައި ޓޫރިޒަމް ޓެރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލު ކުރި އެ އަތޮޅު ބޮޑުފިނޮޅުގެ މައްސަލައިގައި ސަރުކާރާއި މަސައްކަތް ހަވާލު ކުރި ކުންފުންޏާއި އެކު ކުރާ މަޝްވަރާތަކަށް އެއްވެސް ހަލެއް ނުލިބޭކަމަށާއި ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތުގައި ވެސް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިއީ މީގެ 15 އަހަރު ކުރިން، ލ. އަތޮޅުގައި ޓޫރިޒަމް ޓެރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލު ކުރި މަޝްރޫއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަރައްގީކޮށް ބިނާކުރުމަށް ރިސޯޓެއް ތަރައްގީ ކުރުމަށް 2008 ގައި އޭރުގެ ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ މާލޭގެ މޭޔަރުކަން ކުރި ސަރަންގު އާދަމް މަނިކާއި ޕްރިމިއަ އިކުއިޓީއާ ކުންފުންޏާއި އެވެ.
25 އަހަރުގެ މުއްދަތަކަށް ރަށް ހަވާލުކުއިރު މަޝްރޫއުގެ ދަށުން 4.6 ހެކްޓަރުގެ ބިން ތަރައްގީ ކުރަން ޖެހެ އެވެ.
މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު ހާޒިރު ކުރުމުން، ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވަނީ މި މައްސަލަ ހައްލު ނުވެ އޮތް ސަބަބާއި ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. މީގެ ކުރިން ވެސް ވިސާމް ވަނީ ބޮޑުފިނޮޅު މައްސަލައިގައި ކަމާއި ބެހޭ އިދާރާތްތަކާއި ބައްދަލު ކުރުމުން ވެސް ހައްލެއް ލިބިފައި ނުވާކަން ފާހަގަކޮށްފަ އެވެ. އަދި ތަފާތު އެކި ފަހަރު މަތީން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކާއި ބައްދަލު ކުރިކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
އެހެންވެ ވިސާމް މިނިސްޓަރާއި ސުވާލު ކުރެއްވީ ބޮޑުފިނޮޅު މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް ކުރިޔަށް ގެންދާނެތޯ އާއި، އެ މަސައްކަތް އެއްވެސް މިންވަރަކަށް ކުރިޔަށް ނުދާނަމަ އިތުރު ބަޔަކާއި އެ މަސައްކަތް ހަވާލު ކުރުމަށް މިނިސްޓްރީން ކުރަމުން ދާ މަސައްކަތާއި ގުޅޭގޮތުންނެވެ.
ޖަވާބުގައި މައުސޫމް ވިދާޅުވީ، ޓެރެއިނިން ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ބޮޑުފިނޮޅާއި ގަމު ތުނޑީގެ އަވަށުގެ ބޮޑު ސަރަހައްދުގެ މަސައްކަތް ކުރިޔަށް ނުދާތީ ބޮޑު ބަދަލެއް ދިނުމަށް ފަހު އެތަން ނެގުމާއި މެދު ވިސްނަމުން ދާކަމަށެވެ. މައުސޫމް ވިދާޅުވީ، ލ. އަތޮޅު ކައުންސިލާއި އަދި ދާއިރާތަކުގެ މެމްބަރުންނާއި ވެސް އެންމެ ބޮޑަށް ކުރެވުނު މަޝްވަރާއަކީ ބޮޑުފިނޮޅަށް ހައްލެއް ގެނައުން ކަމަށެވެ.
މައުސޫމް ވިދާޅުވި ގޮތިގައި ބޮޑުފިނޮޅުގެ މަސައްކަތް އެތައް އަހަރު ދުވަހެއް ދިގުލައިގެން ދިއުމުން އެ މަސައްކަތް ޕްރިމެއާ ކުރެވިދާނެކަމަށް މެމްބަރުންނާއި ކައުންސިލުން ގަބޫލެއް ނުކުރެ އެވެ. ހާއްސަކޮށް މިއީ ކޯޓުގައި ވެސް ކުރިޔަށް ދާ މައްސަލައެއްކަމަށްވުމާއި އެކު ހައްލު ހޯދުމަށް ބޭރުން ކުރާ މަސައްކަތް އެއްވެސް ކޮޅެއްގައި ނުޖެހޭކަމަށް މައުސޫމް ވިދާޅުވި އެވެ.
”ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަށް ދިއުމަށް ބައިނަލްއަޣުވާމީ ޔުނިވާސީޓީ ނުވަތަ ކޮލެޖެއް ހުރުމަކީ ކޮންމެހެން ވެސް ފަތުރުވެރިކަމިގެ ދާއިރާގެ މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ކަމެއް..“ މައުސޫމް
މައްސަލަ ކޯޓުން ބޭރުން ވެސް ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަކަން ފާހަގަކޮށް މައުސޫމް އިތުރަށް ވިދާޅުވީ، ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އެހެންކަމުން ދެން އޮތީ ކުންފުނިން ދައުލަތަށް ދެއްކި 2.7 މިލިއަން ޑޮލަރު ދިނުމާއި މެދު ގޮތެއް ނިންމުން ނުވަތަ ވަކި ކުރުން ކަމަށެވެ.
މައުސޫމް ވިދާޅުވީ ބޮޑުފިނޮޅު ތަރައްގީ ނުކުރެވި، މައްސަލަ ގޯސްވެފައި އޮތުމުން މިހާރު ތަން ވަކި ކުރާ ހާލަތަށް ވެސް ގޮސްފައިވާކަމަށެވެ. އަދި އެ މަސައްކަތް ދޭން ޖެހޭ ބަދަލެއް ދީގެން ނަމަވެސް ކުރަން ޖެހިފައިވާކަމަށް ވިދާޅުވި އެވެ. އެކަމަކު، މި މަސައްކަތުގައި ސަރުކާރުގެ މަސައްކަތަށް ކުރިއެރުމެއް ނުލިބޭކަން މައުސޫމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
މައްސަލަ ހައްލު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ވެސް ކޯޓުގައި މައްސަލަ އޮތުމުންނާއި އެކީގަ އެވެ. އަދި ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ އަދަދާއި ގުޅޭގޮތުން ވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެވެ.
ވިސާމް ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ކުޑަ ނަމަ ދެން އޮތް ހައްލަކީ ކޮބައިތޯ ސުވާލުކޮށް، އެކަމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ މަޝްވަރާ ކުރަން މަސައްކަތް ކުރި ނަމަވެސް ޑިމާންޑުތަކާއި ހުށަހެޅުންތަކަށް އެއްބަސްވެވޭ ހިސާބަކަށް އަދިވެސް ނުދާ ކަމަށެވެ. އެހެންކަމުން، ތާށިވެފައި އޮތީ މަޝްވަރާ ހަމައިގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

