ރާއްޖެ ތަހުޒީބުވެ ކުރިއަރާފައިވާކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އާ ހަރުފަތަކަށް ގެންގޮސްފައިވާކަމަށް އިސް މަގާމަތުގައި ތިއްބެވި ބޭފުޅުން ތަކުރާރުކުރަމުން ދިޔަނަމަވެސް ދިވެހިރާއްޖޭގެ މަގުތައް މަތިން ފެންނަމުންދަނީ އެހެން މަންޒަރެކެވެ. ގައުމުގެ ހާލަތު ދެރައެވެ. ދެކެވެމުންދާ ވާހަކަތަކާއި ހަގީގަތާއި ވަރަށްވެސް ދުރެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ތިބީ އަނގަޔާ އަތާ ދިމާ ނުވާ ހާލަތުގައެވެ.
ދިވެހި މުޖުތަމައުގެ ތަނަވަސްކަން ގެއްލި، އެތައް ބަޔަކު ހާލުގައި ޖެހި، ގިނަ އަދަދެއްގެ ދިވެހިން މިއަދު މަގުމަތިވެއްޖެއެވެ. ޒައްރެއްގެ ނަމަވެސް ބޯހިޔާވަހިކަން ކަށަވަރު ކުރެވިފައިވާ މީހުން ގައުމުގެ ތަނަވަސްކަން ގެއްލިގޮސްފައިވާކަމާއި ދެކޮޅު ހެދި ނަމަވެސް، މަގުތައް މަތީގައި ސަލާން ޖެހުމުގައި މިއަދު ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު ގައުމުތަކުގެ މީހުންވެސް ހަރަކާތްތެރިވެ އުޅެއެވެ. އެ ހިތްދަތިކަން ތަހައްމަލު ކުރުމަށް އެއްވެސް ބަޔަކު އިހުތިޔާރު ނުކުރާނެކަން ކަށަވަރެވެ.
”ހަޔާތްކުޑަ“ ކަމުން، ”ނުލަފާކަމުން“ މި ފަދަ ބަހެއް ރައްދު ކޮށްލައި، ހާލައިގެން ދިރިއުޅުމަށް ދަތިވެފައިވާ މީހުންނަށް ފަސްދީ ދަނީ ސަބަބެއް އޮވެއެވެ. އާންމު ގޮތެއްގެ މަތިން މި ވާހަކަތައް ދެކެވޭ އަޑު އިވިގެން ނުދާ ސަބަބުތައްވެސް ހުރެއެވެ. އެފަދަ ދެރަ ދުވަހެއް ތިމާއަށް ތަހައްމަލު ކުރަންޖެހިދާނެ ކަމާއިމެދު ވިސްނާ ފިކުރު ކުރަން ބޭނުމެއް ނުވުމަކީ އެއް ސަބަބެވެ. އަދި ލުހިގެން އައިސްދާނެ ރޮދި ފަށެއް ފަދަ ހަޔާތެއް ދިރިއުޅެމުންދާ ކޮންމެ ބަޔަކަށްވެސް އެ ދުވަސް އައިސް ޖެހުމަކީ ގާތްކަމެއްކަމަށްވުމުން، އެ ބިރުވެރި އަދި ނުތަނަވަސްކަން އާލާ ކުރުވާ ހިޔާލުތަކާއި ކުރިމަތިލާންވެސް ބޭނުން ނުވާނެއެވެ.
އެހެންނަމަވެސް މިއަދު ގައުމުގެ އިޖްތިމާއީ ކަންކަން ގޯސްވެފައިވާ ވަރުން، މިކަމަކީވެސް ހައްލެއް ގެންނަން ޖެހިފައިވާ މައްސަލައެކެވެ. އަމާންކަން ގެއްލި ފުނޑެމުންގޮސް މުޖުތަމައު މި ބައްޓަންވެގެންދަނީ އަނބި ދަރިނާއި އުމުރުން ދުވަސްވެފައިވާ މައިންބަފައިން އެކަނި ދޫކޮށްލުމަށް ފަސް ޖެހޭ ފަދަ ތަނަކަށެވެ. ކުށްތަކަށް އަރައިގަންނަމުންދާ މިންވަރާއި، އަރައިގަންނަމުންދާ ކުށްތަކުގެ ބާވަތްތައްވެސް އިތުރުވެއްޖެއެވެ. މިއީ ގައުމުގެ ހިންގުންތެރިކަމުގެ އެކި ދާއިރާތަކުގެ ތެރޭގައި ވެފައިވާ އިހުމާލުތަކުގެ ނަތީޖާއެވެ.
މަގުތައް މަތީ ދުވަސްތަކެއް ވޭތުކުރަމުންދާ ޒުވާނުންނާއި ދުވަސްވީ ބޭފުޅުންވެސް ގިނަވެ، ނުރައްކާތެރި މާހައުލެއް ދަނީ ގާއިމުވަމުންނެވެ. ދިރިއުޅެވެން އޮތީ ވައްކަން ކުރުމާއި މާރާމާރީ ހިންގުން އަދި ފޭރުމާއި ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުން ފަދަ ކުށްތަކަށް އަރައިގަނެގެންކަމަށް ވިސްނިގެން ދާނެ ފަދަ މާހައުލެއްގައި ބަޔަކު މީހުން ދިރިއުޅެންޖެހިފައިވުމަކީ މުޅި މުޖުތަމައަށް އެކަމުގެ ނޭދެވޭ އެތަކެއް އަސަރުތަކެއް ކުރާނެ ކަމެކެވެ.
މި ގޮތުގެ މަތިން ކަންކަން ދާން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. މިކަމާއި ތިބާ އާއި ގުޅުމެއް ނެތްކަމަށް ދެކޭ ނަމަ، ވައްކަމެއްވެސް ކުރެވޭނީ މުދާ ތިބި ބައެއްގެ އަތުންކަން ދަންނާށެވެ. އަދި ކުށް ކުރުމުގެ ތެރެއިން އޮޅިގެން ކަމާއި ނުގުޅޭ މީހުންނަށްވެސް ގެއްލުން ދެވިފައިވާކަންވެސް އެންމެންވެސް ހަނދުމައިގައި ބެހެއްޓުން ވަރަށްވެސް މުހިންމެވެ.
އެހެންކަމުން ކުރާ އަމަލެއްގެ ސަބަބުން ގެއްލިގެންދާނެ އެއްވެސް އެއްޗެއް ތިމާގެ ނަމަށް ނެތް ނަމަ އަދި ތިމާ ކުރާ އަމަލަކާއި ވިދިގެން މާނައެއް ހުރި ގޮތެއްގައި ނުރުހުން ފާޅުކުރާނެ ފަރާތެއް ނެތް މީހަކު މަގުމަތިވެ، ބަނޑުހައި ހޫނުކަމާއި ރޭގަނޑުގެ އަނދިރީގެ ފިނިކަމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން، ކޮށްފާނެ ނުކޮށްފާނެ ކަމެއް ފަހުމް ކުރުން ވެގެންދާނީ ދަތިކަމަކަށެވެ.
ކޮންމެ މީހަކީވެސް، ބަނޑުހައިހޫނުކަން ފިލުވާލުމަށް އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހައި ހޫނުކަން ތަހައްމަލު ކުރަން ނުޖެހޭނެކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ތައްޔާރަށް ތިބޭނެ ބައެކެވެ. އެހެންކަމުން ސައްހަ ގޮތުގައި ގާނޫނީ އިމުގެ ތެރޭގައި ރީތި މަސައްކަތެއް ކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުސަތުން މަހުރޫމްވެފައިވާނަމަ، ދެން ނެގޭ ކޮންމެ ފިޔަވަޅެއްވެސް އެޅޭނީ ކުރަހާފައިވާ އިމުން ބޭރުގައިކަން ކަށަވަރެވެ.
މިހާލަތު އިތުރަށް ގޯސްވާން ދިނުމަކީ ގައުމުގެ އަމަން އަމާންކަން ގެއްލިދާން ފުރުސަތު ދިނުމެވެ. ދިރިއުޅެމުންދާ ކަމެއް، އަދި ދިރިއުޅެމުންދާ ތަނެއް ނޭނގި ގައުމެއްގައި ބަޔަކު ދިރިއުޅޭ ނަމަ އެއީ ބޮޑު ނުރައްކަލެކެވެ. އަދި މިއީ އިންތިހާއަށް ހިތާމަވެރިވެސް ކަމެކެވެ. އެފަދަ ހާލަތެއް ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ ފަރާތެއްގެ މައްޗަށް އިންސާފު ގާއިމު ކުރުން ވެގެންދާނީ ދަތިކަމަކަށެވެ.
ގައުމުން ބޭރުން އައިސް ގާނޫނާއި ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގިނަ ވެގެން ދިއުމަކީވެސް މިފަދަ ނުރައްކަލެކެވެ. ގިނަ އަދަދެއްގެ މައްސަލަތައްވެސް މިއަދު ފެންމަތިވަމުންދާއިރު، ފިޔަވަޅު އެޅެނީ މަދު މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުންގެ މުއައްސަސާއަށްވެސް ދެކޮޅު ނެހެދޭނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލަތަކުގައިވެސް ބިދޭސީން ޝާމިލުވާއިރު، އެތައް މާރާމާރީއެއްވެސް ހިނގާފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ބޮޑެތިވާ ކުދިންގެ ތެރެއިން ރަނގަޅު ތަރުބިއްޔަތެއް ލިބި، މުޖުތަމައުގެ ތެރެއަށް ނުކުމެގެންދަނީ ކިތައް ކުދިންކަމާއިމެދުވެސް ސުވާލު އުފެއްދުން ވަރަށް މުހިންމެވެ. އަދި ނުކުމެގެންދިއުމަށް ފަހު، ދެން އެކުދިންނަށް ވެގެންދާ ގޮތާއިމެދުވެސް ސުވާލު އުފެއްދުން މުހިންމެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްޖާ ފިލި ވާހަކަތައްވެސް އަޑު އިވިގެންގޮސްފައިވާއިރު، ހަރު އުމުރަކަށް ގޮސް ބެލުމުގެ ދަށުން ނެއްޓި، އަމިއްލަ ހަޔާތެއް ފެށުމުގެ މަސައްކަތުގެ ތެރެއިން މަގުމަތީގައި ދުވަސްތަކެއް ހޭދަކުރި ކުދިންގެ ވާހަކަތައްވެސް އަޑު އިވިގެންގޮސްފިއެވެ. އަދި މަގުމަތީގައި ހޭދަ ކުރާ ވަގުތުގެ ތެރެއިން ކުށްތަކަށް އަރައިގަނެ، އެހެން ސިފައެއްގައި ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށަށް އަލުން އަނބުރާ ގެންދިޔަ ފަހަރުތަކުގެ ވާހަކަތައްވެސް އިވޭއިރު، ކުރެވޭ ކުށެއްގެ ސަބަބުން މުޖުތަމައުގެ ތެރެއަށް ނުކުމެ ނަފްސު ސާބިތު ކުރުމުގެ ފުރުސަތު ގެއްލިގެންދާ ވާހަކަތައްވެސް އިވެއެވެ.
މި ހުރިހާ މައްސަލައެއް ހުރި އިރުވެސް އެންމެ ކަންބޮޑުވާންވީ ކަމަކީ، މިހާރަކަށް އައިސް މީހުން ގެއްލޭ ގެއްލުމެވެ. އުޅޭ ކަމެއް އަދި އުޅޭ ތަނެއް ނޭނގޭ އަދި ދިރިތޯވެސް ބަލާނެ ބަޔަކު ނެތް މީހަކު ގެއްލުމުން ގެއްލިއްޖެކަންވެސް އެނގޭނެ ގޮތެއް އޮންނާނެތޯ؟ މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ފަޅު ފަޅުންވެސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެންނަމުންދާއިރު، ކަނޑު ފައްތާ މަރާލާފައިވާ މީހުންގެ ކަށިތައް މޫދުންވެސް ނަގާފައިވާ ފަހަރުތައް އައިސްފައިވެއެވެ.
ގިނަ އަދަދެއްގެ މީހުން ގާނޫނީ އަދި އާންމު އުސޫލުތަކުގެ ބޭރުން ދިރިއުޅެމުންދިއުމަކީ އަދި ދިރިއުޅެމުންދާންޖެހުމަކީ، އެ ގައުމެއް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ފުރުސަތު ފަހިވެގެންދާކަމެކެވެ. މިކަމުގެ ސަބަބުން ކުށްތަކަށް އަރައިގަންނަމުންދާ މީހުންގެ އަދަދުތައް ގިނަވެގެންދެއެވެ.
މަގުތައް މަތީގެ އަމާންކަން ގެއްލި، އާންމުންގެ ދިރިއުޅުމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާއިރު، ކޮންމެހެންވެސް ހައްލު ކުރަންޖެހޭ ބޯހިޔާވަހިކަމާއި ފަގީރުކަމުގެ މައްސަލައަށް އެކަށީގެންވާ އަހައްމިޔަތު ނުދިނުމުގެ ސަބަބުން، މުޖުތަމައުގެ ތެރޭގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބުރަވުމުގެ ބަދަލުގައި އަމާންކަން ބެލެހެއްޓުމާއި ހަވާލުވެ ތިބޭ މުއައްސަސާތައްވެސް އުޅެން ޖެހެނީ ހައްލު ކޮށްފައިވާ ނަމަ ކުރަން ނުޖެހޭނެ މަސައްކަތަކެއް ކުރުމުގައެވެ.

