ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެބަސްވުން އުފެދި ޖޭޕީގެ އެތެރޭގެ އިންތިހާބުތައް ފަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސްގައި ވާހަކަ ދަައްކަވަނީ / ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ފަރާތުން ފަށައިގެން ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ހަމަނުޖެހުން ބޮޑުވެ އެޕާޓީގެ އެތެެރޭގެ އިންތިހާބު ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ދަރުބާރުގޭގައި ބާއްވަމުންގެންދާ އެޕާޓީގެ ގައުމީ ކޮންފަރެންސް މިއަދު ހަވީރު ފެށިގެން ގޮސްފައިވާއިރު، ޕާޓީގެ އެކިި މަގާމްތަކަށް ވާދަކުރާ މެމްބަރުންގެ ފޮޓޯ ވޯޓް ކަރުދާހުގައި ނެތުމުން އެކަމާ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ގައުމީ ކޮންފަރެންސްގައި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މިރޭގެ ދަންފަޅީގައެވެ. ނަމަވެސް އިންތިހާބުގެ ކަންކަމުގެ އިންތިޒާމްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން އެކަން ވަނީ މާދަމާ އަށް ފަސްކުރެވިފައެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް އިން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމްތަކުގެ ތެރޭގައި ޕާޓީގެ ނައިބު ލީޑަރުން ހޮވުމާއި ޕާޓީގެ ކައުންސިލަށް އައްޔަން ކުރާ 25 މެމްބަރުންނާއި ޕާޓީގެ އެޑްވައިޒަރުންނާއި ސެކެޓްރީ ޖެނެރަލް އާއި ރަޖިސްޓްރަރ އާއި ސްޕޯކްސްޕާސަންގެ އިތުރުން ޓްރެޟަރަރގެ މަގާމް ހިމެނެއެވެ.

މިއަދު މެންދުރު ފަހު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންތިހާބުގެ އިންތިޒާމްތައް ރޭވިފައިހުރި ގޮތާއި މެދު ޕާޓީގެ ކައުންސިލް މެމްބަރުންނާއި ބައެއް މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި

އެތެރޭގެ އިންތިހާބުގައި ފަސް ނައިބު ލީޑަރުން ހޮވާއިރު އެ މަގާމަށް 25 ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ. އެހެންކަމުން  ނައިބު ރައީސްގެ މަގާމަށް ކުރިމަތިލި ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓްލާއިރު ވޯޓް ކަރުދާހުގައި ފޮޓޯ ހުންނާނެތޯ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ސެކެޓްރީ ޖެނެރަލް އަލީ އާރިފް އާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އަލީ އާރިފް ވިދާޅުވީ ފޮޓޯ ނުހުންނާނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ވޯޓް ކަރުދާހުގައި 25 ނަމުގައި އެއްކޮށް ފާހަގަ ޖަހައިފި ނަމަ ވަރަށް ބޮޑު އޮޅުމެއް އަރާނެ ކަމަށެވެ.

ކޮންގްރެސް އިން އިންތިހާބު ކުރާ 25 މަގާމަށް 64 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. 64 ބޭފުޅުންގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެ ކަމަށް އިންތިހާބު ކޮމިޓީގެ މެމްބަރަކު ވަނީ ވިދާޅުވެފައެވެ. އަދި އެވޯޓް ކަރުދާހުގައި ވޯޓް ލެވޭނީ 25 ނަމަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ބޭފުޅުން ކޮޅެއް ގެނެސްގެން އުސޫލެއް ގާއިމްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.  ސަމީރު ވިދާޅުވީ ޣައިބުގައި އޮތް އެއްޗަކަށް އަމަލު  ނުކުރެވޭނެ ކަމަށެވެ.

އެހެންވީމަ އެކަން މި ކޮންގްރެސްގައި އެންމެނަށް އިނގޭނެ ގޮތަށް މި ކޮންގްރެސްގައި ނުވަތަ ކޮންފަރެންސްގެ ތެރޭގައި އެންމެނަށް އިނގޭނެ ގޮތަށް ވިދާޅުވެފައި، އެއަށް ވޯޓަށް އައްސަވާފަ ފާސްކުރައްވައިގެން ގެންދަވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންނޫނިއްޔާ އެއީ އިންތިހާބެއްގެ ތެރޭގައި ފެންނަން ނެތް އަމަލުނުކުރެވޭ ކަމަކަށް ވެގެން ހިނގައިދާނެ. އެހެންވީމާ ވަރަށް ގިނަ ބައެއްގެ އިންތިހާބީ ހައްގަށް އޭގޭން އަސަރުކުރާނެތީވެ އެފަދަ ލިއުމެއް ތައްޔާރުކުރައްވާފަ އޮތީމަ.

ސަމީރު ވިދާޅުވި ގޮތުގައި އިންތިހާބުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށްފަހު އެކަމަށް ވޯޓަށް އެހުން މުހިއްމު ކަމަށް ސަމީރު ވިދާޅުވިއެވެ.

އިންތިހާބުގެ އިންތިޒާމްތަކާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ މީގެ ފަސް އަހަރު ކުރިން ޖުމްހޫރީ ޕާޓީގެ އިންތިހާބެއްގައި ބައިވެރިވެ އިންތިހާބެއްގައި އަމަލުކުރެވޭނެ ގަވާއިދެއް ނުވަތަ އުސޫލެއް ކަނޑައެޅި ބަޔާންކުރެވިފައި އޮންނަންޖެހޭނެ ކަމަށާއި ކިތަންމެ ކުޑަނަމަވެސް އެކަން އެގޮތަށް ހިނގަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ހުސެއިން ވިދާޅުވީ އަބަދުވެސް ޕާޓީ ލެވެލްގަ އާއި ސަރުކާރު ހިންގުމުގައި ލިޔެފައި އޮންނަ އެއްޗެއް ގިނަފަހަރު ފެންނަން ނޯންނަ ކަމާއި އެއަށް އަމަލު ކުރުމުގައި ދަތިވާދަތިވުން އެކުލެވޭ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ އިންތިހާބުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅި ބަޔާންވެ ކުރިން އެނގިފައިއޮތުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެހެން ނޫންނަމަ އިންތިހާބުގައި ތަފާތުކުރުންތައް ހިނގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެހެންކަމުން އާއްމުކޮށް އިންތިހާބުތަކުގައި އަމަލުކުރާނެ ގޮތެއް ނުވަތަ އުސޫލެއް ކަނޑައެޅި އެކަން ކުރިން އެނގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަލީ ހުަސައިން ފާހަގަ ކުރެއްވިއެވެ.

އިންތިހާބުތަކަށް ހުޅުވާލެވިފައިވާއިރުގައި، ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި ކުރިމަތިލައްވާފަ. އެބޭފުޅުން ސްޓޭޖަށް ވަޑައިގަންނަވަން ދައުވަތުދެއްވާފައި ހަމައެކަނި މޫނު ދައްކާލުން އެއީ ކުރެވިދާނެ ކަމެއް. ބައެއް ސިޔާސި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އެގޮތަށް ކަންތައްތައް ކުރެވޭތަންވެސް އަޅުގަނޑުމެންނަށް ފެންނާތީ އަޅުގަނޑު ހިތަށްއެރީ ހަމަ މިޝުއޫރު ފާޅުކޮށްލަން. އަލީ ހުސެއިން

އަލީ ހުސެއިންގެ ޝުއޫރާ ގުޅިގެން އިންތިހާބާއި ބެހޭ މައުލޫމާތު އެރުވި ބޭފުޅާ ވިދާޅުވީ އިންތިހާބުގައި ބޭނުންކުރާނެ އުސޫލު ކުރިއަށްގެންދާނެ ގޮތް  އިންތިހާބީ ކޮމިޓީގެ މެމްބަރުންނަށް އެރުވުމުން އެބޭފުޅުން އެންޑޯޒް ކުރައްވާނެ ކަމަށެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ ގަވާއިދެއް ލިޔެގެން ފާސްކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.

މިއަދުގެ ދަންފަޅީގައި އިންތިހާބާއި ބެހޭ ކޮމިޓީގައި ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ހޮވުނު ޔާމީން ރަޝީދު އިންނެވުމުން އެކަމުގެ ކަންބޮޑުވުން ވަނީ މެމްބަރަކު ފާޅުކޮށްފައެވެ. އެފަރާތުން ވިދާޅުވީ ޔާމީން ވެސް ވާނީ ކެމްޕޭން ކުރުމުގެ މަސައްކަތް ކޮށްފައިކަމަށެވެ. އެހެންކަމުން ޔާމީން އިންތިހާބީ ކޮމީޓީގައި އިންނަވާ އިންނެވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެހެން ބޭފުޅަކު އިންތިހާބު ކޮމިޓީއަށް އައްޔަން ކުރުމަށް އެބޭފުޅާ އެދިލެއްވިއެވެ.

އިންތިހާބަުގެ ކަންކަމަށް ހިޔާލު ދެއްވި އެހެން މެމްބަރަކު ވިދާޅުވީ ވަކި ދަންފަޅިއެއް ހަމަވަނީ އޭ ވިދާޅުވެ އެކަން ހުއްޓައި ފޮރުވުމަށް މަސައްކަތްކުރާނެ ކަމެއް ނެތް ކަމަށެވެ. އެބޭފުޅާގެ އެބަސް ރައްދުކުރެއްވީ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދަށެވެ. އިލްހާމް ވިދާޅުވެފައިވަނީ ބައެއް ބޭފުޅުން ގެއަށް ދާން ޖެހޭތީ ޝެސަން ނިންމާލުމަށެވެ. އިލްހާމްގެ ވާހަކައަށް ރައްދު ދިނުމަށް ފަހު ހިޔާލު ހުށަހަޅުއްވައި މެމްބަރަކު ވިދާޅުވީ ކެންޑިޑޭޓުންގެ ފޮޓޯ ޖަހާފައިހުރި އެއްޗިހި ވީތަނެއް ނޭނގޭ ކަމަށެވެ. އެބޭފުޅާ ވަނީ ކެންޑިޑޭޓުންގެ ފޮޓޯ  ނުޖަހާ އެކަން ކުރީ ކީއްވެގެންތޯ ނާންގާ އެކަން ކުރީ ކީއްވެތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ފޮޓޯ ޖަހާފައި އިންތިހާބުގެ ކަންކަން ކުރާނެ ކަމަށް ޕާޓީއިން ބުނިކަމަށެވެ. އަދި ޕާޓީން އެބޭފުޅާއަށް ފޮނުވި ސޮފްޓް ކޮޕީގައި ފޮޓޯ ޖަހާފައި ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ ވަކި މީހަކު ހޮވުމަށް ވަކި ބަޔަކު ހޮވުމަށް ސެކެޓްރީ ޖެނެރަލް އަށް އަދި ލީޑަރުގެ އެޑްވައިޒަރަކަށްވެސް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އެހިސާބުން ކޮންފަރެންސް ހޫނުވެ ހޯލުތެރޭގައި އަޑުގަދަވާން ފަށާފައިވެއެވެ. އަދި ހޯލްތެރޭގައި އެކަމާ ގުޅިގެން ޒުވާބު ކުރަން ފެށުމާއެކު ކޮންފަރެންސް ވަނީ މެދުކަނޑާލާފައެވެ. ކޮންފަރެންސްގެ އެޖެންޑާގައި އެތެރޭގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މިރޭގެ ދަންފަޅީގައެވެ. ނަމަވެސް ވޯޓް ކަރުދާހުގައި ފޮޓޯ ޖަހާފައި ނެތް މައްސަލަ ހައްލުކުރުމަށް މިރޭގެ ސެސަން ވަނީ ކެންސަލް ކޮށްފައެވެ. އަދި ކޮންފަރެންސް އަލުން ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފައިވަނީ 25 ވާ ހޮނިހިރު ދުވަހުއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: