އެމްޑީޕީއިން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގިއާއި ކުރިއެރުމަށް، އެ ޕާޓީއިން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި ގުޅިގެން ކުރިއަށް ދިއުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމާފައިވާތީ އެ ނިންމުމަށް މަރުހަބާ ދެންނަވާ ކުރެއްވި ޓުވީޓުގައެވެ.
އެމަނިކުފާނުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެމަނިކުފާނާއި، އެމްޑީޕީއިން މަސައްކަތްކުރައްވަނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއާއި އަދި ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށްކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް. https://t.co/8xnP0WKkyk
— Ibrahim Mohamed Solih (@ibusolih) February 24, 2023
އެމްޑީ÷ިގެ ގައުމީ މަޖިލީހުން ރައީސް ސާލިހަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ބާރު ދިނުމާއިއެކު ރައީސް ސާލިހު ވަނީ މިހާރުވެސް އެމްޑީޕީގެ ކޯލިޝަންގައި ތިބި ޕާޓީތަކުގެ އިތުރުން އެމްޑީއޭއަށްވެސް ކޯލިޝަންގެ ދައުވަތު ދެއްވާ ސިޓީއެއް ފޮނުވާފައެވެ. އެންމެ ފުރަތަމަ އެ ދައުވަތާއިމެދު ގޮތެއް ނިންމާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ގުޅުމަށް ނިންމީ މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއިންނެވެ.
އެއަށްފަހު އެމްޑީއޭއިން ރައިސް ސާލިހާއި ގުޅުމަށް ނިންމާފައިވާއިރު، އެ ޕާޓީއިން ބުނެފައިވަނީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ވިސްނުންފުޅުގައި ރައީސް އަކަށް ދެވަނަ ދައުރެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި، އެ ނިންމުން ނިންމިފައިވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ މަންފާތަށް ލިއްބައިދީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމު ކުރުމުގެ ގޮތުންކަމަށެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވެސް އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައިވާކަން ފާހަގަކުރެވެއެވެ.

