ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނުނިދައެއް ނުތިބެވޭނެއެއްނުން ވައްކަން ކުރާތީޔޭ ކިޔާފައެއް”

ވެހިކަލްތަކެއްގައި ސްޓިކާ ޖެހުމަށް ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

“ނުނިދައެއް ނުތިބެވޭނެެއެއްނުން ވައްކަން ކުރާތީޔޭ ކިޔާފައެއް” މިއީ ދިވެހި އެންމެހާ ރައްޔިތުންގެ ރައްކައުތެރިކަމުގެ ޒިންމާ އެޅިފައިވާ މުއައްސަސާއެއްގެ ޔުނިފޯމު ތުރުކުރައްވައިގެން ހުންނެވި އެއްވެސް ބޭފުޅެއްގެ ދުލުން އިވިގެން ދިއުމަށް އުންމީދު ނުކުރާ ބަސްތަކެކެވެ.

އެހެންނަމަވެސް މި ފަދަ އެކި މައްސަލަތައް ފެންމަތިވެފައިވެއެވެ. މި ފަދަ ޖަވާބުތައް ހިތްދަތި ވަގުތުތަކުގައި ލިބިފައިވާކަމުގެ އެތައް ޝަކުވާއެއް އިވިގެންދެއެވެ. އެހެންކަމުން މުޖުތަމައުގެ ތެރޭގައި ދިމާވާ ގިނަ މައްސަލަތައްވެސް ހައްލުނުވެ އިތުރުވަމުންދަނީ މި ވިސްނުން ގެންގުޅުއްވާ ބޭފުޅުން ގައުމެއްގެ އެންމެ މުހިންމު މުއައްސަސާތަކުގައި ތިއްބަވާތީކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އެކި ޒާތުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، އަމަން އަމާންކަން ދަމަހައްޓައި ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް މުސާރައެއްވެސް ނަންގަވައިގެން ތިއްބަވާ ގިނަ އަދަދެއް ބޭފުޅުންގެ ވިސްނުން މި ދެންނެވި މަގާއި ދުރަށް ގެންދިއުން ވަރަށްވެސް މުހިންމެވެ. އަދި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ކިބައިން ޒިންމާ އާއި ނުބައްދަލު އަމަލުތައް ނުފެންނަކަންވެސް ކަށަވަރު ކުރުން ވަރަށްވެސް މުހިންމެވެ.

މައްސަލަތައް ބެލުމުގެ ތެރެއިންވެސް ހިކުމަތްތެރިކަމާއިއެކު، ވިސްނައިގެން އަމަލުކުރުންވެސް އެހާމެ މުހިންމެވެ. އެއް ދޮރުން ވައްދާ އަނެއް ދޮރުން ނެރޭކަމަށް ބުނާ ވާހަކަ އުފެދިގެން އަނަންނަނީ ސަބަބުތަކެއް ހުރެގެންކަން ގަބޫލުކުރުންވެސް ބޭނުންތެރިއެވެ. ސީނަކަށް ހާޒިރުވާ ހިސާބުން ފެށިގެން ޝަރީއަތުގެ މަރުހަލާގައި އަމަލު ކުރާނެ އުސޫލުތައްވެސް ކަނޑައެޅިފައިވެއެވެ.

އެހެންނަމަވެސް ބައެއް އިހުމާލުތައްވުމުގެ ސަބަބުން ނުވަތަ، ކަނޑައެޅިފައިވާ ގޮތުގެ މަތިން އެންމެހާ އުސޫލަކަށް ތަބާވެ، މަސައްކަތްތައް ނުކުރުމުގެ ސަބަބުން، ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ދޫވެދާ މަންޒަރު ފެނިގެންދެއެވެ. އަދި ކޯޓުގެ މަރުހަލާތަކުގެ ތެރެއިންވެސް ދޫވަމުންދާތީ ދައުލަތުގެ ވަގުތާ ފައިސާ އަދި ވަސީލަތްތައްވެސް ބޭކާރުވެގެންދެއެވެ.

މި ފަދަ އެތައް މައްސަލައެއް ފެންމަތިވެ ފުލުހުންގެ މުއައްސަސާގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ މުއައްޒިފުންތަކެއް އުޅޭކަމަށްވެސް ސަރުކާރާއި ސިޔާސީ އިސް ބޭފުޅުންވެސް ފާހަގަކުރެއެވެ.

“ކުލީ ފުލުހުން” މިއީވެސް މިއަދު ދިވެހި ފުލުހުންގެ މުއައްސަސާއަށް އަމާޒުވާ ފާޑުކިޔުމެކެވެ. ހަގީގަތުގައިވެސް ބައެއް މަގާމުތަކާއި ޒިންމާތަކަކީ، އުޖޫރައެއް ލިބިގަތުމުގެ ބޭނުމުގައި ހަވާލު ނުވާންވީ ކަންކަމެވެ. އަދި ހަވާލު ވެއްޖެ ނަމަ އެންމެ އިންސާފުވެރިކަމާއިއެކު އެކަމެއް ނުކުރާ ހިނދެއްގައި އެ މީހަކަށް ގިނަ ފަރާތްތަކެއްގެ ހިތި ބަސްތައް އިވިދިއުންވެސް ގާތެވެ.

އެގޮތުގެމަތިން ދިވެހި އެންމެހާ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ނުކުމެ ތިއްބަވާ ބޭފުޅުންނަކީ، ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކާއި އެއްކިބާވެ، ދިވެހި ގާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާ ބަޔަކަށްވާންޖެއެވެ. އަދި ކޮންމެ ފަރާތަކުން އައި ނަމަވެސް ގާނޫނާއި އެއްގޮތް ނުވާ އިރުޝާދުތަކެއް ބަލައިނުގަތުންވެސް އެހާމެ މުހިންމެވެ.

ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުހިފޭ ގައުމުތަކުގައި ފެނިގެންދަނީ އާންމުން އިންސާފު ގާއިމުކުރާ މަންޒަރެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި “ވިޖިލަންޓީ ޖަސްޓިސް” ގެ އަމަލުތައް ފެންމަތިވުމަކީ ވަރަށް ނުރައްކާތެރި ހިޔާލެކެވެ. އެހެންކަމުން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމުގައި ފުރިހަމަ އަށް ސަމާލުކަމެއް ދިނުންވެސް މުހިންމެވެ.

ރައްޔިތުން ޓެކްސް ފައިސާއިން ހަރަދުކުރަނީ ހަމަ ނިންޖެއް ލިބިގަތުމަށެވެ. އެހެންކަމުން އެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހޯދާ ހިދުމަތެއް ދިނުމަށް މުސާރައެއް ނަގައިގެން ތިބޭ ނަމަ އެ ހިދުމަތެއް ލިބިގެންދާކަން ކޮންމެހެންވެސް ކަށަވަރުކުރެވިފައި އޮންނަން ޖެހެއެވެ.

ރައްޔިތުންނަށް ދިމާވާ ދަތިތަކުގައި ފުލުހުންގެ މުއައްސަސާގެ ބޭފުޅުން ހާޒިރުވެ ހައްލުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކޮންމެހެންވެސް ލާޒިމުވާންވާއިރު، އިންސާނަކަށް ދައްޗެއް ދިމާވެފައިވާ މާހައުލެއްގައި އޯގާތެރިކަމާއިއެކު އެމީހަކާއިމެދު އަމަލުކުރުންވެސް އިންތިހާއަށް މުހިންމެވެ.

“ކުލީ ފުލުހުން” ފަދަ ޓެގުތައް ނެތިދާނީ، މަސައްކަތްކުރަމުންދަނީ “ލާރިގަނޑެއް” ލިބިގަތުމުގެ ބޭނުމުގައި ނޫންކަން ރައްޔިތުންނަށް ދައްކުވައިދީގެންނެވެ. އަދި އިތުބާރުވެސް ހާސިލުކުރެވޭނީ އެ މަގުން ހިނގައިގެންކަން ކަށަވަރެވެ. ފުލުހުންގެ ޒިންމާއަކީ ރައްޔިތުން ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ވެއްދުންކަމަށް ވެގެންނުވާނެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: