ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް އުޅެނީ ވަރަށް ފަހަތުގައި: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް އުޅެނީ ވަރަށް ފަހަތުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އާއްމު ކުރި ބަޔާނެއްގައި ރޮޒެއިނާ ވިދާޅުވީ  އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުމާއި، އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ކަަމަަށެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން މިކުރަނީ  އެމްބްރޭސް އިކުއިޓީ. “އިކުއޭލިޓީ” ނުވަތަ ހަމަހަމަކަމާ “އިކުއިޓީ” އާއި ހުރި ތަފާތު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް. އިކުއިޓީ މިބަސް ބޭނުން މިކުރެވެނީ ހަމަހަމަކަން ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަމަށް. އެއީ ހުރިހާ އެންމެންވެސް ލަނޑުދަނޑިއެއް ހާސިލް ކުރަން މަސައްކަތް ފަށައިގަންނައިރު އެންމެން ތިބެނީ އެއްހަމައެއްގައި ނޫންކަން ދެނެގަނެ އެ ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ މީހަކަށްވެސް ވަކިވަކިން ދޭންޖެހޭ އެހީތެރިކަންދިނުން މުހިއްމު ކަން ރޮޒެއިނާ ވަނީ ފާހަގަކޮށްފައެވެ.

ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާ. އަދި މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުން ދާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އެބައޮވޭ. އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން  މިސާލެއްގެ ގޮތުގައި، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން ކަން ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު ކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެން ގޮސްފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއް ކަމަށް ރޮޒެއިނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަހަމަކަން ގެނުމަށްޓަކައި ދެވުނު އިތުރު އެހީތެރިކަމެއް. “އިކުއިޓަބަލް އެކްޝަނެއް” ނަމަވެސް މުޖުތަމަޢުގައި މިފަދަކަންކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މިއެޅުނު ރަގަޅު ފިޔަވަޅާ ދޭތެރޭގަ ގޯސް ނަޒަރަކުން ދެކުނު، އަދި ދެކެމުންދާ މީހުން މަދުނޫން ކަމަށް ރޮޒެއިނާ ވިދާލުވިއެވެ.

އެހެންކަމުން މިއަދު “އެމްބްރޭސް އިކުއިޓީ” މި ޝިއާރު ވަރަށް މުހިއްމުވެގެން ދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ހަމަހަމަކަން ގެނައުމަށް ކުރެވޭ މިފަދަ ކަންކަމާ ދެކޮޅުހަދާ، ތަފާތުކުރުމެއް ކަމަށް ބުނެ ނުރުހުން ފާޅު ނުކުރުމަށް، ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރޮޒެއިނާ ވަނީ ވިދާލުވެފައެވެ.

އިޤްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ޤާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރުއެހީތެރިކަން އަންހެނުންނަށް ބޭނުންވާ ކަމަށާއި އިޤްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނެއެވެ.  ނަމަވެސް އިޤްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓަރގައި އަދިވެސް ނުލިބުމާ، ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތުމާ، ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން ޖެހޭއިރު އެކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު އ.ދ. ގެ ޝިއާރު ކަމުގައިވާ، “ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އިކުއޭލިޓީ” ގެ ބޭނުމަކަށް މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ޒަރިއްޔާއިން އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަންހެނުންނަށް ކުރާ ފުރައްސާރައާއި، ދޭ އަނިޔާ އާއި، ކުރިމަތިކުރުވާ ގޮންޖެހުންތަކާ ގުޅޭގޮތުން މީހުން ހޭލުން ތެރިކުރުވާ، މިމައްސަލަތަކަށް ހައްލު ހޯދުން ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމް ތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަށް. ސޯޝަލް މީޑިއާ ނުވަތަ މީސްމީޑިއާއަކީ އޭގެ ރަގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، ބިނާކުރަނިވި ޚިޔާލު ފާޅުކޮށް، ރަގަޅު މަޝްވަރާތަކެއް ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އެންމެ ގިނަމީހުންނަށް، އެންމެ އަވަހަށް، މަޢުލޫމާތު ފޯރުކޮށްދެވޭނެ އެއް ޕްލެޓްފޯރމް. އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް.

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި އަދި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
މިއަދު އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުން ކަމަށް ރޮޒެއިނާ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: