ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިކޮށް، 13:00 ގައެވެ.
ދައުލަތުން ޑރ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައި ވަނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީއެވެ.
އެގޮތުން އެ ދައުވާ ޑރ މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މައްސަލައިގައި މުއިއްޒުގެ ފަރާތުން ހުށަހެޅުއްވީ އެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައެޅުމަށެވެ. އެގޮތަށް ކަނޑައަޅުއްވައި ދެއްވުމަށް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ދައުލަތުން ހުށަހެޅި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރާ ކުށް މުއިއްޒު ކުރެއްވި ތަނެއް ދައުވާގައި ބުނެފައި ނުވާތީއެވެ. މުއިއްޒުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ އޭނާ ދޮގު ބަޔާން ދިން ކަމަށް ދައުލަތުން ތުހުމަތު ކުރާނަމަ އޭނާ އެ ކުށް ކުރި ތަނެއް ދައުލަތަށް ބުނެދެވެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ދައުވާގައި އެކަން ބުނެދެވިފައި ނުވާތީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒުގެ ފަރާތްޕުޅުން ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ކަމުން ދައުވާގައި އެކަން ބުނެދެވިފައި ނުވާތީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒުގެ ފަރާތްޕުޅުން ވަނީ ފާހަގަ ކޮށްފައެވެ.
މި ދައުވާއާއި ގުޅިގެން ޑރ މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކޯޓުން ބަލައި ނުގަތުމުން، މުއިއްޒުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

