ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި 241 ކޮމިޓީގެ ބައްދަލުވުމެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރެއްވި ކާރާއި މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން، އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ އެއްވުމުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމަތީގައި ހަރަކާތްތެރިވަނިކޮށް ރަސްމިއްޔާތެއް ނިންމަވައި ރައިސް މުލިއާގެއަށް ވަޑައިގެންނެވި ވަގުތާއި ދިމާވުމުން ކާރަށް ކުރިޔަށް ނުދީ ވަނީ ހިފަހައްޓާފަ އެވެ. ރައީސްގެ ސެކިއުރިޓީންނާއި، އެވަގުތު އެއްވުން ހުއްޓުވުމަށް ތިބި ފުލުހުން ހިމެނޭހެން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ސެކިއުރިޓީން މަދުވުމުގެ ސަބަބުން އެކަމަށް ގިނަ ވަގުތު ނެގި އެވެ.

241 ކޮމިޓީން މި މައްސަލަ ބެލުމަށް ނިންމާފައިވާކަން ހާމަކޮށް، ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ”ސަންގު“ އަށް ވިދާޅުވީ ބައްދަލުވުން ކުރިޔަށް ގެންދަނީ ކޮމިޓީގެ އިސް ނެގުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ބާވަތްތަކުގެ މައްސަލަ ބެލުމަކީ ކޮމިޓީގެ އެއް މަސްއޫލިއްޔަތެވެ. ރައީސް މުހައްމަދު ނަޝީދަށް އަމަޒުކޮށް ދިން، ޓެރަރިޒަމްގެ ހަމަލާއަށް ފަހު 241 ކޮމިޓީގެ ތަހުގީގުތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރިޔަށް ދިޔަ އެވެ.

މީގެ ކުރިން ކުރިޔަށް ގެންގޮސްފައިވާ އެއްވެސް މުޒާހަރާއެއްގައި ރައީސެއްގެ މޮޓޯކޭޑަށް މިފަދަ ގޮތަކަށް ހުރަސް އެޅި މައްސަލައެއް ދިމާވެފައި ނުވެ އެވެ. އެހެންވެ، ގިނަ ބަޔަކު ދަނީ މިއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް މައްސަލަ ބެލުމަށް ގޮވާލަމުންނެވެ.

ބައެއް މީހުން ވަނީ، މިކަމުގައި ސެކިއުރިޓީ ޒިންމާވާން ޖެހޭކަމަށް ބުނެފަ އެވެ. އެއީ އާއްމުކޮށް މުޒާހަރާ ކުރިޔަށް ދާ ވަގުތެއްގައި އިތުރު މަގެއް ބޭނުން ކުރެވެން އޮއްވައި ޕީޕީއެމް އޮފީސް ކުރިމަތިން ވެހިކަލް ދިއުމަށް މަސައްކަތް ކުރުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ.

މި މައްސަލައިގައި ނޫސްވެރިން ރެއިން ފެށިގެން، އެމްއެންޑީއެފް ގުރޫޕުގައި ސުވާލު ކުރި އެވެ. އަދި މިއަދުގެ ހެނދުނުގެ 10:00 ހާއިރު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މައްސަލަ ބަލަމުން ގެންދާކަމަށެވެ. އިތުރު ތަފްސީލެއް އޮފިސަރު ނުދެއްވަ އެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާއިރު މިހާތަނަށް ސަރުކާރުގެ އިދާރާއެއްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެސް ރަސްމީ ބަހެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: