ރައީސް އޮފީހަށް ސީނިއަރ ޕޮލިސީ އޮފިސަރެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި މަގާމަށް ނަގާ ފަރާތެއް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އޮފީސްގައެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. ނުވަތަ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުންވެސް ހިމެނެއެވެ.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ހަރަކާތްތައް މޮނިޓަރކުރުމުގެ މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ޤާނޫނީ ބިލްތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތައް މުރާޖައާކުރުމަށް އެހީތެރިވުމާއި ސަރުކާރުގެ އެކި މުއައްސަސާތަކަށާއި ބޭރުގެ އެހީދޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރާ ކަރުދާސްތަކާއި ނޯޓުތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި އަދި ނޫ ރާއްޖެ ޕްރޮޖެކްޓުގެ ދަށުން ކުރަމުންގެންދާ މަސައްކަތްތައް މޮނިޓަރކުރުމަށް އެހީތެރިވުމެވެ.
އޭގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ގުޅޭ ދިރާސާތަކުގައި އެހީތެރިވެ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނަންވާ އެންމެހާ ޤައުމީ އަދި ބައިނަލްއަޤްވާމީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ބައްދަލުވުންތަކުގައި އެހީތެރިވުންވެސް ހިމެނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ހުލާސާ ކަރުދާސް ތައްޔާރުކުރަންޖެހެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ،ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއިއެވެ. ވަޒީފާއަށް އެދި ފޯމު ހުށައެޅުމުގެ ސުން ގަނޑިއަކީ މާރިޗު 29 ވާ ބުދަ ދުވަހުގެ 13:00 އެވެ.