ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ހަމަ ގަޓެއް ނެތީ!

ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން އިންނަވަނިކޮށް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔަގީނުންވެސް ފަލީހަތްކޮށްފިއެވެ، ރައީސް ނަޝީދުގެ އަމަލުތައް ބައްޓަންކޮށްފައިވާ ގޮތުގެ ސަބަބުން، މިއަދު ރައީސް ސާލިހާއި ދިމާލަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެމަނިކުފާނުގެ ކޮންމެ ފިޔަވަޅަކަށް ރައީސް ނަޝީދު ފާޑުވިދާޅުވަމުންދިއުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން އަޅުވަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކަށްވުރެ ބޮޑެތި ގެއްލުންތައް ރައީސް ސާލިހަށް ލިބިވަޑައިގަންނަވާނެކަން ކަށްވަރެވެ. ވެރިކަން ހޯދައިދިނުމުގެ ބުރަ މަސަކަތްތަކުގައި އެންމެ އިސްކޮށް ގާތުގައި ހުރި ބައިވެރިޔާ ދެކޮޅުވެރިވާނީ ސަބަބެއް އޮވެގެންކަމަށް ގިނަ އަދަދެއްގެ މީހުން ދެކެއެވެ.

އެމަނިކުފާނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް ފުރަތަމަ ފަހަރަށް ފައި ނެންގެވުމާއިކުވެސް ރައީސް ނަޝީދުގެ ފަރާތުން ކުރިމަތިވެގެންދިޔައީ ހުރަސްތަކެކެވެ. އެންމެ ފުރަތަމަ ފާޑުވިދާޅުވި އެއް ބޭފުޅެއްކަމަށްވާއިރު، މިއަދާއި ޖެހުނު އިރު ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ 40 އިންސައްތަ އާއި ގާތް ކުރާ އަދަދެއްގެ މެމްބަރުން ރައީސް ސާލިހާއި ދެކޮޅުވެރިކޮށްފައެވެ. ގާތް ރައްޓެއްސެއް އަދި ސިޔާސީ ހަޔާތުގެވެސް ދުވަސްވީ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އުޅުއްވަނީ އެމަނިކުފާނުގެ ރިޔާސީ އުންމީދުތަކުގައި ހުޅުޖެއްސެވުމުގައެވެ. ރައީސް ސާލިހު ފެނިގެންދަނީ ހިނގަމުންދާކަންކަން ހުއްޓުމަކަށް ގެނައުމުގެ އެއްވެސް އިހުތިޔާރެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ސާލިހަށް ވެރިކަން ލިބިވަޑައިގަތުމުން އެންމެ އުފަލުން ހުނެވިކަމަށް ފާހަގަކުރެއްވުނު ރައީސް ނަޝީދު، ކުޑަ ދުވަސްކޮޅަކަށްފަހު، ވެގެންދިޔައީ އެމަނިކުފާނުގެ އެންމެ ބޮޑު އަދާވާތްތެރިއަށެވެ. ރައީސް ސާލިހަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވާގޮތުން، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނާކާމިޔާބުވެގެންދިއުމުގެ ފުރުސަތުތައްވެސް އެންމެ ފުޅާވެގެންދަނީ ރައީސް ނަޝީދުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ އަމަލުތަކާއި ގުޅިގެން ރައީސް ސާލިހު “ރިއެކްޓު” ނުކުރައްވައެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުން ރައީސް ސާލިހުގެ އެންމެ ބޮޑު އެއް މައްސަލައަކީވެސް އެމަނިކުފާނު ރިއެކްޓު ނުކުރެއްވުމެވެ. ތެދެކެވެ. ރައީސް ނަޝީދު ތަކުރާރުކޮށް އެމްޑީޕީއަށް އެތައް ގެއްލުންތަކެއް ލިބިގެންދާފަދަ އަމަލުތައް ހިންގެވިނަމަވެސް އަދި އެމަނިކުފާނުގެ މައްޗަށް ޕާޓީގެ ފަރާތުން ފިޔަވަޅެއް އަޅާފައިނުވެއެވެ. އިންޒާރެއް ދިން ނަމަވެސް ދެއްވަނީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. އެހެންނަމަވެސް “ވައް ވައް ޖަހާ ކުއްތާ ދައި ނުގަންނާނޭ” ބުނާ އުސޫލުން ޕާޓީގެ ތެރޭގައިވެސް މިވަގުތު ރައީސް ސާލިހާއި އެމަނިކުފާނުގެ ފެކްޝަން ބާރުވެރިކޮށް އޮތް އިރު ރައީސް ނަޝީދުގެ އަމަލުތައް ހުއްޓުމަކަށް ގެނެވިފައިނުވެއެވެ.

މި ކަމުގެ ސަބަބުން މިއަދު އާންމުން އަދި ސިޔާސީ ބޭފުޅުންވެސް ދަނީ ރައީސް ސާލިހަށް ރައީސް ނަޝީދުގެ މައްޗަށް ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގަންވަނީތޯ ސުވާލު އުފައްދަވަމުންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދުގެ ފަރާތުން ރައީސް ސާލިހުގެ ފެކްޝަން ނުވަތަ ސަރުކާރުގެ ފެކްޝަންގެ އެއްވެސް ހުށައެޅުމަކަށް އެއްބާރުލުމެއް ދެއްވާ މަންޒަރު ފެނިގެން ނުދާއިރު، ޖެއްސުމުގެ ގޮތުގައި ބެލިދާނެ އެތައް ކަމެއް ފެނިގެންދާކަމީ ހުދު މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އާންމުންގެ ތެރޭގައިވެސް ފާހަގަކުރެވޭ ކަމެކެވެ. ޓެކްސް ބިލު ފާސް ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް ރައީސް ނަޝީދު ސީދާ ހުރަސް އެޅުއްވި އިރު، އެކަމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެކަމުގެ އިންޒާރުތަކެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް ފަހުން އެ މައްސަލަވެސް ކުރިނުކަނޑައި އޮވެ ހިނދިގެންގޮސްފިއެވެ.

ޒާތީ ގޮތުންވެސް ރައީސް ނަޝީދުވަނީ ރައީސް ސާލިހަށް އެތައް ދުއްތުރާތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދަކީ ރައީސް ސާލިހުގެ އާއިލީ ބޭފުޅެއް ނަމަވެސް ރައީސް ނަޝީދު އެ ގުޅުމަށް އިހުތިރާމެއް ނެތްކަން ސާފުކޮށް ހާމަކުރެއްވިއެވެ. ރައީސް ސާލިހުގެ އިސްތަށި ފުޅުގައި ޒިނޭގެ ތުމަތު އެޅި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު އިންތިހާ ދަރަޖައަށް ވެއްޓިގެންދިޔައީ ރައީސް ނަޝީދު ދެއްކެވި ވާހަތަކެއްގެ ސަބަބުންނެވެ. އަދި ރައީސް ސާލިހުގެ މައްޗަށް އިދިކޮޅުން ކުރަމުންދިޔަ ތުހުމަތުތަކުގެ އަޑުތައްވެސް ގަދަވެގެންދިޔައީ ކޯޓުގައި އޮތް ރޭޕު ކޭހެއްގެ މައްސަލަ ނުފޫޒު ބޭނުންކުރައްވައިގެން ހުއްޓުވާލައްވާފައިވާކަމަށް ރައީސް ނަޝީދު އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެއްވުމުގެ ސަބަބުންނެވެ.

ޕާޓީގެ ކޮންގްރެސް އާއި ޖެހުނު އިރު، ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތުގެ ތެރެއިންވެސް ބޮޑެތި ބައިބައިވުންތައް އުފެދިގެންދާން ރައީސް ނަޝީދު ދޫކޮށްލެއްވިއިރު، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމާއި އެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ރައީސް ސާލިހުގެ ސަރުކާރުގެ ތެރޭގައި ހަރުކަށި ފިކުރު އޮތްކަމަށްވެސް ސިފަކުރެއްވިއެވެ. އެކަމާއި ގުޅިގެން ދުނިޔޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުންވަނީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ނުވާކަމަށް ބުނެ ރައީސް ސާލިހު އަދި ސަރުކާރަށް އެތައް ފާޑުކިޔުން އަމާޒުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

“ރިއެކްޓު” ކުރައްވަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މި ފަދަ ދަނޑިވަޅުތަކުގައި ރައީސް ސާލިހުގެ ފަރާތުން އިޝާރާތެއްވެސް ފެނިގޮސްފައިނުވުމުން، ރައީސް ސާލިހު ފެނިގެންދަނީ ހަގީގަތުގައިވެސް “ގަޓެއް” ނެތް މީހެއްގެ ގޮތުގައިކަމަށް އާންމުންގެ އެތައް ބަޔަކު ފާހަގަކުރެއެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިނަމަވެސް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް ނަޝީދުވަނީ ކެނޑިޑަސީ ބަލައިނުގަންނަކަން ސާފުކޮށް ފާހަގަކުރައްވާފައެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެހެން ކެނޑިޑޭޓެއް ނެރުމަށްޓަކައި ޕާޓީގެ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ގޮތްޕެއް ހިންގަމުންދާއިރު، އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވުމުގެ ސަބަބުން އެ ފިކުރު ހަގީގަތުގައިވެސް ދިރިގެންގޮސްފިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދެއްވުމަށެވެ. އެހެންކަމުން ރައީސް ނަޝީދު ކަނޑައެޅިގެން ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނުކުމެ މަސައްކަތްކުރައްވަމުންދާއިރު، ޕާޓީއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމުން، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެ ވިދާޅުވާ ގޮތަށް، ރައީސް ނަޝީދު މަގުމައްޗަށް ނުކުމެއްވަޑައިގަނެފާނެކަމުގެ ބިރު ހީވުމުގެ ސަބަބުން ފިޔަވަޅެއް އަޅުއްވަން ރައީސް ސާލިހަށް ކެރިވަޑައިނުގަތުން ފެނިގެންދަނީ ހަގީގަތެއް ފަދައިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: