ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތާއި ހަވާލުވުމަށް އުޒުރުވެރިވެ؛ ނަޝީދު ޑިމޮކްރެޓްސް މެމްބަރުންނާއި އެކު ކުޑަދަށުގައި

ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގެ ކުޑަދަށުގައި ބައްދަލު ކުރަނީ/ ފޮޓޯ: ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސަތާއި ހަވާލުވާނެ ބޭފުޅެއް ނެތިގެން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި މިއަދު ވެސް ހުއްޓާލަން ޖެހުނު އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި އެކު މަޖިލީހުގައި ހުންނެވި ފޮޓޯތައް އާއްމުވެއްޖެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ރައީސް ނަޝީދު ވަނީ އެކަން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ރަސްމީކޮށް އަންގަވާފަ އެވެ. ރައީސް ނަޝީދު އެ ސިޓީ ފޮނުއްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ތާވަލު ނުކޮށް އިތުރަށް ޖަލްސާ ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެމްބަރުން އިހުތިޖާޖު ކުރުމުންނެވެ.

އެކަން ބަޔާންކޮށް ޕީޖީ ލީޑަރު އަސްލަމް ވަނީ އެކި ފަހަރު މަތީން ނިއުޝާއަށް ސިޓީތައް ފޮނުވާފަ އެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ގަވައިދު ހުރަސް އަޅާ އެއްވެސް މާއްދާއެއް ނެތްކަމަށް އެ ސިޓީގައި ވެއެވެ. އެހެންވެ، އަމީން އާންމު ކުރިން ގެންގުޅުއްވި ސްޓޭންޑު ބަދަލުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރި އެވެ. އެކަމަކު މިއަދުގެ ހެނދުނު 09:00 ގައި ޖަލްސާ ފެށުމާއި އެކު ނިއުޝާ އިއުލާނު ކުރެއްވި ގޮތުގައި ރިޔާސަތާއި ހަވާލުވުމަށް އުޒުރުވެރިވެ ރައީސް ނަޝީދުގެ ފަރާތުން ސިޓީއެއް ލިބިފައި އޮތުމުން ވަކި ގޮތެއް ކަނޑައެޅެން ދެން ޖަލްސާ ކުރިޔަށް ނުގެންދެވޭނެ އެވެ. އެހެންވެ ޖަލްސާ މެދުކަނޑާލާކަން ނިއުޝާ އިއުލާނު ކުރެއްވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށިއިރު ރިޔާސަތުގައި ހުންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގެ ފްލޯ ހޫނުވެ، ޖަލްސާ ނިންމާލީ ނިޒާމު ގެއްލިފައިވާކަމަށް ނިންމައި ޖަލްސާ ފެށިތާ ގަޑިއިރެއް ވެސް ނުވަނީހެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވާނެ ބޭފުޅެއް ނެތުމުގެ ސަބަބުން، ޖަލްސާ ނިންމާލަން ޖެހުމުން އެކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ފާޑުކިޔާފަ އެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަށް ދެކޮޅު ހެއްދެވި ނަމަވެސް މިއަދު އެމަނިކުފާނު މަޖިލީހަށް ހެނދުނު ވަޑައިގަތެވެ.

އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، އެހެން ދުވަހެކޭ ވެސް އެއްގޮތަށް ރައީސް ނަޝީދު މިއަދު ވެސް 08:45 ގައި މަޖިލީހަށް ވަޑައިގަތް ކަމަށެވެ. އަދި ޖަލްސާ ކުރިޔަށް ގެންދެވެން ނެތްކަމަށް އިއުލާނުކޮށް ނިންމާލުމަށް ފަހު އެމަނިކުފާނަށް ތާއީދު ކުރާ ޑިމޮކްރެޓްސްގެ މެމްބަރުން އެއްތަނެއްގައި ބައްދަލު ކުރިއިރު ރައީސް ނަޝީދު ވެސް އެބޭފުޅުންނާއި އެކު ހުންނެވި އެވެ.

މަޖިލީހުގައި ހުންނަ ކުޑަ ދަށުގައި ރައީސް ނަޝީދާއި އެކު، އީވާ އާއި އެމަނިކުފާނަށް ތާއީދު ކުރާ އެ ފެކްޝަނުގެ މަޖިލީސް ހުރިހާ މެމްބަރުން ތިބިއިރު އަދި މިހާތަނަށް އެމްޑީޕީން ވަކިވެފައި ނުވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު  ހުންނެވި އެވެ. އޭނާއަކީ ވެސް ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރަކެވެ.

މިއަދު ވެސް ޖަލްސާ ކުރިޔަށް ނުގެންދެވުނު މައްސަލައިގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު ވެސް ރައީސް ނަޝީދާއި އީވާ އެ މަގާމު ދޫކޮށްލަން ބޭނުން ނުވާކަމަށެވެ.

އެބޭފުޅުން ބޭނުންވި ގޮތަށް މަޖިލިސް ހައިޖެކްކޮށް، ރައީސް ނަޝީދާއި އީވާގެ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ރިޔާސަތާއި ހަވާލުވުމަށް އުޒުރުވެރިވާއިރު މަގާމުގެ މުސާރަ ވެސް ބޭނުންވާ ކަމަށެވެ.

މީގެއިތުރުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މަޖިލިސް ހައިޖެކް ކުރުމަށް ފަހު ރައީސް ނަޝީދު ހުންނެވީ މަޖިލީހުގެ ކުޑަދަށުގައި ކަމަށެވެ. ނިހާދު ވިދާޅުވީ ދައުލަތުގެ އެންމެ ބޮޑު އެއް މުވައްސަސާ ހުއްޓުވުމަކީ އެއީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ.

މި މައްސަލައިގައި ދެން އޮތް ހައްލަކާއި ގުޅޭގޮތުން އެކި ގޮތްގޮތުން ވާހަކަ ދެކެވިފައިވާއިރު ސުޕްރީމް ކޯޓުން ހައްލު ހޯދުމުގެ ވާހަކަތައް ވެސް ތަޅުމުގައި ދެކެވުނެވެ.

 

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: