ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް ޕާޓީއޭ ކިޔަންވެސް ލަދު!

އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީ ދެމެދު މަޝްވަރާތައް ކުރިޔަށް ގެންދިއުން/ ފޮޓޯ: ފޮޓޯ: ސޯޝަލް މީޑީޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދި އިރު، ހަރަކާތްތެރިވެވަޑައިގެންނެވި ސިޔާސީ ގޮތުން ބިޔަ ބޮޑު ފަހުލަވާނުންނާއި އެ ޝަހުސިއްޔަތުތައް ބިނާކޮށްދެއްވި ރާއްޖޭގެ ހަގީގީ ސިޔާސީ ބަތަލުންކަމަށްވާ ޕާޓީގެ އާންމު މެމްބަރުންގެ ރަން ރީނދޫ ލަޝްކަރުން ކޮށްފައިވާ މަސައްކަތްތަކުގެ އިހުލާސްތެރިކަމާއިމެދު ޝައްކެއްވެސް ނެތެވެ.

އެހެންނަމަވެސް މިއަދު ވެރިކަމުގެ ތަހުތުގެ ނުފޫޒުގެ ރާޅުތަކުގެ ތެރެއިން ޔަގީނުންވެސް ހުންގާނުގައި ހިފަަހައްޓައިގެން ތިބި މީހުން ދަތުރުގެ މުޅި މިސްރާބު ބަދަލުކޮށްލައިފިއެވެ. ޕާޓީގެ މެސްކޮޓުކަމަށް ބުންޏަސް ދޮގަކަށް ނުވާނެ ޕާޓީގެ އެންމެ އިސް ސިޔާސީ ވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ނުފެތޭނެކަމަށް ބުނި އޮޑިން ފުންމާލައިފިއެވެ. އެންމެ ފަހުން ސިޔާސީ މައިދާނާއިވެސް ދުރަށް ގޮސްފިއެވެ.

މިއަދު ހަގީގަތުގައި ފެށުނު އިރު އޮތް އެމްޑީޕީއެއް ނެތެވެ. މިހާރު އޮތީ އެތެރޭގައި އެޅި ފަނިތަކެއް ކައި ހުސްކޮށްފައިވާ ތޮށިގަނޑެކެވެ. ޕާޓީ އޮޕަރޭޓުކުރަމުންދަނީ ޔަގީނުންވެސް ވުޖޫދުކުރި މަގުސަދާއި ދިމާ ހިލާފަށެވެ. މިނިވަންކަމާއި ފާގަތިކަން ލިއްބައިދޭން ވައުދުތައް ވެފައިވާ ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށެވެ. އެމްޑީޕީގެ ނަމުގައި މިހާރު ހިންގަމުންދާ ޕާޓީ ޑިމޮކްރެޓިކް ކަމަށް ބުނެވޭނީ ނަމުން އެކަންޏެވެ. މޯލްޑިވިއަން ދޮގު ހަދާ ޕާޓީކަމަށް ބުނެ ބައެއް މީހުން ފާޑުވެސް ކިޔައެވެ.

ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެތައް ދޮގެއް ހަދައިފިއެވެ. ބައެއް ދޮގުތައް ހަދާފައިވަނީ ރައްޔިތުންނަށް މަންފާއާއި ލާބަ ހާސިލުކޮށްދިނުމުގެ ނަމުގައެވެ. އަނެއްބައި ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ތެރޭގައި އެކަމުގެ ސަބަބުން ބޮޑެތި ނުތަނަވަސްކަންތައް އުފެއްދުވި ވާހަކަތަކެކެވެ. އެހެންނަމަވެސް އެމްޑީޕީއިން ތިބީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް އެ ހަގީގަތްތައް ފޮރުވައިގެންނެވެ.

އެމްޑީޕީއަކީ ތަފާތު ޕާޓީއެކެވެ. ރައީސް ނަޝީދަކީ ދުނިޔޭގައި ނެތްވަރު މީހެއްކަމަށް ހަދައި އެމަނިކުފާނު ދެކެ އިންތިހާއަށް ލޯބިވާކަމަށްވެސް ހެދިގެން މިހާރު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މެމްބަރުން ހުރިހާ މެމްބަރުންވެސް އާންމު ތަންތަނުގައި ވާހަކަދައްކަވާފައިވާނެއެވެ. ފެކްޝަންތައް އުފެދި އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އޮތްކަމަށް ފެނިގެންދިޔަ އިރުވެސް ރައީސް ނަޝީދު ހުންނެވީ ޕާޓީއަށް ގެންގުޅުއްވާ ހާއްސަކަމުގެ ސަބަބުން ދޫ ހިފަހައްޓަވައިގެންނެވެ. އެމަނިކުފާނު އެގޮތުގެ މަތިން އަހަރުތަކެއް ވަންދެން ކެތް ކޮށްލެއްވިއެވެ.

އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށައް ލައިގެން ތިބެވެސް އެމްޑީޕީއަށް ނުބެލުނެވެ. އެ ކަން ބަލައިދިނުމަށް ހުދު އެމަނިކުފާނުވެސް ތަކުރާރުކޮށް އާދޭސް ދެންނެވިއެވެ. އެއަށް ފަހު މައްސަލަތައް ހޫނުވަމުންދިއުމަށްފަހު އިވިގެންދިޔައީ ހައިރާންކުރުވަނިވި ވާހަކަތަކެކެވެ. އެމްޑީޕީއިން އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެ ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޕާޓީގެ އިސް ފަޑީގައި ތިއްބެވި އެމަނިކުފާނާއި ގާތް މެމްބަރުންނަށް އަމާޒުކުރިއެވެ.

އެމަނިކުފާނު ނޫން ބައެއް އެހެން މެމްބަރުންވެސް ދެއްކެވި ވާހަކަތަކުން އެކަމުގެ ފަހަތުގައި ސަރުކާރުގެ އަތެއް ވާކަމަށް ދޭހަވެގެންދިޔައެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް ޑިމޮކްރެޓްސްއިން ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އެމްޑީޕީއާއި ގުޅިފައިކަމަށްވުމުން އެއީވެސް އެއްވެސް ހަގީގަތެއް އޮވެގެން ދެއްކި ވާހަކަތަކެއް ކަމެއް ސާފެއްނުވެއެވެ.

މިފަހަކަށް އައިސް އެމްޑީޕީއަށް އަމާޒުނުވާ ތުހުމަތެއް ނެތްކަމަށްވެސް ބުނެވިދާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން މާލީ ދަތިކަމެއްގެ ތެރެއަށް ވައްޓާލުމާއި، ރާއްޖޭގައި އިސްލާމީ އަސާސްތައް ގެއްލިގެންދިއުމަށް ފުރުސަތު ދިނުމާއި، ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ އިތުރުން ރޭޕިސްޓުންގެ މައްސަލަތައް އޮއްބާލާކަމުގެ ތުހުމަތުތައްވެސް ހިމެނެއެވެ. ރައީސް ނަޝީދުވަނީ ރައީސް ސާލިހު އެމަނިކުފާނުގެ އާއިލީ މީހަކު ހިމެނޭ ރޭޕު ކޭހެއްގެ މައްސަލަ ކޯޓަށް ނުފޫޒު ފޯރުވައިގެން ހިފަހައްޓަވާފައިކަމަށް ތުހުމަތުކުރައްވާފައެވެ.

އެހެންނަމަވެސް ލަދުން އިސް ޖަހާލުމުގެ ބަދަލުގައި އެމްޑީޕީއިން އެ ހުރިހާ ވާހަކަތަކަކަށް ބީރު ކަންފަތެއް ދިނެވެ. ކެމްޕެއިންގެ ތެރޭގައި ދެއްކީ އޭރު ވެރިކަން ކުރަމުންދިޔަ ދައުރުގައި ނުނިންމާ ހުރި މަސައްކަތްތައް ނިންމައިދިނުމާއި، މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވައިދޭނެ ވާހަކަތަކެވެ. ފާޑުކިޔުންތައް އަމާޒުކުރާ ބައެއް ފަރާތްތަކުން ބުނާގޮތުން މިހާތަނަށް ފެނުނު އެންމެ ކޮރަޕްޓު ކަމަށް ބުނާ ސަރުކާރުން އެއީ ނުކުރެވޭ ތުހުމަތެއްކަމަށް ހެދިގެން ދެވަނަ ދައުރަކަށް ކެމްޕެއިން ކުރާނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކިގެންކަމަށެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީގެ އެ ކުށް ހީއަށް އެކަށީގެންވާ ޖަވާބެއް ލިބިފައިވާނެއެވެ.

ރައީސަކު ގޮއްވާލަން އުޅުމުގެ ތުހުމަތު އެކަންޏެއް ނޫނެވެ. ކޮވިޑްގެ ދަތި ހާލަތުގައި ވެންޓިލޭޓަރުތަކެއް ވަގަށް ނެގި މައްސަލައިގައިވެސް ތުހުމަތުތައް އަމާޒުވަނީ އެމްޑީޕީގެ އިސްފަޑިއަށެވެ. އަދި އެ ޕާޓީއިންވަނީ ދިވެހި ރައްޔިތުންގެ ހައްގުގައިކަމަށް ބުނެ އިގްތިސާދީ ގޮތުން ކުރިއަރައި މާލީ ހާލަތު ހަަމަޖެއްސުމުގެ ބަދަލުގައި ރައްޔިތުން ޖީބު ފެލާލައިގެން ފަސް އަހަރުގެ ދަތުރު ހަރަދު ހަމަޖަައްސާފައިކަމަށްވެސް ބައެއް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމާއިއެކު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމާއި ދެކޮޅުވެރިކަން ފާޅުކޮށްފައިވާއިރު ޕާޓީގެ ތެރޭގައިވެސް ބައިބައިވުންތައް އުފެދިގެންދިޔައެވެ. ހަމަ އެފަދައިން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެރުފިޔާ ނަގަން ނިންމުމާއި އެންމެ ފުރަތަމަ ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ހިޔާ ފްލެޓު ފަދަ ތަންތަނުން ކުލި ނެގުމަކީވެސް އެ ޕާޓީއިން ރައްޔިތުންނަށް ދީފައިވާ އަނިޔާތަކެއްކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދެކޭކަން ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ނޫނެކޭ ބުނުމުންވެސް ފެނިގެންދެއެވެ.

ރިޔާސީ ޕްރައިމަރީގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ބަގާވާތެއް ކުރިކަމަށް ބުނެ މުޅި ރާއްޖެ ހޫނުކޮށްލައިގެން އެމްޑީޕީއިން އުޅުން ދުވަސްވަރުވެސް ބައެއް ހަގީގަތްތައް އޮޅުވާލާފައިވާކަންވެސް ހާމަވެގެންދިޔައެވެ. އެގޮތުން ވެރިކަން ގެއްލިގެންދާނެ ހާލަތެއް ނެތް އިރު ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވީކަމަށާއި އެއީ އެމަނިކުފާނު މަސްތުގެ ހާލަތުގައި ހުންނެވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށްވެސް ބައެއް އިސް މެމްބަރުން ދެއްކެވި ވާހަކަތަކުން ދޭހަވެއެވެ.

އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ހުދު ފޮތިކޮޅަކަށް ހެދިގެން އެމްޑީޕީއަށް މިއަދު އުޅެވެނީ އެ ޕާޓީގެ މެމްބަރުންގެ އަނދިރި ފަރާތް ރައްޔިތުންނަށް ދެއްކުމުގެ ސިޔާސީ މަސައްކަތްތަކާއިގެން އުޅުއްވުމުގެ ބަދަލުގައި ގައުމު ތަރައްގީކުރެއްވުމާއި ހަމަޖެހުން ގާއިމުކުރެއްވުމުގެ މަސައްކަތްތަކައިގެން ރައީސް މުއިއްޒު އުޅުއްވާތީކަމަށް ބުނެވިދާނެއިރު، ވަޒީރުންނަށް ރުހުންދިނުމަށް ދެކޮޅުހަދައި ޑިމޮކްރެޓިކް ނިންމުމެއްގެ މަތިން ފާސްކުރެވިފައިވާ މެނިފެސްޓޯއެއްގެ މަސައްކަތްތަކަށް އެމްޑީޕީއިން ހުރަސްތައް އަޅަމުންދިއުމުގެ ސަބަބުން އެ ޕާޓީއަށް އަދިވެސް ޑިމޮކްރެޓިކް ޕާޓީއެއް ގޮތުގައި ކިޔިދާނެކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކިހިނެތް އެމްޑީޕީއަކީ ދިމޮކްރެޓިކް ޕާޓީއެކޭ ކިޔާނީ އެއީ މިހާރު ގައްދާރުންތިބި ގައްދާރުންގެ ޕާޓީއެއް އެޕާޓީގަ ގިނައީ އިންސާނުންގެ ސިފައިގާތިބި ހައިވާނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: