މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ހިދުމަތުގެ ތެރެއިން ރަމަޟާން މަހު 3 ރޫޓަކުން 3 ގަޑިއިރަށް ޚިދުމަތް ކަނޑާލާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިކަމާއި ގުޅޭ ގޮތުން އެމްޓީސީސީ އިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް ހަވީރު ވަގުތުގައިއާއި، ތަރާވީސް ނަމާދު ވަގުތަކީ މާލޭގެ މަގުތަކުގައި ކާރު ބާރު ބޮޑުވެ ތޮއްޖެހުން އިތުރުވާ ވަގުތެއްކަމަށެވެ. މިކަމުގެ ސަބަބުން އެ ވަގުތުތަކުގައި ބަސް ދުއްވުމުގައި ދަތިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެހެންކަމުން ހިދުމަތް ދިނުން 3 ގަނޑިއިރަށް ކަނޑާލުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ދޭ 3 ރޫޓަކުންކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެގޮތުން މިއާއިއެކު އޯކިޑްރޫޓް، އަމީނީރޫޓް އަދި ސޯސަން ރޫޓުން ކޮންމެ ދުހަކުވެސް އިރުއޮށްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެހެން ހުރިހާ ރޫޓުތަކެއްގެ ދަތުރުތައް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 6 އިން 7 އަކަށެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެމްޓީސީސީއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމް ކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރު ކުރެވޭ ގޮތަށް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެގޮތުން ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ވަނީ ހަދާފައެވެ. އެ ބަސް ސްޓޮޕްތަކަށް ކޮންމެ 15 މިނެޓަކުން ބަސް ކައިރިކުރާނެއެެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް އެމްޓީސީސީ އިން ގެނެސްފައިވާއިރު އޭގެތެރެއިން 8 ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަަށް އަރާ ފޭބޭގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހިމެނޭ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ދަތުރުކުރާ ބަސްތަކުގައި 20 ގޮނޑި ހުންނައިރު އެހެނިހެން ބަސްތަކުގައި ހުންނަނީ 22 ގޮނޑިއެވެ.
މިނީ ބަސްތަކުގައި ހުންނަ ގޮނޑިތަކުގެ އިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ. މި ބަސްތަކުން 7 ރުފިޔާ ދައްކައިގެން ދަތުރުކުރެވޭނެއެވެ.

