ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުން؛ ސްޓޯމް ވޯޓާ ސިސްޓަމް ނުޖައްސަތީ މުއިއްޒުގެ ފާޑުކިއުން!

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައިކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި، އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ޒަމާނުއްސުރެ ހައްލު ނުވެފައިވާ މި މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހާއްސަކޮށް މާފަންނުގައި ފެން ހިންދާނެ ނިޒާމެއް ނެތުމުގެ ސަަބަބުން އެންމެ ބޮޑަށް ފެންބޮޑުވެފައިވާ އަވަށަކީ އެއީ އެވެ. އަދި އޭގެ ސަބަބުން ގަރްއުންޑް ފްލޯގައި ހުންނަ އެކި ފިހާރަކާއި ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ.

ހެންވޭރުން ފެންބޮޑުވެފައި ވަނީ ކަލާފާނު ސްކޫލު ކައިރިންނެވެ. އެއީ ދާދި ފަހުން މި ސަރުކާރުން ތަަރައްގީ ކުރި އަމީނީ މަގު ކައިރި އެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒު ކުރައްވައި މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓާ ސިސްޓަމް ބަހައްޓައި އެ ޕަމްޕްތައް ޖެއްސުމުގެ ޒިންމާ އޮންނަ ބަޔަކު އެކަން ދޫކޮށްލުމާއި މެދު ހިތާމަ ކުރާކަމަށެވެ. މުއިއްޒުގެ ޓުވީޓުގައި ވިދާޅުވީ މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައިކަމަށެވެ.

 

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން ވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއި ގުޅިގެން ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮމަންޓް ކޯޕަރޭޝަން (އާރުޑީސީ) ދެމެދު މައްސަލަ ޖެހުނެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީ އަށް ނުކުރެވުމުގެ ސަބަބުން މިހާރު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއު  އާރުޑީސީ އާއި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ފައިދާއާއިއެކު ހަވާލުކުރީ 39 މިލިއަން ރުފިޔާއަށްކަމަށް ފާހަގަކޮށް މިހާރު މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެ ކޯޕަރޭޝަންއަށް 84 މިލިއަން ރުފިޔާ ދީފައި އޮތުމަކީ ކޮރަޕްޝަނުގެ އަމަލެއްކަމަށްވެސް ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެެވެ. އަދި ގާނޫނާއި، ކޮންޓްރެކްޓިން އުސޫލު މުގުރާލާއި ސަރުކާރުން މި ހިންގި އަމަލާއިމެދު ކައުންސިލްގެ ފަރާތުން އަޅާނެ ފިޔަވަޅުތައް، ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވާނަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި، އާރުޑީސީ ދެމެދު ދެބަސްވުންތަކެއް ދިޔަ ނަމަވެސް މިއީ ރައްޔިތުންގެ މަސްލަހަތު ހުރި މަޝްރޫއެއްކަމުން ދަތި ކުރުމުގެ ބަދަލުގައި އެއްބާރުލުން ދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވީއިރުވެސް އާރުޑީސީއަށް މަޝްރޫއު ކުރިއަށް ގެންދެވިފައިނުވާތީ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކުރިއެވެ. ޕްލޭނިން މިނިސްޓްރީގެ، ސްޓޭޓް އަކްރަމް ކަމާލުއްދީން ޓުވީޓެއް ކުރައްވައި ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން އާއްމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރުޑީސީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާކަމަށެވެ.

މިހާރު އެމްޓިސީސީގެ ފަރާތުން މަސައްކަތްކޮށް މަގުގެ އެއްބައިގައި ތާރު އަޅާ އާންމުންނަށް ހުޅުވާލާފައިވާއިރު، އެމްޓީސީސީއާއި އެ މަސައްކަތް ހަވާލުކުރުމަށް ނިންމި ސަބަބެއްކަމަށް އަކްރަމް ވިދާޅުވެފައި ވަނީ، އާރުޑީސީގެ ތާރު މެޝިނެއް ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކުންފުނީގެ މެޝިން ބަހައްޓައިގެން އަމީނީ މަގުގެ ދެން އޮތްބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބިން ހަމަނުޖެހޭކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އާރުޑީސީގެ ތާރު މެޝިންތައް ބަހައްޓާނެ ބިން ހަމަނުޖެހޭތީ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރިއިރު އެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސާނެ ގޮތަކާއި މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ވަނީ މަޝްރޫއު ކުރިޔަށް ނުގެން ދެވުނީ އާރުޑީސީއަށްކަމަށް ބުނެފައެވެ.

ރައްދުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެމްޓީސީސީން މި ވަގުތު އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދާއިރު އެ ކުންފުންޏަށް ބިމުގެ ދަތިތައް ދިމާ ނުވާނެކަމަށެވެ. އެހެންވެ، އާރުޑީސީއަށް ބިން ހަމަޖެހެން ދެން ތިބުމުގެ ބަދަލުގައި ދެ ކުންފުނިން އެއްބަސްވެ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން އާރުޑީސީން ބުނީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ އެމްޑަބްލިޔު އެސްސީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތް އަޕްގްރޭޑް ކުރުމުގެ ވަސީލަތްތައް ލިބިފައި ނުވުމުގެ ސަބަބުންކަމަށެވެ.

އަމީނީ މަގުގެ މަސައްކަތަކީ ޕްލޭނެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ފާހަގަކޮށް، މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނިން އާއްމު ކުރި ބަޔާނެއްގައި ވަނީ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމައި ތާރު އެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ބަޔާނުގައި ވާގޮތުން މަގުގެ ފުރަތަމަ ހުޅުވާލުމަށް ހަމަޖެހިފައިވާ ބައިގައި ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: