ރާއްޖޭގެ ސަރުކާރުން ހަވާލުކޮށްގެން ބިޔަ މަޝްރޫޢުތަކެއް ހިންގަމުންދާ އެފްކޮންސް ކުންފުނި ވިއްކާލުމަށްޓަކައި އެ ކުންފުނީގެ އިސްވެރިޔާ އިންޑީއާގެ ބިލިއަނަރު ޝަޕޫރްޖީ ޕަލޮންޖީ މަސައްކަތްތައް ފައްޓައިފިއެވެ.
ރާއްޖޭގައި ތިލަމާލެ ބުރިޖު މަޝްރޫޢޫ ހިންގަމުންދާ އެފްކޮންސް ކުންފުންޏަކީ އެސްޕީ ގުރޫގެ ދަށުން ހިންމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެރި ފަރާތް މިހާރު މަސައްކަތްކުރަމުންދަނީ މާލީ ހާލަތު ބުރަވެގެންދިއުމުގެ ސަބަބުން ލުއިތަކެއް ހޯދުމަށްކަމަށް ބައެއް މާލީ ކަންކަމާއި ބެހޭ މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ހިންގަމުންދާ ބިޔަ މަޝްރޫޢުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާގޮތުން، އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގުރޫޕުގެ ބައެއް ކުފުންފުނިތައް ވިއްކާލުމަށް މަސައްކަތްކުރަމުންދަނީ 2.5 ބިލިއަންނާއި ގާތް ކުރާ އަދަދެއްގެ ދަރަނިތައް ދެއްކުމުގެ ގޮތުންނެވެ. އަދި ވިއްކާލާ ކުންފުނިތަކުގެ ތެރޭގައި އެފްކޮންސްވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
އެފްކޮންސް ވިއްކާލުމަށް މަސައްކަތް ފަށާފައިވާކަން އާންމުވުމާއިއެކު ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ހިންގަމުންދާ މަޝްރޫޢޫތަކާއިމެދު ގިނަ ބަޔަކުވަނީ ކަންބޮޑުވެފައެވެ. އެފްކޮންސްއަކީ ތިލަމާލެ ބުރިޖާއި އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތްތައް ކުރަމުންދާ ކުންފުނިކަމަށްވާއިރު، މަސައްކަތްތައް ކުރުމުގެ ތެރެއިން އެތައް މައްސަލަތަކެއް ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ދަށްވުމުގެ މައްސަލައިގެ އިތުރުން ބުރުޖު ޕްލެޓު ފޯރމު ވިލިނގިލި ފަރަށް އެރުމުގެ މައްސަލައިގެ އިތުރުން މަސައްކަތް ކުރުމަށް ގެންގުޅުން ވަސީލަތެއް ހަލާކުވުމުގެ މައްސަލަވެސް ފާހަގަކުރެވޭއިރު، މަސައްކަތްތައް ދިގުލައިގެންދާކަންވެސް ފާހަގަކުރެވެއެވެ.
އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގުރޫޕުން އެ ކުންފުނީގެ އިތުރުންވެސް އެހެނިހެން ކުންފުނިތަކައި އެސެޓުތައް ވިއްކާލުމަށްވެސް ވަނީ ތައްޔާރުވެފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ބަނދަރުތައް ފަދަ ތަންތަންވެސް ވިއްކާލުމަށް މަސައްކަތް ފަށާފައިވަނީ އެ ކުންފުނީގެ ދަރަނިތައް އަދާކުރުމުގެ އިތުރުން އެހެނިހެން ބައެއް ކުންފުނިތަކަށް އިސްވެސްޓުކުރުމަށެވެ. އެ ކުންފުނިންދަނީ 2022 ވަނަ އަހަރުގެ ތެރޭގައިވެސް މި މަސައްކަތްތައް ކޮށްފައެވެ. އެގޮތުން 500 މިލިއަން ޑޮަލަރަށްވުރެ އަގު ހުރި އެއަރ ޕިއުރިފަޔަރ ކުންފުންޏެއް ވިއްކާލުމަށްފަހު ބައެއް ދަރަނިތައް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށްވާ އެފްކޮންސް ކުންފުނި ވިއްކާލުމުގެ ވާހަކަތައް ފެންމަތިވެފައިވާއިރު، އާންމުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކަމުގެ ސަބަބުން ރާއްޖޭގައި ބިލިއަނުން ހަރަދުކޮށްގެން ހިންމުންދާ މަޝްރޫޢޫތައް ހުއްޓުމަށް އައިސް އިޔާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބިދާނެކަމާއިމެދު ސުވާލު އުފައްދަމުންނެވެ.

