ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސެއްގެ ގޮތުގައި ހުންނަވައި ސަރުކާރަށް ޖެއްސުންކޮށް، އެހެން ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރައްވައި ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި ނަމަވެސް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ވެރިކަން ކުރައްވައި ޕާޓީގެ އަސާސްތައް ދެމެހެއްޓުމުގައި ފެއިލްވި ބޭފުޅަކަށް ދެވަނަ ފަހަރަށް ދޭނެ ވޯޓެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުންގެ ނަމުގައި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައި ވާތީ އެކަމަށް ވެސް ޕާޓީގެ މެމްބަރުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި އެމްޑީޕީއަށް ގޮނޑި ގެއްލޭނަކަމަށް ދޭހަވާ މޭރުމަކުން ވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން ވާހަކަ ދައްކަވާފައި ވެއެވެ.
މާދަމާ އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީއަށް ގޮނޑި ކާމިޔާބުވިޔަ ނުދޭން ރައީސް ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުން މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ފައްޔާޒް ވަނީ އެކަންތައް ހުއްޓާލުމަށް ރައީސް ނަޝީދަށް ގޮވާލާފަ އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަ ކުރާ އިބްރާހިމް ޝާޒާއި ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތް ކުރަމުން ދާކަމަށެވެ.
އެމްޑީޕީގެ މެމްބަރުންނަށް ބައެއް ބޭފުޅުން ގުޅައި ޝާޒަށް ވޯޓު ނުދޭން އަންގަމުންދާކަމަށް ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ ޕާޓީ ފުނޑާލުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށެވެ.
ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާގެ މެމްބަރުންނަށް ގުޅާ ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރަމން ދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން… ރިޔާސީ ޓިކެޓާއި ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑުފުނޑުކޮށްލުމަށް ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވިޔަ ނުދޭނަން.. އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް
ފައްޔާޒް
ފައްޔާޒްގެ މި މެސެޖު ސޯޝަލް މީޑިއާގައި މިވަގުތު ދަނީ ދައުރުވަމުންނެވެ. އަދި އެ މެސެޖަށް ފަހު ގުރޫޕުގައި އިތުރު މެމްބަރުންނަށް ވާހަކަ ނުދެއްކޭގޮތަށް ބަންދުކޮށްފައި ވާތީ އެކަމަށް ބައެއް ބޭފުޅުން ފާޑުވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގެ ސްކްރީންޝޮޓެއް އާއްމު ކުރައްވައި ވިދާޅުވީ ގައުމޫ މަޖިލީސް ގުރޫޕުގައި އެއްވެސް މީހަކަށް ނުލިޔެވޭ ގޮތަށް ބާއްވައި އެކަނި މެސެޖުތަކުން އިންޒާރު ދިނުމަކީ ގަޓެއް ނޫން ކަމަށެވެ.
ރިޔާސީ ޕްރައިމެރީއަށް ފަހު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެފައިވާއިރު، ގުޅުން ދެން ރަނގަޅުވެދާނެކަމަށް ނުބެލެވެ އެވެ.

