ރާއްޖެ އަދި މޮރިޝަސް ދެމެދު އުފެދިފައިވާ މައްސަލައިގައި ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މޮރިޝަސް އާއިއެކު ޗާގޮސްގެ މައްސަލައިގައި ސިއްރު ޑީލެއް ހަދައި، 500 މިލިއަން ޑޮލަރުގެ މުއާމަލާތެއްވެސް ކުރެވިފައިވާކަމަށް މޮރިޝަސްގެ ނޫސްތަކުގައި ޝާއިއު ކުރެވިފައިވާއިރު، ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުންވަނީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވާފައެވެ. ބައެއް މެމްބަރުން ވިދާޅުވާގޮތުން، ރައީސް ސާލިހުގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ވެގެން ނުދެއެވެ.
އާންމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ސޯޝަލްމީޑިއާ މެދުވެރިކޮށް އަލީ ހުސައިންވަނީ ރާއްޖޭގެ ކުރީގެ އަދި މިހާރުގެ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލުކޮށް ”ކޭވް އިން“ ޕޮލިސީއެއް ގެންގުޅެމުންދަނީ މީގެ ކުރީގެ ސަރުކާރުންތަކުންވެސް މި މައްސަލައިގައި އިހުމާލުތަކެއް ވެފައިވާތީކަމަށެވެ.
Negligence and inactions of the successive govts culminating to the cave in policy of the current govt. https://t.co/mqFkx9ngl3
— Ali Hussain (@AleeVoice) April 26, 2023
މައްސަލައާއިމެދު އަލީ ހުސައިންވަނީ އިތުރަށްވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވެގެންދާގޮތަށް ޓްރައިބިއުނަލްއިން ނިންމައިފި ހާލަތެއްގައި، އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ރައީސް ސާލިހު ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، އޭނާ ހުންނެވީ ރައީސް ސާލިހު މޮރިޝަސް އަށް ފޮނުއްވެވި ސިޓީގެ ސަބަބުން ނުކުންނަ ނަތީޖާއަށް އިންތިޒާރު ކުރައްވައިގެންކަމަށެވެ.
ޗާގޮސްގެ މައްސަލައިގައި ރައީސް ސާލިހު ޒިންމާ ނަންގަވަން ޖެހޭކަމަށް އަލީ ހުސައިން ވިދާޅުވިއިރު، ރައީސް ސާލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުއްވިކަމަށް ބުނާ ސިޓީގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އެ ސިޓީގައި ސަރުކާރުންވަނީ މޮރިޝަސްއަށް ޗާގޮސްގެ މައްސަލައިގައި އެއްބާރުލުން ދޭނެކަން ހިއްސާކޮށްފައެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުންވަނީ އެ ސިޓީއަކީ ސައްހަ ނޫން އެއްޗެއްކަމަށް ބުނެފައެވެ.

