ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް ލައިވް ކުރާނީ މައްސަލައިގެ ހެކިބަސް ނަގާ ނިމުމުން ކަމަށް ޝަރީޢަތުން ނިންމައިފިއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.
އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ރ. ފުއްގިރި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތަކީ އިފްތިތާހީ ބަޔާން ހުށަހެޅުމަށްޓަކައި ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ. ނަމަވެސް ރައީސް ޔާމީންއާއި އެމަނިކުފާންގެ ވަކީލުން އެދިވަޑައިގެންނެވީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ސްޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މައްސަލަ މަޑުޖައްސާލުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިފްތިތާހީ ބަޔާން ހުށަހެޅުން މި މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ފަހު ހެކިބަސް ނެގުން އޭގެ ފަހުން ކުރިއަށް ގެންދިއުމަށެވެ. ހެއްކާއި ބެހޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމެންދެން މައްސަލަ މަޑުޖައްސާލަން ރައީސް ޔާމީންއާއި އެމަނިކުފާންގެ ވަކީލުން އެދިވަޑައިގެންނެވި ނަމަވެސް ގާޒީ އަލީ ނަދީމް ނިންމެވީ މައްސަލަ ކުރިއަސް ގެންދިއުމަށެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މައްސަލައިގައި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތަށް ލިބިފައި ނުވާ ކަމަށެވެ. ހާއްސަކޮށް ރަމްޟާނަ މަހުގެ ތެރޭގައި އެއްވެސް ގޮތަކަސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އަދި ކެރެކްޝަންސްއިން ވަކީލުންނާއި ބައްދަލު ކުރުމަސް ދެނީ ކޮންމެ ހަފްތާއަކު ދެ ގަޑިއިރު ކަމަށާއި އެއީ މައްސަލައަސް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތްތައް ލައިވް ކޮށްދިނުމަސް އެދޭ ކަމަށާއި މައްސަލައަކީ އެތައް ބައެއްގެ ހައްގުތަކާއި ގުޅިފައިވާ މައްސަލައެއް ކަމުން ހެކިބަސް ނެގުމުން ފެށިގެން ޝަރީޢަތް ލައިވް ކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.
ރައީސް ޔާމީންގެ ވާހަކަތަކަސް ފަހު މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ ޝަރީޢަތް ލައިވް ނުކުރުމުގެ އެއްވެސް ވިސްނުމެއް ޗަރީޢަތުން ނުގެންގުޅޭ ކަމަށާއި ނަމަވެސް މައްސަލަ ލައިވް ކުރާނީ މައްސަލައިގައި ހެކިބަސް ނަގާ ނިމުން ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ހެކިބަސް ނަގާ މަރުހަލާއިން ޝަރީޢަތް ލައިވް ކުރާނަމަ ހެކި އުފެއްދުމާއި ހެކިންނަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ އިންސާފަށް ވާސިލްވުމަސް ހުރަސް އެޅޭނެ ކަމެއް ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އެހެން ކަމުން ހެކިބަސް ނަގާ ނިމުމުން ޝަރީޢަތް ލައިވް ކުރަން ޝަރީޢަތުން ވަނީ ނިންމާފައެވެ. ނަމަވެސް ހެކިބަސް ނަގާ މަރުހަލާއިން ފެށިގެން ޝަރީޢަތް ލައިވްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންވެ، އެ ދެ މީހުންގެ ހެކި ބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ދާ ފުއްގިރި މައްސަލައިގައި ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުމާއި ހެކި ރައްކާތެރި ކުރުމުގެ އަމުރު ބާތިލުކޮށްދޭން އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމަށެވެ. ހައިކޯޓުން މައްސަލައިގައި ކުރި ހުކުމުގައި ބުނީ ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާއި އެކު ދައުވާ އުފުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަސް ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާއި ގުޅޭ ބައެއް ނިންމުންތައް އިސްތިއުނާފު ކުރި އެވެ. އެއީ ދެ ފަރާތުން އެދުނު ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ. އެ މައްސަލައިގައި ހައިކޯޓުން ދަށު ކޯޓުގެ ނިންމުމަށް ވަނީ ތާއީދުކޮށްފަ އެވެ. އެއަށް ފަހު، ކްރިކް ރިޒާ އާއި ސަންއިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާކަން އަދި ސާފެއް ނޫނެވެ.

