ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ސަލާމަތްތެރިކަން !

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ގިނަ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ނުވަތަ ޒަމާން ތަރައްގީވެގެން ގޮސް ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ބަލަނީ ފަސޭހަ ގޮތެކެވެ. އެގޮތުން ކެއިން ބުއިމުގައިވެސް ފަސޭހަ ކަމާއެކު ކާލެވޭ ނުވަތަ ބޯލެވޭ މީރު ބުއިމެއް ބޯލުމަށް ގިނަ ބަޔަކު ކެފޭ އަދި ރެސްޓޯރަންޓް ތަކަށް ގޮސް އުޅެއެވެ.

މިގޮތުން ރެސްޓޯރަންޓް ތަކަށް ގޮސްއުޅުމުގައި އެތަންތަނުގެ ހިދުމަތް ހޯދާ މީހުން ތަނުގެ ސާފުތާހިރުކަމާއި މެދު ވަރަށް ބޮޑަށް ވިސްނާލަންޖެހެއެވެ. ސާފުތާހިރުކަމާއި އެކުގައި ތަނުގެ ކޮލިޓީ އާއި ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަކީ ބަދަލުވަމުން މިދާ ތަރައްގީ ޒަމާނުގައި މުހިއްމު ކަމެކެވެ.

ދިވެހިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މަސްހޫރު ބްރޭންޑް ތަކުގެ ފްރެންޗައިޒް ރެސްޓޯރަންޓް ތައް ހުރިއިރު އެތަންތަނުން ދޭ ހިދުމަތުގެ ފެންވަރު އެއްހަމަ އެއްގައި ހިފެހެއްޓެނީ ކިތައް ތަނުގައި ބާއޭ ހިތަށް އަރައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮލިޓީ ހިފެހެއްޓުމަށް މުހިއްމު އަހަމިއްޔަތު ކަމެއްދޭ އިރު, ރާއްޖޭގައިވެސް މި ފަހަކަށް އައިސް މިކަމަށް ސަމާލުކަން ދެއެވެ. ނަމަވެސް ހިތާމައަކީ މަދުން ނަމަވެސް އެކަން ރަނގަޅަށް ދާއިމަށް ދެމެހެއްޓެނިވި ގޮތެއްގައި ނެތް ތަންތަން ވެސް ހިމެނިގެންދާތީއެވެ.

ހުސްވި ހަފްތާގައި ހިނގާދިޔަ ހާދިސާއެކެވެ. ރައްޓެއްސަކާ އެކު ފުރަ މާލޭގެ ނަން ހިނގާ ރެސްޓޯރެންޓަކަށް އަރައި އޯޑަރު ދޭން ބުނި ބުއިން ލިބެންނެތް ވާހަކަ ބުނުމުން އެކަމާ ހައިރާންވިއެވެ. އަދި އަހާލެވުނެވެ. ދެން މި ހުރިހާ އެއްޗެއް ލިބޭނެ ކަމަށް މެނޫގައި ހިމަނާފައިވަނީ ސަމާސާއަކަށް ތޯ އެވެ. އެހިސާބުން އޯޑަރު ނަގަން އައި ވެއިޓަރަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެންމެ ފަހުން އެހެން އެއްޗެއް ގެނައުމަށް ބުނެ އިރުކޮޅެއް ފަހުން ގެނައިރު އޭގައި ދެނީ ފެން ރަހައެވެ.

ވެއިޓަރުގެ ކައިރީގައި އޭގައި ރަހަ މަޑުކަމަށް ބުނުމުން ދިން ޖަވާބަކީ އެ ތައްޔާރުކުރީ ވަކި މިންގަނޑަކަށް މިނެ ކިރައި އެ ހުންނަންޖެހޭ ގޮތަށް ކަމަށެވެ. އެހިސާބުން އެވާހަކަ ބާއްވާނަމެވެ.

ޖެހިގެން އައި ދުވަހުވެސް ހަމަ އެހެން ރެސްޓޯރަންޓަކަށް އަރައި އޯޑަރުދޭން ގޮވާލީމެވެ. މިފަހަރު އޯޑަރު ނަގައިގެން ގޮސް އައިސް އެ ތައްޔާރު ކުރުމަށް ބޭނުންވާ ކޮންމެވެސް މޭވާ އެއް ލިބެން ނެތް ވާހަކަ ލަދުވެތިކަމާއެކު ބުނެލިއެވެ. އަނެއްކާވެސް ޖެހުނީ އޯޑަރު ބަދަލުކުރާށެވެ.

ތެދެކެވެ. ގޭގައި އެ ތައްޔާރު ކުރެވިދާނެއެވެ. ނަމަވެސް ރެސްޓޯރަންޓަށް ދަނީ ގެއިން އެކަން ވާން ނެތީމައެއް ނޫނެވެ. އެ މީރުކޮށް އަރާމުގައި ހިދުމަތް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް އެ އުފާވެސް ނުލިބުނީއެވެ. އެހިސާބުން ހިތަށް އެރިއެވެ. މާލެއަށް ބޭރުން އެވަރަށް މުދާ އެތެރެކުރާއިރުގައި އެފަދަ އެއްޗެއް ލިބެން ދަތިވެދާނެބާއެވެ. ކޮންމެއަކަސް އެކަން އެހެން ވެދާނެ ކަމަށް ނިންމައި އޭގެ މަތިން ހަނދާން ނައްތާލީމެވެ. އަދި ހިތަށް އެރިއެވެ. ގައިމު އެހެން ގައުމުތަކުގައިވެސް ބޭނުންވާ އެއްޗެއް ގިނަ ފަހަރު ލިބެން ހުރެއެވެ.

އަދިވެސް އިތުރު ހާދިސާއެއް ހިއްސާކޮށްލާނަމެވެ. އޮފީސް ކުއްޖަކާއެކުގައި މުޅިމާލޭގެ ގިނަ ތަންތަނަށް ދުއްވީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ރަހަމީރު ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ހޯދާށެވެ. ނަމަވެސް އެއްވެސް ތާކުން އެލިބޭ ގޮތެއް ނުވިއެވެ. ހަމަ ގައިމުވެސް އެލިބޭނެ ކަމަށް އުއްމީދު ކުރި ތަނަށް ދިޔައިރު އެތަން ހުރީ މަރާމާތަށް ބަންދުކޮށްފައެވެ. އެހިސާބުން ދެމީހުންނަށް އެކުގައި ބުނެލެވުނެވެ. މިއީ ހަމަ އެހާ ތަދު އެއްޗެއް ހެއްޔެވެ؟ ނުވަތަ ތައްޔާރު ކުރަން އުނދަގޫ އެއްޗެއް ހެއްޔެވެ ؟

މިއަދު ޒަމާނަށް އައި ބަދަލާއެކު ރަހަތަކަށް ވެސް ބަދަލުއައިސްފައިވީ ނަމަވެސް ބަދަލުނުވާ ބައެއް އާދަތައް ވެސް ހުރެއެވެ.

ކޮންމެ ފަދަ ވިޔަފާރިއެއް ކުރި ނަމަވެސް އެ ވިޔަފާރި ދެމެހެއްޓުމަށް އަދި ވަކިން ހާއްސަކޮށް ހިދުމަތް ލިބިގަންނަ ކަސްޓަމަރުން ހިތްހަމަ ޖެހުމާއި ހިދުމަތް ރަނގަޅުކުރުމަށް އެތަނުން ލިބެން ހުންނަ ހުރިހާ އެއްޗެއް ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހުރުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ ވިޔަފާރި ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

މިތަނުގައި އެއްވެސް ގޮތަކަށް އެއްވެސް ތަނެއް ބަދުނާމު ކުރަނީއެއް ނޫނެވެ. ނަމަވެސް ކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް އެތައް ހާސް ކަމެއް ރަނގަޅުވެގެންދެއޭ ބުނާ ބީދައިން ކިތަންމެ ކުޑަ ކަމަކުންވެސް ނޭދެވޭ އަސަރެއް ކޮށްފާނެއެވެ.

އާއްމު ގޮތެއްގައި ކާނާ ވިހަވުމާއި ސާފުތާހިރުކަން ނެތުމުން ގިނަ ތަންތަން ބަންދުކުރަން ޖެހޭ ފަހަރު ދިމާވެދެއެވެ އަދި އެތަނެއްގައި އެކަން ހައްލު ކުރުމުން އަލުން އެތަނެއް ހުޅުވުމަށް ހުއްދަ ލިބިގެންދެއެވެ.

ކާބޯތަކެއްޗަކީ އިންސާނާގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެއް ކަމުގައިވީ ހިނދު އެ ތައްޔާރުކޮށް ހިދުމަތް ދިނުމުގައި ރައްކާތެރިކަމާއި ސާފުތާހިރުކަމާއި ކޮލިޓީ ހިފެހެއްޓުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް އަގުދީގެން ތައްޔާރުކުރެވޭ ކާނާ ގަނެ އުކާލަންޖެހުމުން އެކަމުގެ ނުރުހުމާއި ހިތްދަތިކަން ކޮންމެ މީހަކުވެސް ތަހައްމަލު ކުރާނެއެވެ.

ބައެއް ފަހަރު އޯޑަރުކޮށްގެން ގެންނަ ކާނާގައި ރަހައެއް ނުލާއިރު އެކައިގެން ފާހާނާއަށް ދެވުމާއި ހޮޑުލުން ފަދަ ކަންކަން ކުރިމަތިވާ ފަހަރު ދިމާވެއެވެ. އެހެން ދިމާވަނީ ސާފުތާހިރުކަން ނެތީމައެވެ.

މާޒީގައި ބައެއް ކެފޭ އަދި ރެސްޓޯރެންޓްގައި މީދަލާއި ކުރަތްޕާއި ހޯނާއި ދެންވެސް ލެއްވިހާ ސޫފާސޫފި ފެނިފައި އެބަހުއްޓެވެ. އެކަމުގެ ސަބަބުން އެތަންތަން ބަންދުކުރަން ޖެހިފައިވެއެވެ. އަދިވެސް ބައެއް ކެފޭ އަދި ރެސްޓޯރަންޓްގައި ކާންތިބޭ ގަޑީގައި ކައިރީގައި ބުޅާ އުޅޭ ތަންތަންވެސް ހުރިކަން ފެނެއެވެ. އޭގެ އުނދަގޫ ކޮންމެވެސް ވަރަކަށް ފޯރާ ފަހަރުވެސް އާދެއެވެ.

ހިތްހަމަޖެހިލައިގެން ކެއިންބުއިމުގެ ހިދުމަތް ހޯދުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ހާލަތްތަކުގައި ދިމާވާ އެކި ހާދިސާތަކާ ހެދި އެކަމަށް ހުރަސްއެޅިގެންދެއެވެ.

މަގުމަތީގެ އަދަބުތަކާއި ކެއިން ބުއިމުގެ އަދަބުތަކާއި ކާބޯތަކެތި ގެނައުމާއި އޭގެ ހިދުމަތް ދިނުމާއި އެ ހިދުމަތުގައި އުޅޭ މީހުން އުޅެންޖެހޭ ގޮތްތަކެއް ކަނޑައެޅިފައިވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭން ތިބޭ މީހުން ތިބެންޖެހެނީ ސާފުތާހިރުކަންމަތީގައެވެ. ނަމަވެސް ސާފުތާހިރުކަން ނެތި ބައެއް ފަހަރު ބައެއް ތަންތަނުގައި ކާބޯތަކެތީގެ ހިދުމަތް ދޭތަންފެނެއެވެ.

މާލޭގައި ނަން މަޝްހޫރު ރެސްޓޯންޓަކުން ހަލާކުވެ ރެނދުލާފައި ހުންނަ ތަށި ފެންބޯން އަދި ސައި ބުއިމަށް ގެންނަ ވާހަކަ އެއް ދެއްކުމުން އެކަމާ ހައިރާންވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަގީގަތަކީ މަދުން ނަމަވެސް ޖޯޑާއި ފެންބޯތަށީގެ މަތީ ކައިރިން ހަލާކުވެފައި ހުންނަ ތަށި ބުއިމަށް ބޭނުންކުރުމަށް ބައެއް ތަންތަނުން ދޭ ދިނުމެވެ. އެކަމުގެ ސަބަބުން ކަސްޓަމަރުގެ އަނގަ ހަލާކުވެ ނުވަތަ ބިއްލޫރި ކޮޅެއް ދިރޭއިރު އެކަމުގެ ޒިންމާ ޔަގީނުންވެސް ވޭޓަރު އަދި އޯނަރު ވެސް ނުނަގާނެއެވެ.

ދެންއޮތީ ކަމާބެހޭ ވުޒާރާތަކުން އެކަންކަން ބަލާ މޮނިޓަރ ކުރުމާއިބެހޭ ގޮތުން އުފެދޭ ސުވާލެވެ. ކެއިން ބުއިމުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަބަދު އެކަން ބަލަން ނުތިބެވިދާނެއެވެ. ފަރުދީ ޒިންމާ އަދާކުރަންޖެހެނީ ހަމައެކަނި ކޮވިޑުން ރައްކާތެރިވާން އެކަންޏެއް ނޫނެވެ. ކޮންމެ ކަމެއްގައި ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ.

ކާބޯތަކެތި ތައްޔާރުކުރާ ބަދިގޭގައި މަސައްކަތް ކުރާ ކައްކާއިން ފެށިގެން ގޮސް ތަށިދޮވެ ތަށިފުހޭ މީހާ އާއި ހަމައަށް ސާފުތާހިރުކަން ކަށަވަރުކުރެވި ފަރުދީ ޒިންމާ އަދާކުރެވި އަދި ޑެލިވަރި ކުރާނަމަ އެކުރެވެނީ ރަނގަޅު ހާލަތުގައި ހުރި ކާބޯތަކެތިކަން ކަށަވަރު ކުރެވިފައިވާނަމަ މައްސަލަ ހައްލުވެގެންދާނެ ކަމާއިމެދު އެއްވެސް ސައްކެއްނެތެވެ.

ކާބޯތަކެއްޗާއި ގުޅުން ހުރި އެތަކެއް ފެއަރ ތަކާއި ސެމިނަރ ތައް ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވިގެންދާއިރު އިސްވެ ދެންނެވުނު ކަންކަމަށް ސަމާލު ނުވެވިއްޖެ ނަމަ ހިތާމަ ވެރި ހާދިސާ ތައް ކުރިމަތިވަނީ މަދު ފަހަރަކު ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: