ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތައް ހިންގުމަށް އަރބަންކޯ އިން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވިފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.
ހުޅުމާލޭގެ ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަކުރެވިފައިވާ ކަަމަށް އާރބަންކޯއިން ބުނެފައިވެއެވެ.
އަދި މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާވެސް އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.
މި މައްސަލާގައި އެ ކުންފުނިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން އެނގޭ ކަމަށާއި މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންފާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފައި ކަމަށް ވެސް އަރބަންކޯއިން ބުނެފައިވެއެވެ.
މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.
ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައެވެ. އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން މި ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ހުޅުމާލޭގެ މާހައުލަކީ އެންމެނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް މި ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ހުޅުމާލޭގެ މަގުތަކަށް ބަލައިފި ނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް މި ކުންފުނިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެއެވެ. އަދި ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަކީވެސް ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އާރބަންކޯ އިން ވަނީ ބުނެފައެވެ.

