މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖުރިމަނާ ހޯދުމަށް ދައުލަތުން ދައުވާކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލިއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.
އަދީބާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އޭގެ ދަށުން އޭނާގެ މައްޗަށް އިއްވާފައި ވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. 2020، އޮކްޓޯބަރ 5 ގައި ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެހެންވެ އެ ފައިސާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން އަދީބާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލުމުން މިއަދު މައްސަލައިގައި ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.
އަދީބަށް އިއްވާފައިވާ ޖަލު ހުކުމް ތަންފިޒު ކުރައްވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

