މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ، ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުން ހަމަޖައްސައިފި އެވެ.
ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށް، ޖުމްހޫރީ ޕާޓީން ވަނީ ރަސްމީ މަސައްކަތްތައް ފަށާފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވެސް ދަނީ ކުރިޔަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޖޭޕީން ބުނެފައި ވަނީ، ގާސިމްގެ ކެމްޕެއިން މެނޭޖަރުކަމަށް ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސާފައިވާ ކަމަށެވެ.
އިލްހާމް ކެމްޕެއިނުގައި ހާއްސަވެފައި ވަނީ ދެކުނުގެ ރަށްތަކަށެވެ. އެއީ ވ އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށެވެ. މާލޭގެ ވެސް ކެމްޕެއިން ބައެއް މަސައްކަތްތައް ކުރިޔަށް ގެންދަވާނީ އިލްހާމެވެ.
އަމީން ކުރިޔަށް ގެންދަވާނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކުގެ ކެމްޕެއިން ހަރަކާތްތަކެވެ. އަދި އަމީން ވެސ މާލޭގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދަވާނެ އެވެ.
ކެމްޕެއިން މެނޭޖަރުން އައްޔަނު ކުރުމާއި އެކު ވަރަށް އަވަހަށް، ގާސިމާއި ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮންނާނެކަމަށް މައުލޫމާތު ލިބެ އެވެ. އެކަމާ އިސްކޮށް އުޅުއްވާނީ އިލްހާމާއި އަމީނެވެ.
މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމަށް ތައްޔާރުވީއިރު، ސަރުކާރު މެމްބަރުންގެ ފާޑުކިއުން އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އަދި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުރެ އެގޮތަށް މަސައްކަތް ނުކުރެވޭނެކަމަށް ސަރުކާރު މެމްބަރުން ވަނީ ބުނެފަ އެވެ.

