ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުން ބައެއް ނުގެއްލޭ، އިިދިކޮޅުން މަސައްކަތްކުރަނީ ނެތް މައްސަލައެއް އުފައްދަން: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރި މައްސަލައިގައި އިދިކޮޅުން މަސައްކަތްކުރަމުންދަނީ ނެތް މައްސަލައެއް އުފެއްދުމަށްކަމަށް ފާހަގަކުރައްވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރިޔާސީ ޓިކެޓުގެ މައްސަލައިގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއާއި ވަކިވެ، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދެކޮޅަށް މަސައްކަތްކުރެއްވުމަށް ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފައްދާފައިވާއިރު، އިސް ސަފުގައި ތިއްބަވާ މެމްބަރުނާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ މެމްބަރުންވެސް ރައީސް ސާލިހުގެ ސަރުކާރުން އިން ވަކި ކުރުމުގެ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ނަގާލާފައިވާކަމަށް ބުނެ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ރައީސް އަދި ސަރުކާރުގެ ނިންމުން ދިފާއު ކުރައްވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އިދިކޮޅުން ހަގީގަތާއި ހިލާފަށް ވާހަކަތައް އުފައްދަމުންދާކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިޓްލޮސް އިން ރާއްޖެ އާއި މޮރިޝަސްގެ އިން ކަނޑައަޅައިދިން އިރު، ރާއްޖޭގެ މަސްވެރިން އެ މަސައްކަތްތައް ކުރަމުން އައިސްފައިވާ އެއްވެސް ސަރަހައްދެއް ގެއްލިގޮސްފައިނުވާކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އަންކްލޮސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ނެތް މައްސަލައެއް ވުޖޫދަށް ގެނައުމަށްކަމަށެވެ. ޝަރީފް ވިދާޅުވީ، އެކަން ކުރަމުންދަނީ ސަރުކާރުގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ޕާޓީތަކަށް ރައްޔިތުންގެ ތެރޭގައި ތާއީދެއް ނެތްކަން އެ ޕާޓީތަކުގެ އިސް މެމްބަރުންނަށް އެނގިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން ޝަރީފް ވަނީ ފެޑަރަލް ނިޒާމަކާއިމެދު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، އެ ނިޒާމަކީ ތަފާތު ދީންތަކުގެ ތަފާތު ނަސްލުތަކުގެ ތަފާތު ބަސްތަކުން ވާހަކަދައްކަމުންދާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ދައުލަތްތަކުން އެކުލެވޭ ގައުމުތަކުގައި އޮންނަ ނިޒާމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ހިންގުމަށް އުނދަގޫ އަދި ހަރަދު ބޮޑު ނިޒާމެއްކަމަށެވެ.

އޭނާ ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ހަދާފައިވާ ޕާޓީއަށް ދީފައިވާ ނަމަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް ނަން ދެވުނީ އޮޅުމަކުން ނޫންކަމަށް އޭނާ އަށް ބެއްލެވޭ ސަބަބުތަކެއް ހުރިކަމަށެވެ. ޝަރީފް ވިދާޅުވީ، އެއީ ރައީސް ނަޝީދު ވިސްނާވަޑައިގެން ކަނޑައަޅުއްވާފައިވާ ނަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އެކަން ކުރެއްވީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި އެއްފަދަ ލިބަރަލް އެޖެންޑާއެއް ޕްރޮމޯޓު ކުރާކަން އަދި އެއްފަދަ ވިސްނުންތަކެއް ގެންގުޅޭކަން ދުނިޔެއަށް އިއުލާނު ކުރެއްވުމަށްކަމަށެވެ.

ރާއްޖެ ފަދަ މުސްލިމް ގައުމެއްގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއިން ގެންގުޅެމުންދާ ލިބަރަލް އެޖެންޑާއެއް އަށަގެންނުވޭނެކަމާއިމެދު ޝަރީފް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އިން އެކަން ބޭނުންވި ނަމަވެސް ކުރެވޭނެކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ޑިމޮކްރެޓްސްއިން އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރުމަށް ތާއީދުކުރާކަމަށެވެ. ޝަރީފް ވިދާޅުވީ، އެ ޕާޓީއަކީ އިސްލާމީ އަސާސްތަކާއި ހިލާފުވާ އެތައް ވިސްނުންތަކެއް ގެންގުޅޭ ޕާޓީއެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައްޔިތުންނަށް އޮޅުވާލަން މީނަ ވަރަށް ފާޅުގައި މަސައްކަތް ކުރޭ. މީނާޔަށް ހީވަނީ ދިވެހިން މޮޔަކަށްތަ؟ މީނާޔަށް ސަރުކާރުން ލިބޭބައި ބޮޑުވީމަ މޮޔަވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: