މިއަދު ދިވެހިރާއްޖެ ދެކެމުން މިދާ ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް އެންމެ ބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި އެއް ބޭފުލަކީ މިއަދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމް ފުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނެސް ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ވެރިކަން ކުރަން ފެށީއްސުރެ މިއަދާއި ހަމައަށް ރާއްޖޭގައި އެންމެ މަގުބޫލް އެއް ސިޔާސީ ލީޑަރަކީ ވެސް މުހައްމަދު ނަޝީދު ކަމާއި މެދު ދެބަސް ވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް މިއަދު އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލް މިވަނީ ބަހުސްއަކަށް ވެފައެވެ. އެމަނިކުފާނު އެ ޕާޓީއެއްގެ ރައީސްކަން ކުރަމުންދާ އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުމާއިއެކު އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހުމުގެ ވަގުތު ކައިރިވެއްޖެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ރައީސް ނަޝީދުގެ މި ސިޔާސީ ހަޔާތުގައި ނޭނގި ނަމަވެސް ހެއްދެވުނު ގޯސް މަދެއް ނޫނެވެ. ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި އެންމެ ފުރަތަމަ އިންތިހާބު ކުރި ރައީސްގެ ލަގަބް ރައީސް ނަޝީދު ހޯއްދެވި ނަމަވެސް ނިމުން ފެނިގެން ދިޔައީ ވަރަށް ވެސް ހޮތި ގޮތަކަށެވެ. މިއަދު އަނެއްކާވެސް މިވަނީ އެފަދަ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެމަނިކުފާނު އެ ޕާޓީއަކަށްޓަކައި އެތައް ގުރުބާނީތަކެއްވި ޕާޓީ އަތުން ބީވެ ދަނީއެވެ. އެ ޕާޓީއެއްގެ ފަރާތުން އިށީނދެ ވަޑައިގެންނެވި މަޖިލީހުގެ ރައީސްގެ ގޮނޑި ވެސް ގެއްލެނީއެވެ. ސަބުބުތަކެއް ނެތިއެއް ނޫނެވެ.
މަޖިލީހުގެ ރިޔާސަތުގެ ކަރާމަތާއި ހައިބަތު ހިފަހައްޓާ މަޖިލީހުގެ ގަދަރު އުފުލުމަށް ރައީސްގެ މައްޗަށް ލާޒިމްވާއިރު އެކަން ނުކުރައްވާ ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީން ފާސްކުރި ކަމަށް ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުކޮށް މައްސަލަ އެޖެންޑާ ނުކޮށް ލަސްކުރަމުންދާތީ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މަޖިލީހުގައި ރައީސް ނަޝީދަށް ނިސްބަތްކޮށް މުގާބޭ އަށް މެމްބަރުން ވަނީ ގޮވާފައެވެ.
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަކީ ހުދުމުހުތާރު ކަމާއި ޑިކްޓޭޓަރޝިޕްގެ ސަބަބުން ވެރިކަމުގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހުނު ބޭފުޅެކެވެ. މިއަދު ރައީސް ނަޝީދަށް ވެސް ދިމާވެފައި ވަނީ އެފަދަ ހާލަތެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކާއި އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ،
ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައި ބަންޑާރަ ނައިބުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމުމަކީ ފިނޑި އަމަލެއް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.
މަޖިލީީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ފަހުގެ ތާރީހުގައި މަޖިލީސް ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް އަމަލުކުރައްވަމުންދާ ކަންތައްތަކުން މެމްބަރުން ކަންބޮޑުވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ރައީސް ނަޝީދު ހުރުމަތްތެރިކޮށް ހިތަމުން ނުދާ ކަމަށާއި އެކަމާއި މެދު މެމްބަރުންގެ ކަންބޮޑުވުން ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން ނިންމަވަމުން ގެންދެވި ނިންމެވުން ތަކާއި އެމައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްތައް ދިޔައީ ރައީސް ނަޝީދުގެ ސަބަބުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު އެކި ދުވަސް މަތިން މަޖިލީހުގައި ސަރުކާރަށް ދަތި ކުރުމަށް ކުއްލި މައްސަލަތައް އެޖެންޑާ ކޮށް އެކަމަށް ބަހުސް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތަކުރާރުކޮށް އެކި ދުވަސް މަތިން ވަނީ ބުނެފައެވެ.
މިއަދާ ހަމައަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ނުވަނީ އެމްޑީޕީގެ ރައީސް ކަމަށް ވެފައި ކުރީގެ ރައީސް އަކަށް ވުމާއެކު ކުރާ އިހްތިރާމެއްގެ ސަބަބުން ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕުން ވަނީ ބުނެފައެވެ، ނަމަވެސް ރައީސް ނަޝީދު އެމްޑީޕީ އާއި ސަރުކާރަށް ބެލުމެއްނެތި، ގަވާއިދުތަކަށް ގޮސްޖައްސަވައި ކަންކަން ކުރައްވަން ފެއްޓެވުމުން، އެމަނިކުފާނު މަގާމުން ދުރުކުރުމަށް މެމްބަރުންނަށް ވަނީ މަޖުބޫރު ވެފައެވެ.
މާޒީއަށް ބަލައިލާއިރު، ރައީސް ނަޝީދަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިފައިވަނީ އެމަނިކުފާނު އަމިއްލަފުޅަށް ހައްދަވާ ގޯސްތަކަކުންނެވެ. އެގޮތުން ރައީސް ނަޝީދު މަޖިލީހުގެ މާލޭގެ މެމްބަރުކަމުން 2002 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭރުގެ ސަރުކާރުގެ ނުފޫޒުން ވަކިކުރިއެވެ. މަޖިލީހުގެ މެމްބަރުކަމުގެ ފަސް އަހަރު ދައުރު ފުރިހަމަ ކުރުމުގެ ފުސަތު ލިބި ވަޑައެއް. ނުގެންނެވިއެވެ. ތިން އަހަރާ ކުޑަ ދުވަސް ކޮޅެއްގެ މުއްދަތެކެވެ. އެއަށް ފަހު ދެން ރައީސް ނަޝީދު ކުރިމަތިލެއްވީ ރާއްޖޭގެ ވެރިކަމަށެވެ.
ރާއްޖޭގެ ވެރިކަން 2008 ވަނަ އަހަރު ލިބިވަޑައިގެން 5 އަހަރުގެ ދައުރު ފުރިހަމަ ނުވެ 2012 ވަނަ އަހަރު އިދިކޮޅުގެ ވާދަވެރިކަން ބޮޑުވެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ. އެއަށް ފަހު މިއަދު 2019 ވަނަ އަހަރު މަޖިލީހުގެ ރައީސް ކަމާ ހަވާލްވެ ވަޑައިގެން ދައުރު ފުރިހަމަ ނުވަނީސް މިވަނީ އަމިއްލަ ޕާޓީގެ ފަރާތުން މަކިލިސް ރައީސް ކަމުން ބޭރުކުރުމަށް ނިންމާފައެވެ.
ރައީސް ނަޝީދަށް ނާކަމިޔާބީ އާއި ކުރިމަތިލައްވަން މިފަހަރު ޖެހިވަޑައިގަތީ ފަހަރުގައި އިދިކޮޅަށް މާބޮޑަށް އިތުބާރު ކުރައްވައި އެ ފަރާތުގެ ތާއީދު ލިބޭނެ ކަމަށް ހީފުޅުވާތީ ކަމަށްވުން އެކަށީގެން ވެއެވެ،
ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައި ތަފާތު އެކި ތަޖުރިބާތައް ކުރައްވައިފިއެވެ. މިވަގުތު ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކި ވެއްޖެ ހާލަތެއްގައި އެމަގާމާއި ހަވާލުވާނެ އެތަކެއް މެމްބަރުންނެއް މަޖިލީހުގައި އެބަތިއްބެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އެކަން (މަޖިލިހުގެ ރައީސްކަން) ދިނުމަށް އެމްޑީޕީ ޕީޖީން އެދޭނަމަ އެކަމަށް ތައްޔާރު ކަމަށެވެ އަސްލަމްގެ އިތުރުން އެހެން މަޖިލީހުގެ ރައީސްކަން ބޭނުންވާ އެހެން މެމްބަރުންވެސް ތިއްބަވާނެއެވެ.
މަޖިލީހުގެ ތިން ދައުރު ފުރިހަމަ ވެފައިތިބި ތަޖުރިބާކާރު އެތައް މެމްބަރުންނެއް ތިއްބައި ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ދިނީ މަޖިލީސް އިންސާފުވެރި ކަމާއި އަދުލުވެރިކަމާ އެކުގައި ހިންގާ ސަރުކާރަށް އެއްބާރުލުން ދޭށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލްނުވެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ތައް ނުހިނގައި މަޖިލިސް ހުއްޓުމަކަށް އައުމުން މިއަދު ރައީސް ކަމުން ވަކި ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ނިންމާފައެވެ.
ރަައީސް ނަޝީދުގެ މިއަދުގެ ހާލަތާއިމެދު ޒިންމާ ނަގާނެ ފަރާތެއް ހުދު އެމަނިކުފާނަކަށް ވެސް ފަހުމުވެ ވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ އަދި ހާލަތަކީ ރައީސް ނަޝީދު ވަނީ ސިޔާސީ މައިދާނުގައި ބާކީވެފައިކަމެވެ. ދައުރު ފުރިހަމަ ނުކުރެވުނު ސިޔާސީ ލީޑަރުގެ ލަގަބް ލިބެނީއެވެ. ދެން މާ ގިނަ ދުވަހެއް ނެތެވެ.

