މެއި 6 ގެ ހަމަލާގެ ތުހުމަތު ސަރުކާރަށް ކުރަނީ، ސާބިތުވާ ވަރަށް ހެކި ހުރީމައިކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މެއި 6 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ރައީސް ސާލިހުގެ ބައިވެރިވުން އެބައޮތްކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ފާހަގަކޮށް، މިކަމާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވަން ވިސްނަވާތޯ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އާއި ސުވާލުކުރުމުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަވެރި ފަރާތްތަކުން ރައީސް ސާލިހުގެ ބޮލުގައި ދޮގު ބަދުނާމު އަޅުވާފައި ވަނީ މަޖިލީހުގެ އިމްތިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެންކަމަށެވެ.
މި ހަމަލާގެ ވާހަކަ ރައީސް ސާލިހަށް ކުރިއާލާ އެނގޭކަމަށާއި، އެކަން ކުރީ ސަރުކާރުން ބޭނުންވެގެންކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް މިއުވާން އެ ދުވަހުގެ ޕްރެސްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެ ވާހަކަތަކަކީ މެއި 6 ގައި ދިން ހަމަލާގެ ސީރިއަސްކަން ގެއްލުވާލާ، ބަޔަކަށް ގެއްލިފައި އޮތް ތާއީދު ހޯދުމަށް ދައްކާ ވާހަކައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ. ތާއީދު ހޯދިދާނެކަމަށް އުއްމީދުކޮށް ދައްކާ ވާހަކައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އެކަމުގައި ހަގީގަތެއް އޮތްކަމަށްވާނަމަ މި ދެތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަންނި ކީއްވެގެންތޯ އެވާހަކަދައްކަންވީ. އޭގެ ކުރީގައިވެސް އެހެން ޕްލެޓުފޯމްތަކުގައިވެސް އެބޭފުޅުންނަށް އެވާހަކަތައް ދެއްކޭނެއެއްނޫންތޯ.
މިއުވާން ވިދާޅުވީ މިވާހަކަތައް އެހެން ޕްލެޓުފޯމްއެއްގައި ނުދައްކަވާކަމަށާއި، އަދި އެ ވާހަކަތައް ދައްކަވަނީ މަޖިލީހުގެ ތަޅުމުން ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގެ ދަށުގައި ތިއްބަވައިގެންކަމަށެވެ. ދައްކާ ވާހަކަތައް ސާބިތުކޮށްދޭންޖެހޭނެފަދަ ޕްލެޓުފޯމެއްގައި މި ވާހަކަތައް ނުދައްކަވާކަމަށާއި، މިއީ ސުވާލުއުފެދޭކަމެއްކަމަށް މިއުވާން ވިދާޅުވިއެވެ.
އިމްތިޔާޒް ލިބިވަޑައިގެން ނުވާތާކުން މިފަދަ ނުރައްކާތެރި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި، ބައިބައިވުން އުފެދޭނެ ދޮގު ވާހަކަތަކެއް ދައްކަވައިފިކަމަށްވާނަމަ ކަމާއި ބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން މައްސަލަ ބަލާނެކަމަށް މިއުވާން ވިދާޅުވިއެވެ.
ބޮމުގެ ހަމަލާ ރާވައި އެކަން ކުރަން އުޅުނުކަން ސަރުކާރަށް އެނގޭނެ ކަމަށާއި އެކަން ސާބިތުކޮށްދެވިދާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކާއި ގުޅިގެން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ހަސަން ލަތީފާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، ދިފާއީ ވަޒީރު މާރިޔާ ދީދީއަށް މިކަންތައްތައް އެނގިވަޑައިގަންނަނާވާނެކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގައި ދައްކާ ކޮންމެ ވާހަކައެއް އެހެން ޕްލެޓްފޯމްތަކުގައި ވެސް ދައްކަވަން ކެރޭނެކަމަށެވެ. އަދި އޭނާ ވާހަކައެއްދައްކަނީ ސާބިތުކުރެވޭ ވަރަށް ހެކި ހުރެގެންކަމަށް ވިދާޅުވިއެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވީ ސަރުކާރަށް މިކަންކަމާއި ގުޅޭ މައުލޫމާތުތަކެއް ލިބިފައި އޮތުމެވެ. ރައީސް ނަޝީދުގެ ގެކޮޅުކަމަށްވާ ކެނެރީގެ ކައިރީގައި، ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ގޮއްވާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައި އޮތްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މިއީ މަޖިލީހުގެ އިންކުއަރީގައިވެސް ހުރި ވާހަކަތަކެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
241 ގެ އިންކުއަރީ ރިޕޯޓުގައި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް މިއީ ނޭނގި ހިނގިކަމެއް ނޫންކަމަށް ވިދާޅުވެފައި އެބައޮތްކަންވެސް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

