ދެކުނު ކޮރެއާގައި ފެންބޮޑުވުމުގެ ސަބަބުން ”ޓަނަލް“ އެއްގައި ތާށިވި އުޅަނދުތަކެއްގެ ތެރެއިން 7 މީހެއްގެ ހަށިތައް ހޯދިފައިވާކަމަށް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހިއްސާކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ދެކުނު ކޮރެއާއަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަކީ، ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، މި ކާރިސާގެ ތެރެއިން 33 މީހުންނަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ.
ދެކުނު ކޮރެއާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އާންމުނަށް ހިދުމަތްދޭ ބަހެއްވެސް ހިމެނޭހެން 15 އަށް ވުރެ ގިނަ އުޅަނދު ޓަނަލްއެއްގައި ތާށިވުމުގެ ސަބަބުން، 400 އަށް ވުރެ ގިނަ މީހުންދަނީ ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށް ބުނެފައިވެއެވެ. އެ އުޅަނދުތައް ތާށިވެގެންދިޔައީ އެ ސަރަހައްދުގައި ހުރި ކޯރެއްގެ އަރިމަތީގައި ފެންގަނޑު ހިފެހެއްޓުމަށް ޖަހާފައިވާ ނިޒާމެއް ފެއިލްވެ ފެންގަނޑު ފައިބައިގެންގޮސް ޓަނަލް އަށް އެޅުމުގެ ސަބަބުންކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި ހާދިސާއިން ސަލާމަތްވި އުޅަނދެއްގެ ވެރި ފަރާތުންވަނީ ކާރުގެ ކެމަރާއަށް ފެނުނު މަންޒަރުތައް ހިއްސާކޮށްފައެވެ. އެގޮތުން ފެންގަނޑު އެ މަގުގެތެރެއަށް އެޅެމުންދިޔަ މަންޒަރުތައް ފެނިގެންދިޔައިރު ބައެއް އުޅަނދުތައް ތާށިވެގެންދިޔަ މަންޒަރުތައްވެސް ފެނިގެންދިޔަކަމަށް ބުނެފައިވެއެވެ.
އެ ތަނުގައި ތާށިވި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަން ފެށިއިރު، ބައެއް ފަރާތްތަކުންވަނީ އާއިލީ އަދި ދަންނަ މީހުން ގެއްލިގެންވެސް ރިޕޯޓުކޮށްފައެވެ. އަދި ކަމާއި ބެހޭ މުއައްސަސާތަކުންދަނީ މަރުވެފައިވާ މީހުންގެ ވަނަވަރުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމުންކަމަށްވާއިރު، 9 މީހަކު ސަލާމަތްކުރެވިފައިވާކަމަށްވެސް މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.
މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން އެ ޓަނަލް އިން ފެން ހުސްކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން މިނެޓަކު 80،000 ލީޓަރުގެ ފެން ބޭރު ކުރެވޭ ފަދަ ވަަސީލަތްތައް ބޭނުން ކުރެވިފައިވާކަމަށާއި އެހެންނަމަވެސް އެތައް ވަގުތެއް ހޭދަވުމުގެ ސަބަބުން، ސަލާމަތުން ތިބި މީހުން ފެނުމުގެ ފުރުސަތުތައް ހަނިކަމަށް ބުނެފައިވެއެވެ.
ދެކުނު ކޮރެއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވާގޮތުން، 30 ޑައިވަރުންގެ ދެ ގުރޫޕެއް ބޭނުންކޮށްގެންވެސް ސަލާމަތްކުރުމަށް މަސައްކަތްތައް ކުރެވިފައިވެއެވެ. އަދި އެތަނުގައި ކިސަޑު އުފެދިފައިވުމުގެ ސަބަބުން ކުރެވެމުންދަނީ ދަތި އުނދަގޫ މަސައްކަތްތަކެއްކަމަށްވެސް ހިއްސާކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން ޑައިވިންގް ކޮށްގެން ކުރި މަސައްކަތްތަކުގެ ތެރެއިން ފަސް މީހަކުގެ ހަށިތައް ހޯދިފައިވާކަމަށާއި އެ މީހުންގެ ތެރޭގައި އުމުރުން 70 އާއި ގާތް ކުރާ އުމުރުގެ އަންހެނެއްވެސް ހިމެނޭކަމަށް ހިއްސާކޮށްފައިވެއެވެ.
ދެކުނު ކޮރެއާއަށް ކުރިމަތިވެފައިވާ މި ކާރިސާގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރާއިރު، 5000 އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށްގޮސް ވަގުތީ ހިޔާވަހިކަން ހޯދުމަށް މަޖުބޫރުވެފައިވާކަމަށް އެ ގައުމުގެ ކަމާއި ބެހޭ މިނިސްޓްރީތަކުންވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އަދި އެއަށްވުރެ ގިނަ އަދަދެގެ ގެތަކަށް ކަރަންޓު ލިބުމުގައިވެސް ދަތިތައް ކުރިމެތިވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

