ބަޖެޓްގެ ދަތިކަމާއިއެކުވެސް، މާލޭގެ އެކި ސަރަހައްދުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރިއަށްކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރަން ފަށަފައިވާތީ، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ މިއީ މާލެސިޓީގެ 4 ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ”ހިތްފަސޭހަ މަގުމަތި“ އަދި ”ޗާލު މާލެޓީ“ އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށެވެ.
އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްޤީ ކުރަމުންދާކަމަށް ބުންޏެވެ. ސއޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައިވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުންވެސް އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ފާއިތުވި 5 އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފަވާކަމަށް ބުނެ، އެހެންނަމަވެސް 4 ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތްކަމަށް ސިޓީ ކައުންސިލުން ބުނިއެވެ.
ސިޓީ ކައުންސިލުން ބުނީ ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ފަށާފައިވާކަމަށެވެ.

