މާލެ ސަރަހައްދުގައި ވަރުގަދަ ރޯގާއެއް ފެތުރެމުން ދާތީ މިރޭ ބާއްވަން ނިންމި މިނިވަން އުފާ ކާނިވަލް ފަސްކޮށްފި އެވެ.
މިއީ ހޯމް މިނިސްޓްރީ އާއި، އާބަންކޯ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މާލޭގައި ކުއްލިގޮތަކަށް ވައިރަލް ހުމެއް ފެތުރި، އެކި ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފަ އެވެ. އަދި ރެއިން ފެށިގެން އެމެޖެންސީ ރޫމަށް ގެންދާ ކުދިންގެ އަދަދު ގިނަވެފައިވާއިރު، ގިނަ އަދަދެއްގެ ކުޑަ ކުދިން އެޑްމިޓުކޮށް ދަނީ ފަރުވާ ދެމުންނެވެ.
ވައިރަލް ހުމެއް ފެތުރޭތާ ހަފްތާއެއް ހާ ދުވަސްވެފައިވާކަމަށް، ސިއްހީ އިދާރާތަކުން ހާމަ ކުރި ނަމަވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ޓުވީޓެއް ކުރީ އީއާރުތައް ފުރި އެ މައްސަލަ މީޑިއާތަކާއި ސޯޝަލް މިޑިއާގެ ސަމާލުކަމަށް އައުމުންނެވެ. ބޭރަށް ހިނގާ، ހޮޑުލުން އިތުރުވީ ސަބަބެއް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އާބަންކޯ އިން ބުނީ މިނިވަން އުފާ ކާނިވާ އެހެން ދުވަހަކަށް ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ، އެޗްޕީއޭގެ ލަފާގެ ދަށުންކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ސިއްހީ އިދާރާތަކުގެ ލަފާގެ މަތިން މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ރާވާފައި އޮތް ކާނިވަލް ހުޅުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަަމަށާއި، ޑޮކްޓަރުންގެ އިރުޝާދުތަކާއި ލަފާތަކާއި އެއްގޮތަށް ފަރުވާތައް ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ.

