އެފްރިކާ ބައްރުގެ ހުޅަނގުގައި ހުންނަ ގައުމެއްކަމަށްވާ ނައިޖާރގައި ބަޤާވާތަކުން އެ ގައުމުގެ ވެރިކަން ބަދަލުވުމާއިއެކު ފަރަންސޭސިވިލާތާއި ޔޫރަޕިއަން ޔުނިއަނުން އެ ގައުމަށް ދެމުންދިޔަ މާލީ އެހީތައް ހުއްޓާލައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން އައްޔަނު ކުރެވިފައިވާ އެ ގައުމުގެ ރައީސްގެ ވެރިކަން ބަޤާވާތަކުން ނިމުމަކަށް ގެނައުމަށްފަހު އަލަށް ވެރިކަމަށް އައިސްފައިވަނީ ރައީސްގެ ހިމާޔަތުގެ ކަންކަމަށް ހާއްސަ އަސްކަރީ ޔުނިޓުގެ އިސްވެރިޔާ އަބްދުއްރަހުމާނު ޓިއާނީއެވެ. މި މައްސަލައާއި ގުޅިގެން ނައިޖާރ އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ފަރަންސޭސިވިލާތުންްވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ގައުމު ގާނޫނީ އިމުގެ ތެރެއަށް އަނބުރާ ރުޖޫއަކުރުމަށްވެސް ގޮވާލާފައިވެއެވެ. އެ ގައުމުން ނައިޖާރގައި ހިނގަމުންދާކަންކަމާއި ދެކޮޅަށް އަޑު އުފުލާފައިވަނީ އީޔޫއިން އެ ގައުމުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައިވާކަން އަދި މާލީ އެހީތައް ދިނުންވެސް ހުއްޓާލާފައިވާކަން އިއުލާނުކުރުމާއިއެކުއެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނައިޖާރގެ ވެރިކަން ބަޤާވާތަކުން ބަދަލުވެފައިވަނީ ދާދި ފަހުން އެ ގައުމުގެ ރައީސް މުހައްމަދު ބަޒޫމް ހައްޔަރުކުރެވިފައިވަނީކޮށެވެ. އޭނާގެ ބަދަލުގައި ވެރިކަމަށް އައިސްފައިވަނީ ރައީސްގެ މަގާމު އަދާކުރާ ފަރާތްތައް ހިމާޔަތްކުރުމަށް ހާއްސަ ކުރެވިފައިވާ އަސްކަރީ ޔުނިޓެއްގެ އިސްވެރިޔާއެވެ. އީޔޫގެ ފޮރިން ޕޮލިސީ ޗީފް ވިދާޅުވެފައިވާގޮތުން، ނައިޖާރގެ ވެރިކަން ބަދަލުކުރުމަށް ދީފައިވާ ހަމަލާގެ ސަބަބުން އެ ޖަމާއަތާއި ދެމެދު އޮތް ގުޅުމަށްވެސް ބުރޫއަރާނެއެވެ. އަދި އެ ގައުމުގެ ރައީސް ބަޒޫމްއަކީ ޑިމޮކްރެސީގެ އަސާސްތަކުގެ ތެރެއިން ބާރުތަކާއި ހަވާލުވި ފަރާތެވެ. އެހެންކަމުން އޭނާއަކީ ގައުމުގެ ސައްހަ ރައީސްކަމަށާއި އެއްވެސް ޝަރުތެއް ނެތި ލަސްވުމެއް ނެތި އޭނާ ދޫކޮށްލުމަށްވެސް އީޔޫއިން ގޮވާލިއެވެ.
އީޔޫގެ އިތުރުން އެމެރިކާ އަދި ރަޝިއާގެ އިސް ފަރާތްތަކުންވެސް ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާފައިނަމަވެސް އެކަމަށް އިޖާބަ ދީފައިނުވެއެވެ. އެފްރިކަން ޔުނިއަންއިން ވަނީ އެ ގައުމުގެ އަސްކަރިއްޔާ އެއްވެސް ޝަރުތެއް ނެތި ފަހަތަށް ޖެހި އެ ގައުމުގައި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާޅާފައެވެ. އަދި ސިޔާސީ ގޮތުން ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ ހައްގުތަކަށް އިހުތިރާމު ކުޑަކޮށްފި ހާލަތެއްގައި އެ ޖަމާއަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ބުނެފައިވެއެވެ.

