އެމެރިކާގައި ވަޒަންވެރިވެވޭނެކަމުގެ ވައުދުގެ މަތިން އެ ގައުމާއިއެކު މަސައްކަތްކޮށްފައިވާ އަފްޣާނިސްތާނު ރައްޔިތުންތަކެއް އަނބުރާ އެ ގައުމަށް ނުރައްކަލުގެ ތެރެއަށް ފޮނުވާލަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން، ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔަ ދުވަސްވަރު، އެ ގައުމުގެ ބައެއް ރައްޔިތުންވަނީ އެމެރިކާއާއިއެކު މަސައްކަތްތައް ކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ އެމެރިކާގައި ވަޒަންވެރިވެވޭނެކަމަށް ބުނެފައިވުމުންކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާކަމަށާއި އެހެންނަމަވެސް ދިގު އިންތިޒާރަކަށްފަހު މިހާރު އަނބުރާ ގައުމަށް ފޮނުވާލަމުންދިއުމުން އެކަމުގެ ސަބަބުން އެ ވެރިން ނުރައްކަލުގެ ތެރެއަށް ހުށައެޅިފައިވާކަމަށް ބުނެފައިވެއެވެ. އަނބުރާ ގައުމަށް ފޮނުވާލަމުންދަނީ ޕާކިސްތާނުގައި މަޑުކޮށްގެންތިބި އަފްގާނިސްތާނުގެ ރައްޔިތުންތަކެއްކަމަށް ރިޕޯޓުތަކުގައިވެއެވެ.
މީޑިއާތަކާއި މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން، ޕާކިސްތާނުގެ ފުލުހުން އެ މީހުން ގެންގޮސް އަފްގާނިސްތާނުގެ ބޯޑަރު ގާތަށް ދޫކޮށްލަނީއެވެ. އަދި ގައުމަށް އެނބުރި ދިއުމަށް ބުނާކަމަށްވެސް ރިޕޯޓުކުރެވިފައިވާއިރު، ބައެއް ފަރާތްތަކުން މިހާރު ގައުމަށް އެނބުރި ގޮސް ފިލައިގެން އުޅެމުންދާކަމަށްވެސް ޝާއިއުކުރެވިފައިވެއެވެ.
މި އުސޫލުގެ ދަށުން ޑީޕޯޓުކުރެވިފައިވާ އެހެން ފަރާތެއް މައުލޫމާތު ދީފައިވާގޮތުން، މިހާރު ކުރިމަތިލާންޖެހިފައިވަނީ ނުރައްކާތެރި ދަތި އުނދަގޫ ހާލަތަކާއެވެ. އަދި ގިނަ އަދަދެއްގެ މީހުން މަރާލާފައިވާކަމަށާއި ބައެއް މީހުންނާއިމެދު އިންސާނިއްޔަތާއި ހިލާފަށްވެސް އަމަލުކޮށްފައިވާކަމަށާއި ގެއްލުވާލެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ ކޮންޓްރެކްޓަރެއްގެ މުއައްޒިފެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެއްވަނީ އަދިވެސް އެ ގައުމުން އެ މީހުންނަށް އެހީ ދޭނެކެމަށް އުންމީދުކުރަމުންދާކަމަށްވެސް ބުނެފައެވެ. މީޑިއާތަކާއި މައުލޫމާތު ހިއްސާކުރި ފަރާތްތަކުން އެކަންކޮށްފައިވަނީ ކާކުކަން ނޭނގޭނެ ގޮތަކަށްކަމަށްވާއިރު، ވިސާއަށް އެދި ހުށައެޅިކަމުގެ ހެއްކާއި ޕާކިސްތާނުގައި މަޑުކޮށްގެންތިބި ކަމުގެ ހެކިތައްވެސް މީޑިއާތަކާއި ހިއްސާކުރިކަމަށް ބުނެފައިވެއެވެ.
2021 ވަނަ އަހަރުގެ ތެރޭގައި ތާލިބާނުން ބާރުވެރިވުމާއިއެކު ގިނަ އަދަދެއްގެ އަފްގާނިސްތާނު ރައްޔިތުންވަނީ ގައުމު ދޫކޮށް ފިލާފައެވެ. 124،000 އަށްވުރެ ގިނަ އަދަދެއްގެ މީހުން އެމެރިކާއިން ހިންގި ވައިގެ އޮޕަރޭޝަނެއް މެދުވެރިކޮށް ގައުމުން ބޭރަށް ގެންގޮސްފައިވެއެވެ.

