ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ މަޖިލީހުގައި އޭލިއެންސްގެ ވާހަކަ ދައްކައިފި!

އެމެރިކާގެ މަޖިލީހުގައި ވާހަކަދެއްކި ޑޭވިޑް ގްރަޝް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

”އަންއައިޑެންޓިފައިޑް ފަލައިންގް އޮބްޖެކްޓްސް“ ނުވަތަ ކޯއްޗެކަން ކަށަވަރުކުރެވިފައިވާ އުދުހޭ ތަކެއްޗާއި ގުޅުން ހުރި މަސައްކަތްތަކެއް އެމެރިކާގެ ސަރުކާރުން ސިއްރިއްޔާތުގައި ކުރަމުންދާތާ އަހަރުތަކެއްވެފައިވާކަމަށް ބުނެ އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރެއް މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައި ހެކި ބަސްދީފިއެވެ.

އަންއައިޑެންޓިފައިޑް ފަލައިންގް އޮބްޖެކްޓްސް(ޔޫއެފްއޯ) ނުވަތަ އެމެރިކާގެ ސަރުކާރުން ބޭނުންކުރާ ބަހުރުވައިން ނަމަ އަންއައިޑެންޓިފައިޑް އޭރިއަލް ފެނޯމިނާ އާއި ގުޅޭގޮތުން އެ ގައުމުގެ މަޖިލީހުގެ ސަބްކޮމިޓީއެއްގައި ބަޔާން ދީފައިވަނީ ރިޓަޔާރ ކޮށްފައިވާ ކުރީގެ އިންޓެލިޖެންސް އޮފިސަރެއްކަމަށްވާ މޭޖާރ ޑޭވިޑް ގްރަޝް އެވެ. އޭނާގެ ސަބްކޮމިޓީގައި ވާހަކަދެއްކުމަކީ ގިނަ އަދަދެއްގެ މީހުންގެ ނަޒަރު ހުއްޓިފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމެކެވެ.

އާންމު ހާލަތެއްގައި ޔޫއެފްއޯގެ ވާހަކަތަކާއި ކާޓޫނުތަކުން ފެނިގެންދާ ފެހި ކުލައިގެ އޭލިއަން ތަކާއި ގުޅިފައިވާނަމަވެސް، މިފަހަކަށް އައިސް އެމެރިކާގެ އެކި ސަރަހައްދުތަކުން ޔޫއެފްއޯކަމަށް ބެލޭވެ ތަކެތި ފެނި ރިޕޯޓުކުރެވޭ މިންވަރު ގިނަވުމާއިއެކު އެ ގައުމުގެ ޑިމޮކްރެޓް އަދި ރިޕަބްލިކަން ޕާޓީއިންވަނީ އެކަމާ އެ ގައުމުގެ ވާދަވެރިންނާއި ގުޅުން ހުރިކަމުގެ ފުރުސަތު އޮތްކަމަށް ބަލައި ގައުމީ ސަލާމަތަށް ނުރައްކާލެއްކަމަށް ބުނެ އިތުރު ދިރާސާތައް ކުރުމަށް ބާރު އަޅާފައެވެ.

ޔޫއެފްއޯއާއި ގުޅޭގޮތުން އެމެރިކާގެ މަޖިލީހަށް ބަޔާން ދީފައިވާ ގްރަޝްއަކީ އެމެރިކާގެ ސަރުކާރުގެ ފަރާތުން މިފަދަ ކަންކަމާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ ޓާސްކްފޯސްއެއްގެ ފަރާތުން އެ ގައުމުގައި ޔޫއެފްއޯ އާއި ގުޅޭގޮތުން ހިންގަމުންދާ ސިއްރު ޕްރޮގްރާމްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދިޔަ ފަރާތެއްކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އޭނާ ބުނެފައިވާގޮތުން ޔޫއެފްއޯތައް ހޯދައި ދިރާސާތައް ކޮށްގެން އެފަދަ އުޅަނދުތައް ބިނާކުރުމުގެ މަސައްކަތްތަކެއް ޕްރޮގްރާމެއްގެ ދަށުން ކުރެވެމުންދާތާ އަހަރުތަކެއް ވެފައިވާކަން އެނގިގެންދިޔައީ ތާސްކްފޯސްގެ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި އެ ޕްރޮގްރާމްއާއި ގުޅޭގޮތުން އިތުރު މައުލޫމާތުތައް ލިބިގަތުމަށް އޭނާއަށް ފުރުސަތެއް ނުލިބުނުކަމަށް ގްރަޝްވަނީ ފާހަގަކޮށްފައެވެ.

”އެކްސްޓްރާޓެރެސްޓްރިއަލް“ ނުވަތަ ދުނިޔަވީ ނޫން ދިރުންތަކެއްގެ މައުލޫމާތު އެމެރިކާގެ ސަރުކާރަށް ލިބިފައިވާކަމާއިމެދުވެސް އެ ގައުމުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ސަބްކޮމިޓީގައި ގްރަޝް އާއި ސުވާލު ކުރެވުނެވެ. އޭނާ ބުނެފައިވާގޮތުން، 1930ވަނަ އަހަރުން ފެށިގެންވެސް އިންސާނުން ނޫން ދިިރުންތަކެއްގެ މައުލޫމާތު އެ ގައުމުގެ ސަރުކާރަށް އެނގިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ޑިފާއީ ބާރުތަކުންވަނީ މަޖިލީހުގައި ދެކެވުނު މި ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން އެ މުއައްސަސާއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ދުނިޔަވީ ނޫން އުޅަނދެއް ހޯދައި އެފަދަ އެއްޗެއް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް މިހާރު އަދި މީގެ ކުރިންވެސް ކުރެވެމުންދާކަން އަދި ކުރެވިފައިވާކަމަށް ބުނާ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް އެ މުއައްސަސާގެ ތަހުގީގުތަކުން ހާމަވެފައިނުވެއެވެ.

ގްރަޝް ބުނެފައިވާގޮތުން އޭނާ ސަރުކާރުގެ ނޭދެވޭ އަމަލުތަކަށް ފާރަވެރިވެ ހާމަކުރާ ފަރާތެއް ނުވަތަ ވިސަލްބްލޯވަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ ލިބުނު މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން ދިމާވެގެންދިޔަ ދަތިކުރުންތަކާއި އެކުއެވެ. އޭނާވަނީ އޭނާއަށް ކުރިމަތި ކުރުވި ކަންކަން ބަޔާންކުރުމަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ޒާތީ ގޮތުންނާއި މަސައްކަތުގެ މާހައުލުގެ ތެރެއިންވެސް ދަތިކުރުންތަކާއި ކުރިމަތިލާންޖެހުނުކަމަށް އޭނާ ވަނީ ބުނެފައެވެ. ގްރަޝް މި ވާހަކަތައް ހިއްސާކުރި މަޖިލީހުގެ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި އިންނެވި މެމްބަރު ގްރަޝްގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ޖޯކުޖެއްސެވިކަމަށްވެސް މީޑިއާތަކުގެ ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: