ކޮރަޕްޝަންގެ ތުހުމަތުގައި ތިން އަހަރުގެ ހުކުމެއް ކުރެވިގެންދިއުމާއިއެކު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކޮށްފިއެވެ.
ބައިނަލްްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން އިމްރާން ހާން ހައްޔަރުކުރެވިފައިވަނީ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓުން ހުކުމް ކުރުމާއިއެކުއެވެ. އަދި މި ނިންމުމުގެ ސަބަބުން އޭނާގެ ސިޔާސީ ކުރިމަގާއިމެދު ސުވާލު އުފެދިފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޕާކިސްތާނުގެ ކޯޓުންވަނީ އެ ގައުމުގެ އެންމެ އިސް އިދިކޮޅު ލީޑަރުގެ ގޮތުގައި ފެނިގެންދާ އިމްރާން ދައުލަތުގެ މުދާތަކަކަށް ހިޔާނާތްތެރިވެފައިވާކަމަށް ކަނޑައަޅާފައެވެ.
އެ ގައުމުގެ ފުލުހުންގެ މުއައްސަސާގެ އޮފިޝަލުން މީޑިއާތަކާއި ހިއްސާކުރާގޮތުން އިމްރާން ޖަލަށްލުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދުވެލި ބާރު ކުރެވިފައިވަނީ އިންތިހާބުތައް ގާތްވެފައިވުމުނާއި އޭނާއަށް އޮތް ތާއީދު ބޮޑުވުންނާއި ގިނަ އަދަދެއްގެ މީހުން އެއް ތަނަކަށް ޖަމާކުރެވޭނެ މީހަކަށް އޭނާ ވާތީއެވެ. އެހެންކަމުން ވެރިކަން ކުރަމުންދާ ފަރާތްތަކަށް އެކަމުގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ. 1947 ޕާކިސްތާނު އިނގިރޭސި ވިލާތުގެ ކައިރިން އެ ގައުމުުގެ މިނިވަންވީއްސުރެވެސް ސިޔާސީ މައިދާނުގެ ބާރުވެރިކަން ހިފަހައްޓަމުންދަނީ އަސްކަރިއްޔާއިންކަމަށް ރިޕޯޓުތަކުގައިވެއެވެ.
މިއީ މި އަހަރުގެ ތެރޭގައި އިމްރާން ހާން ހައްޔަރު ކުރެވުނު ދެވަނަ ފަހަރެވެ. އިމްރާންގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރުންކަން ކޮށްފައިވާ އެކި ފަރާތްތަކަށް އެ ގައުމުގެ އަސްކަރިއްޔާގެ ފަރާތުން ބައެއް ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުތަކުގައިވެއެވެ. 2022 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އިމްރާންގެ މަގާމު ގެއްލިދިޔައިރު، މިހާތަނަށް އޭނާގެ މައްޗަށް 150 ގާނޫނީ މައްސަލަ ހުށައެޅިފައިވެއެވެ. މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަނާއި ޓެރަރިޒަމް އަދި ރައްޔިތުން ލައްވައި ހަމަނުޖެހުންތަކެއް ހިންގުމަށް މަސައްކަތްކުރުމާއި ނުރައްކާތެރި މުޒާހަރާތައް ކުރުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ.
ރިޕޯޓުތަކުގައިވާގޮތުން މިހާރު ކުރެވިފައިވާ ހުކުމުގެ ސަބަބުން އެ ގައުމުގެ އިންތިހާބީ ގާނޫނެއްގެ ދަށުން އިމްރާންއަށް ކުރިއަށް އޮތް އިންތިހާބުގައި ބައިވެރިވުމުން ހުރަސްއެޅިގެންދެއެވެ. އޭޏާ ނިސްބަތްވާ ސިޔާސީ ޕާޓީއިންވަނީ އެ ނިންމުން އިސްތިއުނާފު ކުރާނެކަމަށް މައުލޫމާތު ދީފައެވެ. ޕާކިސްތާނުގެ އިންފޮރމޭޝަން މިނިސްޓަރުވަނީ މި މައްސަލައާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އިމްރާން ހައްޔަރު ކުރެވިގެންދިއުމާއި އިންތިހާބު ގާތްވެފައިވުން އެއްވެސް ގުޅުމެއް ނެތެވެ. އަދި އިމްރާންއަށްވަނީ ދިފާއުވުމަށް ލިބޭނެ އެންމެހާ ފުރުސަތުތައްވެސް ލިބިގޮސްފައިކަމަށް ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުން އިމްރާންވަނީ ލިބިވަޑައިގެންނެވި ވަގުތުތައް ކޯޓު މަރުހަލާތައް ލަސްކުރުމުގެ މަސައްކަތްތަކުގައި ހޭދަކުރައްވާފައެވެ.

