ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވާދަ ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ޕީޕީއެމް، ޕީއެންސީގެ ސެނެޓަށް ހުށަހެޅި ނަމަވެސް އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުން ފާސްކޮށްފިއެވެ.
ޔާމީން އަށް ވާދަނުކުރެވޭނެ ކަން ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޔާމިން ފޮނުއްވެވި ނޯޓުގައި ވިދާޅުވެފައިވަނީ އެމަނިކުފާނާމެދު ކުރެވުނު ހުކުމަކީ އިންސާފުން ކުރެވުނު ހުކުމެއްކަން ޕީޕީއެމްގެ ސެނެޓު މެންބަރުންނަށް ގަބޫލު ނުކުރެވޭނަމަ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އިލްކެޝަންސް އިން ބޭރުކޮށްފައި ވަނީ ޔާމިންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް އީސީއިން ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޝަރުތު ފުރިހަމަ ނުވާތީއެވެ. އެ މައްސަލަ ޕީޕީއެމް އިން ސުޕްރީމް ކޯޓަށް ހުށަހަޅީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދިއެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ޔާމީން އަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވިދާޅުވެ ހުކުމް ކޮށްފައެވެ. ފަނޑިޔާރު ހުސްނުއްސޫދުގެ ރައުޔަށް ހުރިހާ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުން ނިންމި ހުކުމާއި ގުޅިގެން ޔާމީން އެދިވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. ނަމަވެސް ޔާމީންގެ އެދިވަޑައިގެންނެވުމަށް ބަހުސްކުރުމަށް ބޭއްވި ސެނެޓު ބައްދަލުވުމުގައި ކުރިޔަށް ގެންދިޔަ ބަހުސްވަނީ ހޫނުވެ ހަމަނުޖެހުން އުފެދިފައެވެ. އަދި އަމާން ކަން ދެމެހެޓުމަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ދިޔައެވެ. ސެނެޓު ބައްދަލުވުމުގައި ނެގި ވޯޓުގައި އިންތިހާބު ބޮއިކޮޓު ކުރުމަށް ނުފެންނަ ކަމަށް 60 ވޯޓު ލިބިފައިވާއިރު އިންތިހާބު ބޮއިކޮޓު ކުރުމަށް 40 ވޯޓު ލިބިފައި ވެއެވެ.
އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލިއިރު ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތެއް ދޭން އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދުނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ނިކުންނެވުމަށް ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.
ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

