ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދަވާނެ ވައުދުތަކެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ސާލިހް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރައްވާނެ އިތުރު ކެންޑިޑޭޓަކު ނެތްކަމަށެވެ.
ޒުވާނުންނާ އަމާޒުކޮށް ވިދާޅުވީ ރާއްޖޭގެ ތާރީހު ދަތުރުކުރަމުން ބަދަލުވަމުން އައިސް މިތިބެވެނީ ރާއްޖޭގެ ވަރަށް މުހިންމު މުއައްކިފެއްގެ މަތީގައި ކަމަށެވެ. ސެޕްޓެމްބަރ 9 ގައި ލެވޭ ވޯޓަކީ މި ރާއްޖޭގެ މުޅި ހާލަތަށް ބަލާއިރު ބޮޑުތަނުން ރާއްޖެ ފަހަތަށް ޖައްސައިލާނެކަމަށެވެ. ނަމަވެސް ރައީސް ސާލިހް ދެވަނަ ދައުރަކަށް ހޮއްވަވާ ދެއްވައިފިނަމަ 5 އަހަރުގެ ތެރޭގައި 15 އަހަރުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ބޭފުޅުންނަށްވުރެ ބޮޑަށް ރައީސް ދެވަނަ ދައުރަކަށް ގެންދަން އަދާލަތު ޕާޓީން ބޭނުުންވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
މަޑަވެލީގެ އެމްޑީޕީ ޖަގަހައިގައި ރޯކޮށްލި މައްސަލައަށް އަލި އަޅުވާލާ އިމްރާން ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިނގަން ޖެހޭނެ ގޮތަކީ އެއީ އެއްނޫން ކަމަށެވެ. ސިޔާސީ މަސައްކަތް ކުރަންވާނީ އެންމެންނަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ ޖާގަ އާއި މާހައުލު ދީގެން ކަމަށާއި އަދި ސިޔާސަތުތައް ވިއްކައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަ 10 އަހަރު އެކަށީގެންވާ ރަނގަޅު ސިޔާސަތުތަކެއްގެ ދަށުން ދިޔަނަމަވެސް އޭގެ ފަހުން ކަންކަން ހިނގަމުންއައީ ރައްޔިތުން ނުތަނަވަސްވާ ގޮތަށް ކަމަށެވެ. 1993 – 1998 ދެމެދު ފުދޭވަރެއްގެ ހިތްހަމަނުޖެހުމެއް އޮތް ކަމަށާ އަދި 1998 – 2003 ހިސާބަށް އައި އިރު ވެރިކަން އޮތީ ކެކި އުތުރި އަރާހިސާބުގައި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެމަނިކުފާނު ސިޔާސީ ޕާޓީތަށް އެކުލަވާލީ ބޮޑު ޕްރެޝަރެއްގައި އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ޕާޓީތަކުން އެއްގަލަކަށް އަރައިގެން 2008 ވަނަ އަހަރު ބަދަލަކަށް ކުރި މަސައްކަތުގެ ނަތީޖާ މާ ފޮނި ނޫން ކަމަށްވެސް ވިދާޅުވިއެވެ.

