ކުރެވުނު ގިނަ ކަން ކަމުގެ ތެރެއިން އެންމެ ފަހުރުވެރިވެ ވަޑައިގަންނަވަނީ ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލާއި މެދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ނ ވެލިދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމަކީ އެހެން ފުރުސަތުކަށް ވާސިލުވެވޭ ދޮރުއަށްޓެއް ކަމަށާއި ނިކަމެތިހާލުގައި އުޅެ ރަނގަޅު ތައުލީމެއް ލިބިއްޖެނަމަ ފަހިވާ ފުރުސަތުތައް ގިނަކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީގެ ދަށުން 18000 ވުރެ ގިނަ ޒުވާނުން ތައުލީމު ހާސިލް ކުރަމުންދާ ކަމަށާއި އޭގެތެރެއިން 7000 ކުދިން ވަނީ ޑިގްރީ ނިންމާފައި ކަމަށެވެ.
ލޯ ސްކީމްގެ ދަށުން 3000 ކުދިން އަދި ސްކޮލާރޝިޕްގެ ދަށުން 1200 ކުދިން ރާއްޖޭން ބޭރުގައި މިހާރު ތައުލީމު ހާސިލް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައިސް ވިދާޅުވީ މައިންބަފައިންގެ މާލީ ތަނަވަސްކަން ނެތްކަމުގައި ވީނަމަވެސް މިހާރު ކުދިންނަށް ތައުލީމު ހާސިލް ކުރެވޭނެ ކަމަށާއި އެފުރުސަތު ހުރިހާ އެންމެންނަށް ފަހި ކޮއްދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ޒުވާނުންނަކީ އެކަޑެމިކް ދާއިރާއިން ކުރިއަށް ދާން ބެނުން ވާނެ ބައެއް ނޫން ކަމަށާއި މަސައްކަތުގެ މާހައުލައް ނިކުންނަން ބޭނުންވާ އެތައް ޒުވާނުންނެއް ތިބިކަމަށެވެ. އެހެންކަމުން ފަންނީ އެތަކެއް ޕްރޮގުރާމެއްގައި ގިން ޒުވާނުން ތަކެއް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ިދާޅުވީ ހަމައެކަނި ރަނގަޅު ތައުލީމަކުން ހުރިހާ ކަމެއް ނުފުދޭ ކަމަށެވެ. ޒުވާނުންނަށް ދިމާވެެފައިވާ އިޖުތިމާއީ ކަންކަން ގިނަ ކަމަށާއި އެގޮތުން ޑްރަގުގެ ވަބާ ގައި ޖެހިފައި އެތައްގިން ޒުވާނުނެއް ތިބި ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑުރަގުގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނެއުމުގައި ގެންގުޅެން ޖެހޭނީ ކުލުނުވެރި އެޕްރޯޗެއްކަމަށެވެ. އޯގާތެރިކަމާއެކު ރިހެބިލިޓޭޝަންގެ ފަރުވާ ފަހިކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެލިދޫގެ ރައްޔިތުން ބޭނުންވާ ބޯހިޔާ ވަހިކަމާއި، އިންޖީނުގެއާއި، ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމާއި ފުލުހުންގެ އޮފީހެއްވެސް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ”އުފާވެރި އަމާން ރާއްޖެ“ ގެނެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

