ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރައި، ތަރައްގީވެފައިވާ ކ. މާފުށީގައި އަތޮޅުތެރޭގެ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ އަތޮޅުތެރޭގެ ކެމްޕެއިނުގައި އޭނާ ދަނީ ރަށްތަކަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ހައްލު ކުރާނެ ގޮތް ހާމަ ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ އެއީ ރައްޔިތުންނާއި ދުރުން އެއްވެސް މަޝްވަރާއެއް ނެތި ނިންމާފައިވާ ނިންމުންކަމަށް ވާތީ ރައްޔިތުން އެދޭ ގޮތަކަށް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވި އެވެ.
އިދިކޮޅުން ކ. ގުރައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި އެހެން ދުވަސްތަކޭ އެއްގޮތަށް މުއިއްޒު ފާހަގަކުރެއްވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ތަންފީޒު ނުކުރުމެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، އެއާޕޯޓުގެ މަޝްރޫއުތައް އަދި ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެ އެވެ.
ގުރައިދޫގައި ބޮޑު ޖަލްސާ ބޭއްވި އިރު، އެ ރަށުން މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ވެސް ވަނީ ކިޔާފަ އެވެ. ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ މި ދާއިރާއަކީ މިވަގުތު ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސް ވިޔަފާރި އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށްތަކެވެ. ޒަމާނުއްސުރެ މި ދާއިރާގެ ރަށްތަކަށް ކުރިއަރަމުން އައި ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ މަސައްކަތެވެ. ސަރުކާރުން ވިޔަފާރިތައް ކުރިއެރުވުމަށް ކުރި މާ ބޮޑު މަސައްކަތެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާފުށީގެ ބިން ހިއްކުމަށް ރައްޔިތުން އެދެމުން އެކަން ކުރީ، އެދުނު ގޮތަށް ވެސް ނޫންކަމަށާއި އެއްވެސް ގޮތަކަށް މަޝްވަރާއެއް ވެސް ހޯދާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވަކި ބަޔަކު ބޭނުން ވި ގޮތަށް، ނަގައިދިން މަންފާއެއްކަމަށް ސިފަކޮށް މުއިއްޒު ވިދަޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކުލަވާލީ މާ ހަރުދަނާ ޕްލޭނެއް ކަމަށެވެ. އެހެންކަމުން އެއާއި އެއްގޮތަށް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކުރިޔަށް ދިއުން މާ މުހިންމުކަމަށް ވިދާޅުވި އެވެ. ރަށުގެ ރައްޔިތުންނަށް މުއިއްޒު ވައުދުވީ މާފުއްޓަށް ބިން އިތުރު ކުރުމަށެވެ.
މުއިއްޒު ވިދާޅުވީ ބިމެއް ހިއްކުމަށް ފަހު ދެން ކުރަން ޖެހޭ އެންމެ އާދައިގެ ކަންތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ހިމެނޭ ކަމަށެވެ. ތަރައްގީ އޮންނަން ޖެހޭނީ ތަރުތީބުވެފައިކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދަޅުވީ މިއީ އަސާސީ ކަންކަމުގައި ދެކި ތަންފީޒު ކުރާނެ ކަމަށެވެ. އެ ނޫން ގޮތަކަށް ބިންތަކުގެ ބޭނުން ހިފެން ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.
ތަރައްގީވެފައިވާ މާފުއްޓަށް ވެސް ބޭނުންވާ ބައެއް އެހެން ވަސީލަތްތައް ހުރިއިރު އޭގެ ތެރޭގައި ވިޔަފާރި ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. މުއިއްޒު ވިދާޅުވީ މާފުއްޓަކީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށްކަމަށާއި މިއީ ޒުވާނުންނާއި އެ ވިޔަފާރީގައި އުޅޭ ފަރާތްތަކުގެ އެހީ އާއި އެކު އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިދިކޮޅުގެ ސަރުކާރެއްގައި ވިސްނުމަކީ އެއީކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ދިއުމުން އެދެނީ ދިވެހި ރުފިޔާ އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ. އެކަމަކު ޑޮލަރުގެ އެތައް މުއާމަލާތެއް ދުވާލެއްގެ މައްޗަށް ހިނގާ މި ރަށުގައި ގެސްޓް ހައުސް ވިޔަފާރިވެރިން ބޭނުން ވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމެކެވެ.
މިހާތަނަށް މާލެއިން ބޭރު އެއްވެސް ރަށެއްގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މަޝްވަރާއެއް ވެސް ކުރެވިފައި ނެތެވެ. އެހެންކަމުން މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ހުންނާނެ ރަށަކީ މާފުށިކަމަށް ހަދައިދޭނެކަމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.

