ޓްރާންސްޕޭރެންސީ މޯލްޑިވްސްއަކީ އިންތިހާބާއި ދިމާކޮށް އަންނަ ބާޒެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރާކަމަށާއި އެކަމުގެ ސަބަބުން އެހެނިހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ޓްރާންސްޕެރެންސީ މޯލްޑިވްސް އިން ބުނެފައިވާ ވާހަކަތަކަށް މާރިޔާ ވަނީ ރައްދު ދެއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސޯލްޓުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން ވަނީ ޓްރާންސްޕެރެންސީގެ ބަޔާނާއި ގުޅޭގޮތުން މާރިޔާ އާއި ސުވާލު ކޮށްފައެވެ.
އެގޮތުން، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަފުރުސަތު ގެއްލިގެންދާކަމަށް ގަބޫލުކުރެއްވޭތޯ ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައެއް ސިޔާސީ ބޭފުޅުން ބާޒެއްހެން އިންތިހާބާއި ދިމާކޮށް އަންނާނެކަމަށެވެ. ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބޭފުޅުންނާއި އަދި މަޖިލިސް މެންބަރުންވެސް އެއްވެސް ގޮތަކަށް ނުފެނި ”އާކައިވެންޏެއްގައި ހަނީމޫންގައި އުޅުއްވާފައި“ އަންނަހެން ކުއްލިއަކަށް އިންތިހާބާއި ދިމާކޮށް ފާޅުވާތަން ފެނިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ޓްރާންސްޕޭރެންސީ އަކީވެސް އެފަދަ ބަޔަކަށް ވެދާނެ ބައެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ކޮންމެ އިންތިހާބެއްގައިވެސް ދައްކާ ވާހަކަ ތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޓްރާންސްޕޭރެންސީން ދައްކަނީ އައްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

