އެމްޑީޕީ ރޫޅާލުމަށް މަސައްކަތްކުރަމުންދާ ބޭފުޅުން ރޫޅެމުންދާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީއިން ވަކިވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެކަމަށެވެ. ރައީސް ނަޝީދަށް ރައްދުދެއްވާ ދެއްކެވި ވާހަަކއިގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ ދަނީ ކުރިއަށްވުރެ ވަރުގަދަވަމުންކަމަށެވެ. ނަމަވެސް ފެންނަމުންދަނީ އެހެން މީހުން ރޫޅެމުންދާ މަންޒަރުކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕިއިން ވަކިވެ ދަ ޑިމޮކްރެތްސްއަށް ސޮއި ކުރި ދެ މެންބަރަކު މިހާރު ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާއި ގުޅިފައެވެެ. އެއީ ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން (ގިޓާ) އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފްއެވެ. އަދި އެހެން ޕާޓީތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ބައެއް މެންބަރުން ވަނީ އެމްޑީޕީއާއި ގުޅިފައެވެ.
އެމްޑީޕީއަކީ އެތެރޭގެ ވާދަވެރިކަން ބޮޑު ޕާޓީއެއް، އެއީ އެމްޑީޕީއަށް މިހާ ބޮޑުކުރިއެރުމެއް ލިބޭ މައިގަނޑު އެއް ސަބަބު. ހުދު އަޅުގަނޑަށް ބަލާލުމުންވެސް މިކަން އެނގޭނެ. މިއީ އެމްޑީޕީއިން އައު މޫނުތަކަށް ޖާގަދޭ ކަމުގެ އެއް ހެކި.
ފައްޔާޒް ވިދާޅުވިއެވެ.
މި މެންބަރުން ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާ ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ނަމަވެސް ޕާޓީއިން އައު މޫނުތަކަށް ޖާގަ ދެއްވާނެކަމަށެވެ. އަދި ފައްޔާޒް އެދިވަޑައިގަތީ އަލަށް ޕާޓީއާއި ގުޅުން ފަރާތްތަކުން މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭތަން ފެންނަމުންދާކަމަށެވެ. އަދި އެމްޑީޕީއިން މުޅި ރާއްޖެއިން ސާފު ބޮޑު އަގުލަބިއްޔަތެއް ހޮދާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

