ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުންތަކުން މިނިވަންކަމަށް ބުރޫ އަރާނަމަ، ޖީއެމްއާރުހެން ބޭރު ކުރާނަން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުންތަކެއް ވާނަމަ އެ އުވާލާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް އިބްރާހިމް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އެކަމަށް އިދިކޮޅުން، އަބަދުވެސް ނުރުހުން އަމާޒު ކުރެ އެވެ.

ރިޔާސީ ކެމްޕެއިނަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ބ، އޭދަފުށީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުސަތު ލިބޭ އެންމެ ފަހު ފަހަރުކަމަށް ދެކި ވޯޓުލުން މުހިންމު ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖޭން އިންޑިއާ ސިފައިން ބޭލުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ މުއިއްޒު ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް އުސޫލުންނެވެ.

މި ގައުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ.. އަޅުގަނޑު އެ ސިފައިން ބާލާނަން… އެއީ މިނިވަންކަމަށް ބުރޫ އަރާކަމެއް

ކޮންމެ ސަރުކާރަކުން ވެސް ގެންގުޅެން ޖެހޭ އެންމެ އިސް ސިޔާސަތަކީ ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެއީ އޭނާ ވެސް ގެންގުޅުއްވާނެ ވިސްނުންކަމަށެވެ. އަދި އެ ސިޔާސަތުކުގެ ދަށުން މިނިވަންކަމަށް ބުރޫއަރާ ފޮތަށް ހުރި ގޮތް ނޭނގޭ ހުރިހާ އެއްބަސްވުންތަކެއް ދިރާސާކޮށް ވަކިވަކިން އެ ދިރާސާކޮށް އުވާލަން ޖެހޭ އެއްބަސްވުންތައް އުވާލާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޖީއެމްއާރުން މިސާލު ނަންގަވައި މުއިއްޒު ވިދާޅުވީ، މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ހިންގުމަށް ޖާގައެއް ނުދެވޭނެކަމަށާއި އޮންނާނެ ގޮތަކީ ޖީއެމްއާރު ވެސް ބޭރު ކުރި ގޮތަށް އަމަލު ކުރުން ކަމަށެވެ.

އެއިން އެއްވެސް އެއްބަސްވުމެއް އޮތިއްޔާ، ޖީއެމްއާރު ބޭރު ކުރި ގޮތަށް އެ ބަޔަކު ބޭރު ކުރާނަން، ގައުމުގެ މިނިވަންކަމަށް ބުރޫ އަރާނަމަ ނޫނެކޭ ބުނަން ޖެހޭ

މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ކިރިޔާ ވެސް ލޮޅުމެއް އަންނަ ކޮންމެ ކަމަކަށް ކެރިގެން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތު ވީ ނަމަވެސް މިފަދަ އެކި މައްސަލަތަކުގައި އެންމެން އެކުގައި މަސައްކަތްކޮށް އަޑުއުފުލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަންކަމާއި މެދު ސުވާލު އުފެދިފައި ވަނިކޮށް ވެސް ބަސް ނުބުނެ ތިއްބައި، ވަގުތު ފާއިތުވެއްޖެ ނަމަ ދެން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެކަމަށާއި ދަރިންނާއި ދަރިންގެ މުސްތަގުބަލަށް ދިވެހިންގެ ގައުމު ގެންގޮސްދޭން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވާން އޮތް އެންމެ ބޮޑު ވައުދަކީ ގައުމުގެ މިނިވަންކަން ހޯދައިދީ، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުންކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ ސީރިއަސް ސިފައެއްގައި ގައުމާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ވެރިކަން ވެސް ހަވާލު ކުރަން ވާނީ، ގައުމު ދެކެ ލޯބިވާ ގައުމާއި މެދު ވިސްނާ ބަޔަކަށްކަމަށް ވެސް ވިދާޅުވި އެވެ.

ގަބޫލު ކުރަނީ ކޮންމެ ރައްޔިތަކީ ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެއްސަކަށް ވީތީ އެ މަސްލަހަތު އިސް ކުރާނެކަމަށް.. ރައްޔިތުން ވިސްނުން އިސް ކުރާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށްކަމުގައި އުންމީދު ކުރަ

އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފެށުމުން، ސަރުކާރުން ވަނީ ހާއްސަ ގަރާރެއްގެ ދަށުން އިންޑިއާ އައުޓްގެ އެއްވުންތަކަކީ ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމަށް ކަނޑައަޅައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގާފަ އެވެ.

ގަރާރާއި އެކު ސީދާ އެނަމުގައި ހިންގި ހަރަކާތްތަކަށް މަޑުޖެހުމެއް އައި ނަމަވެސް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ އުފުލާ އަޑުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: