އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު (އެންސީއެމްއެޗް) އިން އިންތިޒާމްކޮށްގެން ބާއްވާ އޮއެވަރު މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އިން 16 އޮކްޓޫބަރު 2023 ގައެވެ. އަދި މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ ”ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް“ އެވެ.
އޮއެވަރު ކޮންފަރެންސަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި އިވެންޓްގެ މަޤްސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވާ މިކަމާ ގުޅޭ ވާހަކަ އާންމުކުރުމެވެ. މީގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަށް އެއްތަނެއްގައި މުޢާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިވެންޓުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތަށް ގާއިމްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޢުލީމީ ޕްރެސެޝަންތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދައިދޭފަދަ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.

