އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ރިޔާސި އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގެ އެންމެ ފަހު މަންޒިލެއް ކަމަށްވާ އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވި ވަގުތު، އައްޑޫގެ ގިނަ ބަޔަކު ވަނީ ރައީސަށް މަރުހަބާ ދެއްނެވުމަށްޓަކައި ގަމު އެއާރޕޯޓަށް ޖަމާވެފައެވެ. އެމަނިކުފާނު ރައްޔިތުންނާއި ސަލާމް ކުރެއްވުމުގައި އެއްގަޑި އިރަށް ވުރެ ދިގު ވަގުތެއްނަގާފައި ވެއެވެ.
ރައްޔިތުން އެއްއަޑަކުން ރައީސް ސާލިހް އެއްބުރުން ހޮވޭނެ ކަމަށް އަޑު އުފުލަމުން ދިޔަވަގުތު ރައްޔިތުންނާއިއެކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި އެންވައިރޮމަންޓު މިނިސްޓަރ އާމިނަތު ޝިއުނާ އަދި ގިނަ ސިޔާސީ އިސް ލީޑަރުންނެއް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިނިސްޓަރ ޝިއުނާ އޭނާގެ ޝުއޫރު ފާޅުކުރައްވާ ވިދާޅުވީ އައްޑޫއިން ފެންނަމުންދާ މަންޒަރު ވަރަށް ސާފު ކަމަށެވެ. އަދި ވިދާޅުވީ ފެންނަމުންދާ މަންޒަރަކީ ބޮޑު މަންޒަރެއް ކަމުގައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ގިނަ ވަގުތުތަކެއް ހޭދަ ކުރައްވާ ރައީސްއަށް ވިދާޅުވި ހޫނު މަރުހަބާ ފާހަގަކުރައްވާފައެވެ.
އައްޑޫ މީދޫދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވީ އައްޑޫގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި ރައީސް ސާލިހް ފަދަ ވެރިއެއް އައްޑޫއަށް ލިބިވަޑައިނުގަންނަވާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. މީގެެއިތުރުން ވިދާޅުވީ އައްޑޫގެ ހަޔާތުގައިވެސް އެސިޓީއަށް އެވަރުގެ މަސައްކަތް ކޮށްދެއްވި ވެރިއަކު ނާންނަ ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނުގެ ދައުރުގައި، ހުޅުދޫ، މީދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ފޭދޫގެ ގިނަ މަޝްރޫއު ތަކެއް ނިންމަވާދެއްވާފައެވެ.

