ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ދަރަނި މެނޭޖު ޕްލޭނެއް ނެތް، ފައިސާ ޗާޕު ކުރުން ހުއްޓާލަން ޖެހޭ: މުއިއްޒު

މެނިފެސްޓޯ އިއުލާންކުރުމުގެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް އެއްވެސް ޕްލޭނެއް އަދި ރަނގަޅު ސިޔާސަތެއް ވެސް ނެތި ސަރުކާރުން ކުރަމުންދާކަމަކީ އަދިވެސް ފައިސާ ޗާޕު ކުރުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، މުއިއްޒު ވިދާޅުވި ގޮތުގައި ގައުމު އިގްތިސާދީ ގޮތުން ވެއްޓިފައިވާ ހާލަތުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އައިއިރު ރާއްޖޭގެ ޖުމްލަ ދަރަނި 113 މިލިއަނަށް އަރާފައިވާއިރު އަންދާޒާއަކީ އަހަރު ނިމޭއިރު އެ އަދަދު އެތައް ގުނައަކުން އިތުރުވެގެން ދިއުންކަން މުއިއްޒު ފާހަގަކުރި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ކަންބޮޑުވުން ހުރީ ގައުމުގެ އެތެރޭގައި ނޫންކަމަށައި ބައިނަލްއަޣުވާމީ މާލީ އިދާރާތްތަކުން ވެސް އެކަން ފާހަގަކޮށް ސަމާލުވުމަށް ގޮވާލާތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ.

2026 ގަ އެބައޮތް ބޮޑު އަދަދެއް ދައްކަން ވެސް.. 2025 ގަ ވެސް ކޮންމެވެސް ވަރެއް އެބައިން.. އަދި 2026 ގަ މާ ބޮޑު އަދަދެއް.. އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅަނީ އަޅުގަނޑުމެން މައްސަލަ ހުށަހަޅާނެ ގޮތް.. މައިގަނޑު ގޮތެއްގައި އިގްތިސާދުގައި ހުރި ހުރިހާ އަސާސްތައް މިވަނީ ފާލުން ނައްޓާލާފަ..

މުއިއްޒު ވިދާޅުވީ އިގްތިސާދު މެނޭޖު ކުރުމަށް ރަނގަޅު ޕްލޭނެއް ހަދައި، އެ އަޒުމުގައި މަސައްކަތް ކުރާނަމަ އެކަން ކާމިޔާބުވީސް ކަމަށެވެ. ޓެކްސް މެދުވެރިކޮށް ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭއިރު މުސާރަތައް ރަނގަޅު ގޮތެއްގައި ދެވި ހަމަޖެހޭ އުސޫލެއް ގާއިމު ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިގްތިސާދު ހަރުދަނާ ކުރުމަށް އޮތް އެންމެ އަސާސްކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ލޯނުތައް ނެގުން ނުވަތަ ބޮރޯ ކުރުން ހުއްޓާލުމަށް ފަހު ލިބޭ ފައިސާއިން ރިކަރަންޓު ހަރަދުތައް މެނޭޖު ކުރުމެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ، އިންވެސްޓަރުން ވެސް ގައުމަކުން އިގްތިސާދު މެނޭޖު ކުރާ ގޮތް ބަލައި ދިރާސާ ކުރުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން އާދައަކަށް ހަދާފައިވާ ފައިސާ ޗާޕް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. މިއީ އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫންގޮތަކަށް އަޅަން ޖެހޭ ފިޔަވަޅަކަށް ވީނަމަވެސް ސަރުކާރުގެ އެއްވެސް ވިސްނުމެއް ޕްލޭނެއް ނެތި ފައިސާ ޗާޕު ކުރުމުގެ ގެއްލުން ގައުމަށް ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑު-19 ގެ ދުވަސްވަރަކީ އެއީ އިސްތިސްނާ ހާލަތެއްގެ ގޮތުގައި ބެލެވިދާނެކަމަށާއި، އެކަމަކި 2022 އާއި މި އަހަރު އެކަން ކުރަން ޖެހޭ އެއްވެސް ހާލަތެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރީ މި ސަރުކާރުން ޗާޕް ކުރި ފައިސާގެ އަދަދު އަށް ބިލިއަނާ ގާތް ކުރުމެވެ.

މީގެ 40 އަހަރު ކުރިއަށް ބަލާއިރު ވެސް އެ މުއްދަތުގެ ތެރޭގައި ވެސް މި އަދަދަށް ޖުމްލަ ފައިސާ ޗާޕްކޮށްފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ފަސް އަހަރު އެކަނި 08 ބިލިއަން.. އެހެން ފައިސާ ޗާޕު ކުރީމަ.. ފައިސާ ދައުރު ވާ މިންވަރު އިތުރުވެގެން އަޅުގަނޑުމެން މިއޮތީ.. އަގުތައް މައްޗަށް ގޮސްފި.. އިންފްލޭޝަން މައްޗަށް ގޮސްފި.. އެކްސްޗޭންޖިން ރޭޓު އިންތިހާއަށް މައްޗަށް ގޮސްފި..

މުއިއްޒު ވިދާޅުވީ މި ހުރިހާކަމަކަށް ބެލުމުގެ ބަދަލުގައި ސަރުކާރުން، އެކަމާ ގުޅުން ހުރި މާއްދާ ސަސްޕެންޑު ކުރުމަށް ފަހު، އެ މުއްދަތު ވެސް ދަންމާލީ ކަމަށެވެ. އެހެންކަމުން އެ އިސްތިސްނާ އުވާލުމަށް ފަހު ސަރުކާރުން ބޭކާރު ހަރަދުތައް ހުއްޓާލަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނިތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. ރާއްޖޭގެ ކްރެޑިޓިނަށް ވެސް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައްތައް ގިނަކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދަރަނިތައް ދެއްކުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފަންޑެއް ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑު ޑޮލަރުން ގާއިމު ކުރުމުން މި ސަރުކާރުން އެހެން ބޭނުމަކަށް އެ ފައިސާ ބޭނުން ކުރުމަށް ފަހު ފައިސާއިން ޖަމާ ކުރަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެ ފަންޑުގެ ބޭނުމަކީ ކުއްލި ބޭނުމެއް ޖެހިއްޖެ ހާލަތަކަށް، ނުވަތަ ލޯނުތައް އަނބުރާ ދެއްކުމުގައި ދަތިވާނަމަ ބޭނުން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލި ސިޔާސަތެކެވެ.

 އޭގެ ބަހެއްޓެވީ ޑޮލަރު، މި ސަރުކާރުން އައިސް މި ކުރިމަކީ އޭގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްފި ކޮންމެވެސް އެހެންކަމަކަށް… ބޭނުންކޮށްލާފަ ރުފިޔާ މި ޖަމާ ކުރަނީ..

އެހެންވެ މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ އެ ފަންޑަކީ އަނެއްކާވެސް ޑޮލަރު ޖަމާ ކުރާ ފަންޑަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ފަންޑަށް ގާނޫނީ ރައްކާތެރިކަން ދީ، ބޭނުންވާހާ ކަމަކަށް ފައިސާ ނުނެގޭ ގޮތަކަށް ބަދަލު ގެންނާނެ ކަމަށެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވަމުން ދާއިރު، އަހަރު ނިމޭއިރު އެ އަދަދު 120 އިން މައްޗަށް އަރާނެކަމަށް ބެލެވެ އެވެ. ދަރަނި މިހާ ބޮޑުވީ، ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫންވެސް ބޭނުންތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެވެ.

ޖުމްލަ ދަރަނިީގެ ނިސްބަތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހެނީ 182،943 ރުފިޔާ އެވެ.

މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ލޯނެއް ނަގާފައި ވަނީ ކޮވިޑު-19 މެނޭޖު ކުރުމަށާއި، ތިލަމާލެ ބްރިޖް މަޝްރޫއަށެވެ. އެއީ 400 މިލިއަން ޑޮަލަރެވެ. އަދި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އަދަދު 19 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: