އެމްޑީޕީގެ ކޯލިޝަން ޕާޓުނަރެއް ގޮތުގައި އޮތް ޕާޓީއެއްކަމަށްވާ އެމްޑީއޭއިން ކޯލިޝަނުން ވަކިވެފައިވީނަމަވެސް އިންތިހާބު ކާމިޔާބުވާނެކަމާއިމެދު އުންމީދު އޮތްކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއިއެކު ކޯލިޝަން ހެދި ޕާޓީތަކަކީ އަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިންގައިވެސް އުޅުއްވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެމްޑީޕީއާއި ދުރަށް ޖެހުމުގެ ވިސްނުންތައް ގެންގުޅުއްވިކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ. ރޭގެ ވަގުތެއްގައި އެ ޕާޓީގެ ކައުންސިލުގެ ދެ މެމްބަރެއް ފިޔަވައި ބާކީ ހުރިހާ މެމްބަރުންވަނީ ރަސްމީގޮތުން އެކަން ކޮށްފައެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓާއިއެކު ކުރިއަށް ދިއުމަށް އެ ޕާޓީގެ ކައުންސިލުންވަނީ ނިންމާފައެވެ.
އެމްޑީއޭ ވަކިވި މައްސަލައަށް އަލިއަޅުއްވައި ކުރެއްވި އެކްސްއެއްގައި ފައްޔާޒުވަނީ އުންމީދު ނުގެއްލޭކަމަށް ފެނިގެންދާ ފަދަ ގޮތަކަށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީއޭގެ ނިންމުމަށް އިހުތިރާމުކުރާކަމަށާއި ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރުވެރިވާކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ބަލިނުކޮށްލެވުނު ހިތްވަރެއްކަމަށާއި އެއީ ގުދުވާލެވިފައިނުވާ އަޒުމެއްކަމަށެވެ. އަދި އެ ޕާޓީއަށް އޮތީ ”ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް “ ދިންކަމަށް ފަައްޔާޒު ވިދާޅުވިއެވެ.

