އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ބުނި ގޮތުގައި މި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ މިދިޔަ ހުކުރު ދުވަހު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، މުއިއްޒާއި ހުސެއިންއެކުގައި ފޮޓޯ އާއި ސަލާމް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ ސަރަހައްދަށް ވައުދުތަކެއް ވެވަޑައިގެންފައިވާނެއެވެ. އެހެންވެ، އެ ވައުދުތައް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީނކަން އެމަނިކުފާނު ދެއްވެވިއެވެ

