ރައްޔިތުންގެ މަޖިލީސް ވުޖޫދުވެގެން އައީ 1932 ވަނަ އަހަރުގެ ފަހުކޮޅުގައިކަމަށްވާއިރު، މިހާރު 91 އަހަރު ފުރިފައިވާ އެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމާއި އަދި ގާނޫނުތަކަށް އިސްލާހު ގެނައުމަށާއި މުހިންމު ބިލްތަކަށް ބަހުސް ކޮށް މިފަދަ ރައްޔިތުންނަށް މުހިންމު މަސައްކަތްތަކެއް ކުރާ ތަނެކެވެ. ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ފަސްވަނަ މާއްދާގައި ބަޔާން ކުރާގޮތުގައި ދިވެހިރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ގާނޫނު އަސާސީ އަށް ގެންނަށް ޖެހޭ އިސްލާހުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ގެންނަ އިސްލާހުތަކެވެ.
1933 ފެށިގެން 2023 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 18 ބޭފުޅަކު ކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ފަސްވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ މަޖިލީހުގެ ރައީސަކ،ީ ވަކިފަރާތަކަށް ޖެހުމެއްނެތި، ގާނޫނު އަސާސީއާއި މި ގަވައިދާއި މަޖިލީހުގެ ނިންމުންތަކާއި އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ހިގާ އެންމެހައި ކަމެއްގެ ޒިންމާ ވާންޖެހޭ ފަރާތަކީ ރިޔާސަތު ބަލަހައްޓަވާ ފަރާތެވެ.
މަޖިލީހަކީ މިހާ މުހިންމު ނިންމުންތަށް ނިންމާ ތަނަކަށް ވާއިރު މަޖިލީހުގެ ހުރުމަތް ކެނޑޭހިސާބަށް ހާލަތު ވަނީ ގޮސްފައެވެ. މަޖިލީހުގައި އިތްޒަތްތެރިކަމަށް ބުނާ މެންބަރުންނަކީ ބިލުތަކަށާއި މުހިންމު މައުޟޫއުތަކަށް ބަހުސް ކުރުމުގައި މައުޟޫއުއާއި ބޭރު އަދި އަމިއްލަ މަސްލަހަތު އިސްކޮށް ބަހުސް ކުރަމުން އަންނަ މެންބަރުންނެވެ. މިއަދު މަޖިލީހުގައި ބަހުސް ކުރަނީ ރައްޔިތުންގެ ހައްގުތަކާއި އަދި އެ މެންބަރަކު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންގެ ފައިދާއަކަށް ނޫނެވެ.
މަޖިލީހުގައި ކަންބޮޑުވާ މިންވަރަށް ސިޔާސީ ކުލަ އެބައޮތެވެ. އެހެންނަމަވެސް މަޖިލީހުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި ކަންކުރަންވީގޮތް މަޖިލީހުގެ ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އަދި މެންބަރަކު ގަވައިދާއި ހިލާފު އަމަލެއް ކޮށްފިނަމަ އެކަން ހުއްޓުވުމުގެ ފުރިހަމަ ބާރު މަޖިލީހުގެ ރައީސްއަށް ލިބިގެންވެއެވެ. މަޖިލީީހުގެ ގަވައިދުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއެއް ދެމިއޮތްހާ ހިނދަކު، މަޖިލީހުގެ ރައީސް ގަނޫނުއަސާސީއާއި މި ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ކޮންމެ އަމުރަކަށް މެންބަރުން ފުރިހަމައަށް ކިޔަމަންވާންވާނެކަމަށެވެ.
މަޖިލީހުގެ ގަވައިދުގައި ކޮށްގެން ނުވާނެކަމަށް ބަޔާންކުރާ ކަމެއް މެންބަރަކު ކޮށްފިނަމަ މަޖިލީހުގެ ރައީސް އެ މެންބަރަކަށް ނަސޭހަތްތެރިވާންވާނެ ކަމަށާއި އަދި މެންބަރަކަށް އެފަދަ އަމަލެއް ކުރާތަން ފެނިއްޖެނަމަ އެކަން ނިޒާމީ މައްސަލައެއް ގޮތުގައި މަޖިލީހަށް އަންގަންވާނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެންމެ ފަހުންވެސް ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ މޭޒުގައި ތިއްބަވާ މުވައްޒަފުންނަށް ހަޑިހުތުރު ބަސްތަކުން މުއާމަލާތްކުރާ މަންޒަރެވެ.
އެތަށް ރައްޔިތުންނެއްގެ ހައްގުތަށް ކަށަވަރު ކުރައްވަން ތިއްބަވާ މެންބަރުން އުޅުއްވަނީ މަޖިލީހުގެ ގައިވާދާ ހިލާފުވެ އެތަނުގައި ހުރުމަތް ކެނޑޭގޮތަށެވެ. މަޖިލީހަކީ ކުޅޭކުޅޭ ތަނަކަށްހަދާ ލަވަޔާ ޒުވާބުކުރުން ފަދަ ފިނޑި އަމަލުތަށް ހިންގަމުން ދަނީ މިދެއްނެވި އިއްޒަތްތެރި މެންބަރުންނެވެ. އަދި އޭރެއްގެ ވެރިކަން ކުރަންވާ ރައީސަކަށްވެސް ހިތްނޭދޭފަދަ ނަންނަމުން ގޮވުމަކީ މަޖިލީހުގެ ހަމަ އެ އިޒަތްތެރި މެންބަރުން ކުރައްވާ ނާތަހުޒީބު އަމަލެކެވެ.
މިހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު މަޖިލީސް ކުރިއަށް ގެންދިއުމަށް ކޯރަމް ހަމަވަނީ ހަމަ ކިރިޔާއެވެ. ކޮންމެ ހަފްތާއެއްގެ ރަސްމީ ތިން ދުވަހު ބާއްވާ މަޖިލީހަށ،ް ކޯރަމް ހަމަނުވެ ނިންމާލަން ޖެހޭ ދުވަސްތަށްވެސް ގިނައެވެ. އެހެންނަމަވެސް ތާއިދު ކުރައްވާ ޕާޓީއަށް ނުވަތަ އަމިއްލަ މަސްލަހަތު އިސްކޮށް ނިންމާ ކަންކަމުގައި މަޖިލީހުގެ ތަޅުމަށް މެންބަރުން ވަޑައިގެން އެކަންކަމާމެދު ބަހުސްކުރައްވާ ތަން ފެނެއެވެ.
މިއަދު މަޖިލީހުގެ މެންބަރުންނަށް މުހިންމުވީ ވޯޓު ހޯދުމަށް ގޮސް އެބައެއްގެ ގާތުގައި އާދޭސްކުރާ ރައްޔިތުމީހާއެއްނޫނެވެ. އަމިއްލަ ޕާޓީ މުހިންމުވެފައިވާ މަޖިލީހުގެ މެންބަރުން ހޮވަން ރައްޔިތުން މިއަދު ފަސްޖެހެއެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ފައިދާއެއް ކުރާ ތަނަކަށް ވަނީ މަދު ފަހަރަކުއެވެ. މަޖިލީހުގައި މުހިންމު ބިލްތަކެއް ބަހުސް ނުކުރެވި ހުރިއިރު މަޖިލީހުގެ ބާރު ކަނޑުވާލާ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސްފައިވަނީ އެ މެންބަރުން މަޖިލީހުގައި ތިއްބަވައިގެނެވެ.

