ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ހެނދުނުގެ 10:00 އަށެވެ. އަދި މި މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ވަނީ ތަދައްހުލުވުމަށް ހުށަހަޅާފަ އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި އެދިފައި ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދޭންށެވެ.
މަޖިލީހުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް އިރު، އެ މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅި އިތުބާރު ނެތްކަމުގެ ގަރާރުގެ ނޯޓިސް ހަމަވީ މިދިޔަ އާދީއްތަ ދުވަހަށެވެ. އެކަމަކު ކުރިން ވެސް ބެލެނުވު ގޮތަށް، މައްސަލަ އެޖެންޑާކޮށް ވެސް ކުރިޔަށް ނުގެންދެވުނީ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ނެތުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް ޑެންގޫ ހުމަށް ޕޮޒިޓީވް ވެ މި ހަފްތާގައި އެއްކޮށް ހުންނެވީ ސަލާމުގަ އެވެ. އަދި އީވާ ނެތި އެ މައްސަލަ ކުރިޔަށް ގެންދެވެން ނެތީ، ނަޝީދު ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާތީ އެވެ.
އެ ނިންމުމުގައި ފިލްޒާ ވިދާޅުވެފައި ވަނީ، އީވާ ރިޔާސަތުގައި ނެތި ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެކަމަކު އެ ނިންމެވުން ބަލައިގަތުމަށް އެމްޑީޕީން ދެކޮޅު ހަދަ އެވެ. އެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން ދެކެނީ، ރައީސް ނަޝީދާއި އީވާއަކީ އާއިލީ ދެ ބޭފުޅުންނަށް ވާތީ އެ މައްސަލައިގެ ވޯޓު ނެގުމުގެ ރިޔާސަތުގައި ހުންނެވުމަށް އިވާ ބޭނުން ނުވާ ކަމަށެވެ.
އެހެންވެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން ވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމާފައިވާ ނިންމުން އެއީ ގާނޫނާ ހިލާފު ނިންމެވުމަށްކަމަށް ވެސް ކަނޑައަޅައިދިނުމަށް ވެސް އެދިފަ އެވެ.
މަޖިލީހުގެ މަސައްކަތްތައް ބޮއިކޮޓުކޮށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ވެސް ގަބޫލު ނުކުރާނެކަމަށް ބުނެ މަސައްކަތް ކުރާ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ އިންތިހާބުގެ ނާކާމިޔާބީގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ޖެހޭނެކަމަށް އެމްޑީޕީ ދެކޭތީ ބަދަލު ހިފުމުގެ ރޫހުގަ އެވެ. ރިޔާސަތަށް އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ، ޒާތީ މައްސަލައެއްކަމަށް ބުނެ އެ ޓެގު ދޭތީ އަސްލަމް ވަނީ އެފަދަ ނިޔަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

