މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި، 4000 ފްލެޓަށް ޕޮއިންޓު ދީފައި ވާނީ ފޯމުތައް ހުށަހެޅިއިރު ހިމަނާފައިވާ މައުލޫމާތުތަކުގެ މައްޗަށްކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅަމުން ދާ 4000 ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ލިސްޓު އާންމު ކުރިއިރު ޕޮއިންޓު ދިނުމުގައި އަމަލު ކުރި އުސޫލާއި، އަދި މާލޭގައި ދިރިނޫޅޭ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓު ލިބުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާތަކާއި އެކު މިއަދުގެ ހެނދުނު ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި ގިނަ ބަޔަކު ވަނީ އިހުތިޖާޖުކޮށް، ޕޮއިންޓު އުސޫލު ހާމަކުރަން ގޮވާލާފަ އެވެ.
ލިސްޓުގައި ވާގޮތުގައި ފްލެޓު ލިބުނު މީހުންގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންޓު ލިބިފައި ވަނީ 73 އިން މަތީން މާކްސް ލިބުނު މީހުންނަށެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓު 76 އިން މަތިން ލިބިގެންނެވެ.
މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރި ގިނަ މީހުން ވަނީ އެ މީހުން މާލޭގައި އުޅޭތާ އެތައް އަހަރެއްވިއިރު ޝަރުތު ހަމަނުވާންވީ ސަބަބާ މެދު ސުވާލު އުފައްދާފަ އެވެ. އާންމުން އެއްވެ ޝަކުވާ ކުރަމުން ދަނިކޮށް އެތަނަށް އަކްރަމް ވަޑައިގެން ވިދާޅުވީ ފޯމަށް ޕޮއިންޓު ދިނީ ކޮންމެ މީހަކު ވެސް ހިމެނި މައުލޫމާތުގެ މައްޗަށް ކަމަށެވެ. އަކްރަމް އެހެން ވިދާޅުވުމުން އެންމެން އަޑުގަދަކޮށް، ހިމެނި މައުލޫމާތުގެ މައްޗަށް ފްލެޓު ލިބެން ޖެހޭކަމަށް ފާހަގަކުރި އެވެ. އެއާއި އެކު އަކްރަމް ވިދާޅުވީ މި މަހުގެ 09 ގެ ނިޔަލަށް ޝަކުވާއަށް ހުޅުވާލާފައި ވާތީ އެ ޕްރޮސެސްގެ ދަށުން ކުރިޔަށް ދިއުމަށެވެ.

