ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްގެ ނަން ހުށަހެޅުމަށް ފާސްކޮށްފިއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާގުޅިގެން މަޖިލީހުގެ ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ 49 މެމްބަރުންގެ ސޮޔާ އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ޕިޖީ ގްރޫޕުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާއިރު މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ރިޔާސަތަށް މެމްބަރަކު އިންތިހާބު ކުރުމެވެ.
މަޖިލިސް 19 ގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އެމަނިކުފާނުގެ ރަނިން މޭޓެވެ. އަދި, މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުކަން ވެސް އަސްލަމް ގެންދަނީ ފުރުއްވަމުންނެވެ.

