ފެނަކަ ކޯޕަރޭޝަނުގެ ދަރަނީގެ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގާފައި ވަނީ ރަނގަޅަށްކަމަށާއި އެ ނިންމުމަށް ބަދަލު ގެނަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
މިއީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔާ ޝިފްޒާން އަހުމަދު 2022، ޖުލައި މަހު ހުށަހެޅި މައްސަކައެކެވެ. އޭނާ އެދިފައި ވަނީ ފެނަކައިން އެކު ފަރާތްތަކުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދާއި ނުއްދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު ކުންފުނިތައް އެނގޭހެން ހޯދުމަށެވެ. އެކަމަކު ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ފެނަކައިގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޝިފްޒާން އެ މައްސަލަ އައިކޮމްއަށް ހުށަހެޅީ އެވެ.
މި މައްސަލައަކީ ހިޔާނާތުގެ އެކި ތުހުމަތުތަކެއް ކުރެވި، ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތަކެއްގެ ތަހުގީގު ކުރިޔަށް ދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރުމުގެ ކުރިން އުފެދުނު މައްސަލަ އެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އައިކޮމް އޮފީހުން ފެނަކައަށް އެންގި އެންގުމުގައި ވަނީ ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލ ހާމަކުރުމަށް ނަމަވެސް ތަފްސީލުތައް ދޭން ދެކޮޅު ހަދައި، ފެނަކައިން އައިކޮމްގެ އެންގުން އިސްތިއުނާފު ކުރީ އެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ފެނަކައިން ފައިސާ ދައްކަން ޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލު މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެކަމަށް ފެނަކައިން ބުނި ނަމަވެސް، އެފަދަ ހާލަތެއް އޮތްކަމަށް ނުބެލެވޭ ކަމަށެވެ. ކޯޓުގެ ހުކުމުގައި ވަނީ އެ މައުލޫމާތު ދިނުމުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންވެދާނެކަމަށް ފެނަކައިން ބުނާ ބަހުގައި އަސާސެއް ނެތް ކަމަށެވެ. އަދި މިއީ ސިއްރު ހިފެހެއްޓުމުގެ އުސޫލާއި ހިލާފުވުންކަމަށް ފެނަކައަށް ނުބުނެވޭނެކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ބުނެފައި ވަނީ ހޯދަން އެދިފައިވާ މައުލޫމާތަށް ބަލާއިރު ހުސޫމާތު އުފެދިގެން އުޅޭ މައްސަލައިގެ މައުލޫމާތަކީ ފެނަކައިން އެކު ފަރާތްތަކަށް ނުދައްކައި ހުރި ބާކީ ފައިސާގެ ޖުމްލަ އެނގޭނެހެން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ މައުލޫމާތު ދިނުމުން ތިން ވަނަ ފަރާތްކަމަށް ބެލެވޭ ކުންފުނިތަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ނުވަތަ ވިޔަފާރީގެ ސިއްރެއް އާންމުވެ ގެއްލުންވާނެ ހާލަތެއް ނެތްކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ސަބަބަކީ އެ މައުލޫމާތު އާންމު ކުރުމުން އާންމުނަށް ހާމަވެގެން ދާ މައުލޫމާތަކީ ފެނަކައިން އެ ކުންފުނިތަކަށް ދަރަނިވެރިވެފައިވާ މިންވަރު އެކަނިކަމަށްވެފައި އެއީ އޭގެ ސަބަބުން އެ ކުންފުނިތަކުގެ މާލީ މަސްލަހަތަށް ގެއްލުންވެދާނެކަމެއްކަމަށް އަހަރެންނަށް ގަބޫލު ނުކުރެވެއެވެ
މިކަން ފާހަގަކޮށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ފެނަކައިގެ ދަރަނީގެ މައުލޫމާތުތައް އާންމު ކުރުމަށް އައިކޮމްއިން އެ ކުންފުންޏަށް އެންގި އެންގުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވުނީ ފެނަކައަށެވެ. އެކަމަކު މިދިޔަ ސަރުކާރުގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މެމްބަރުން ވަނީ، ކުންފުނީގެ ދިފާއުގައި ވާހަކަ ދައްކާވަފަ އެވެ. އޭގެ ފަހުން އައު ސަރުކާރު އައުމުގެ ކުރިން އޮތް ޓްރާންސިޝަނަލް މުއްދަތުގައި އޭސީސީން ބަޔާނެއް އާންމުކޮށް ވަނީ ކުންފުންޏާއި ގުޅުން ހުރި ގިނަ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާކަން ހާމަކޮށްފަ އެވެ.
އެ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.
މީޑިއާތަކަށް އޭސީސީން ބުނީ މިހާތަނަށް ފެނަކައާއި ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

