ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ގަައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖާއި، ދިވެހި ގައުމީ ޗާޕުޚާނާ ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ބަޔާންކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމެވެ.
މިގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްވެ ހިންގާ މި ނިޒާމުގެ ތެރެއިން ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން ޢިލްމީ ޤާބިލު ބަޔަކު އުފެއްދުމެވެ. އަދި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ ޢިލްމީ ޤާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމަކީވެސް ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތެކެވެ.
ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ ޢިލްމެއް އުފަންކޮށް އިޢާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް ޢިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިޢުކުރުމާއި ޤައުމިއްޔަތުގެ ޢިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ޤައުމިއްޔަތުގެ ޢިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނެއެވެ.
މިއަދު އުފައްދަން ނިންމެވި ދިވެހި ޤައުމީ ޗާޕުޚާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.

